ވިޔަފާރި

ސީއެމްޑީއޭގެ ސީއީއޯގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލައިފި


ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ސީ.އެމް.ޑީ.އޭގެ ޗީފް އެގްޒެކްޓިވް އޮފިސަރގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ސީ.އެމް.ޑީ.އޭގެ ޗީފް އެގްޒެކްޓިވް އޮފިސަރގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައި މިވަނީ އެމަޤާމުގައި ހުންނެވި ނާދިޔާ ހަސަން މިދިޔަމަހުގެ 29 ވަނަ ދުވަހު އިސްތިއުފާދެއްވުމާ ގުޅިގެނެވެ. އޭނާ އިސްތިއުފާ ދެއްވުމާ ގުޅިގެން އެމަޤާމުގެ މަސްޢޫލިއްޔަތުތައް ވަގުތީ ގޮތުން ޙަވާލުކޮށްފައިވަނީ ސީއެމްޑީއޭގެ ޑިރެކްޓަރ ޖެނަރަލް ފާތިމަތު އަބްދުﷲ ކަމާލުއްދީންއާއެވެ.

ސީއެމްޑީއޭއިން ބުނީ ސީއީއޯގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު މިމަހުގެ 23 ވަނަ ދުވަހުގެ މެންދުރު ދޭއް ޖެހުމާ ހަމައަށް ހުޅުވާލެވިފައިވާކަމަށެވެ. މަޤާމުގެ ޝަރުތުތަކުގެ ތެރޭގައި މާލީ ދާއިރާއާ ގުޅުންހުރި ދާއިރާއަކުން ބެޗެލާސް ޑިގްރީ ނުވަތަ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 އަށް ފެތޭ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅުންހުރި ދާއިރާއަކުން 7 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައި ހުރުން ހިމެނެއެވެ.

ސީއެމްޑީއޭގެ ސީއީއޯގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލާފައިވާއިރު، އެމަޤާމުގެ މުސާރައިގެ ގޮތުގައި 25 ހާހާއި 30 ހާހާއި ދެމެދުގެ އަދަދެއް ލިބޭނެއެވެ. އަދި ފިކްސްޑް އެލަވަންސްގެ ގޮތުގައި 12 ހާސް ރުފިޔާ ހަމަޖައްސާފައިވާއިރު ބޯޑު އެލަވަންސްގެ ގޮތުގައި 10 ހާސް ރުފިޔާ ވަނީ ހަމަޖައްސާފައެވެ.