ވިޔަފާރި

ޓެކްސީ އެޕްލިކޭޝަން ތައްޔާރުކުރުމުގެ ފުރުޞަތު ހުރިހާ ސެންޓަރުތަކަށް ހުޅުވާލައިފި


އަލަށް ރަޖިސްޓްރީކުރާ ޓެކްސީތަކަކީ ޓްރާންސްޕޯޓް އޮތޯރިޓީން ހުއްދަ ދީފައިވާ އެޕްލިކޭޝަނެއްގައި ރަޖިސްޓްރީކޮށްފައިވާ ޓެކްސީއެއްކަމަށް ކަނޑައަޅާފައިވާ އޮތް އޮތުން ބާތިލުކޮށްފިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ މިދިޔަމަހުގެ އެއްވަނަ ދުވަހުން ފެށިގެން އަމަލުކުރަމުންދިޔަ މި އުސޫލު ބާތިލްކުރީ ގިނަ އަދަދެއްގެ ޓެކްސީ ސެންޓަރުތަކުން އެކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް، އެކަމަށް އެދުމުންކަމަށެވެ. އެހެންކަމުން ކުރީގެ އިޢުލާން ބާތިލުކޮށް، ޓެކްސީތަކަށް ސެންޓަރުގައި ރެޖިސްޓްރީވުމުގެ ފުރުސަތާއި އެޕްލިކޭޝަނުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ދީފައިވާކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ އެ އޮތޯރިޓީން ކަނޑައަޅާ އެޕްލިކޭޝަނެއްގެ ބަދަލުގައި، ކޮންމެ ޓެކްސީ ސެންޓަރަކަށްވެސް އެ އޮތޯރިޓީން ކަނޑައަޅާ މިންގަނޑަކާ އެއްގޮތަށް އެޕްލިކޭޝަން ތައްޔާރުކުރުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާކަމަށެވެ. އަދި ޓެކްސީ ސެންޓަރުތަކުން ތައްޔާރުކުރާ އެޕްލިކޭޝަންތައް 60 ދުވަހުގެ ތެރޭގައި ޓްރާންސްޕޯޓަށް ހުށަހަޅަންޖެހޭނެކަމަށްވެސް އެ އިދާރާއިން ބުނެއެވެ.

ރާއްޖޭގައި ދެވޭ ޓެކްސީ ޚިދުމަތަކީ ރައްޔިތުން ބަލައިގަންނަ ޚިދުމަތަށް ހެދުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޓެކްސީތަކުން ބައެއް ދަތުރުތަކަށް ނަގަމުންދިޔަ އަގުތައް ކޮންޓްރޯލްކޮށް، ޤަވާއިދާ ޚިލާފަށް އަމަލުކުރާ ޓެކްސީތަކާމެދު ސަރުކާރުން ވަނީ ފިޔަވަޅު އަޅަން ފަށާފައެވެ. އެއާއެކު ޤަވާއިދާ ޚިލާފަށް އަމަލުކޮށްގެން ފިޔަވަޅު އަޅާ ޓެކްސީތަކުގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.