ޚަބަރު

ކޮއްދިއްޕަރުގެ ބަލިކޮށް ބަނޑޮހުން ފެށުން ރަނގަޅުކޮށްފި


އިންޓަރ ރިސޯޓް ވޮލީބޯލް ޗެމްޕިއަންޝިޕުގައި ގްރޭންޑް ޕާރކް ކޮއްދިއްޕަރުގެ މައްޗަށް ކުރި ހޯދައި ބަނޑޮހުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

މުބާރާތުގެ ޒޯން އެކެއްގައި ބަނޑޮހާއި ކޮއްދިއްޕަރުގެ ކުރިމަތިލުން ބަނޑޮހުން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ބަނޑޮހުން މެޗުގެ ފުރަތަމަ ދެ ސެޓުވެސް ކާމިޔާބުކުރީ ވަރަށް ފަސޭހަކަމައިއެކުއެވެ. އެގޮތުން، ފުރަތަމަ ސެޓު 25-14ން އަދި ދެވަނަ ސެޓު 25-15ން ބަނޑޮހުން ކާމިޔާބުކުރިއެވެ. ތިންވަނަ ސެޓުގައި ކޮއްދިއްޕަރުންވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ކޮއްދިއްޕަރުންވަނީ ފަހަތުން އަރާ ލީޑުވެސް ނަގާފައެވެ. އެއާއެކު ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ވާދަވެރި ކުޅުމެކެވެ. ނަމަވެސް 18-18ން ނަތީޖާ އެއްވަރުވެފައިވަނިކޮށް ކޮއްދިއްޕަރަށް ހެދުނު ގޯސްތަކެއްގެ ބޭނުންހިފައި ބަނޑޮހުން 25-23ން ސެޓު ކާމިޔާބުކޮށް، މެޗުން މޮޅުވިއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ ބަނޑޮހުގެ ތަޖުރިބާކާރު ސެޓަރު އިޝާން އިބްރާހީމެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ބަނޑޮހުގެ ކޯޗް މުޙައްމަދު ސާޖިދު ބުނީ މުބާރާތުގެ ފުރަތަމަ މެޗު ކާމިޔާބުކުރެވުމުން ވަރަށް ބޮޑަށް ހިތްހަމަޖެހިއްޖެކަމަށާއި މި މޮޅަކީ މުބާރާތުގައި ކުރިއަށްދާން ލިބުނު ބޮޑު ހިތްވަރެއްކަމަށެވެ. އަދި މުބާރާތް ރޭވިފައިވާގޮތުން ފައިނަލުގެ ސީދާ ޖާގައެއް ހޯދަން މަސައްކަތްކުރާއިރު، ސީދާ ތިން ސެޓުން ކޮއްދިއްޕަރު ބަލިކުރެވުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށްވެސް ސާޖިދު ބުންޏެވެ. އޭނާ ބުނީ ފުރަތަމަ ދެ ސެޓު ފަސޭހަކަމައިއެކު ކާމިޔާބު ކުރެވުމުން ފަހު ސެޓުގައި ކުޅުންތެރިން މާ ބޮޑަށް ފަސޭހަކޮށްލީކަމަށާއި ނަމަވެސް ފަހުން ކުޅުން ރަނގަޅުކުރުމުން މާ ބޮޑު އުނދަގުލަކާއި ކުރިމަތިލާން ނުޖެހުނުކަމަށެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ކޮއްދިއްޕަރުގެ ކޯޗު މުޙައްމަދު ޝަރަފް ބުނީ ސީދާ ތިން ސެޓުން ބަލިވުމަކީ މުބާރާތުގައި އިތުރަށް ކުރިއަށްދާން ހުރަސް އެޅޭފަދަ ނަތީޖާއެއް ނޫންކަމަށެވެ. އަދި ބަނޑޮސްފަދަ ވަރުގަދަ ޓީމަކާއި ފުރަތަމަ މެޗު ކުޅެން ޖެހުނު ނަމަވެސް ޓީމުގައި ތިބި ޒުވާން އުންމީދީ ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާއިމެދު ހިތްހަމަޖެހޭކަމަށްވެސް އޭނާ ބުންޏެވެ.