ކުޅިވަރު

ކުޑަހުރާ ބަލިކޮށް ބަނޑޮހުން ފައިނަލާ ގާތަށް


20ވަނައިންޓަރ ރިސޯޓު ވޮލީބޯޅަ މުބާރާތުގެ ޒޯން ވަންގައި ބަނޑޮސް މޯލްޑިވްސުން ފޯ ސީޒަންސް ކުޑަހުރާގެ މައްޗަށް ކުރިހޯދައި ފައިނަލާއި ގާތަށް ޖެހިލައިފިއެވެ. ބަނޑޮހާއި ކުޑަހުރާގެ ކުރިމަތިލުން ބަނޑޮހުން ކާމިޔާބުކުރީ ސީދާ ތިންސެޓުންނެވެ.

ފުރަތަމަ ސެޓު ފެށިގެން ދެ ޓީމުގެ ފަރާތުންވެސް ފެނުނީ ވާދަވެރި ކުޅުމެކެވެ. ނަމަވެސް ސެޓުގެ ފަހުކޮޅުގައި ބަނޑޮހުންވަނީ ކުޅުން ވަރުގަދަކޮށް 25-18ން ސެޓު ކާމިޔާބުކޮށްފައެވެ. ދެވަނަ ސެޓު ފަށައިގެން ބަނޑޮހުން ވަނީ ވަރުގަދަ ކުޅުމެއް ދައްކާފައެވެ. ނަމަވެސް ބަނޑޮހުން 10 ޕޮއިންޓުގެ ލީޑެއްގައި ކުޅެމުން ދަނިކޮށް ކުޑަހުރާއިން ނަތީޖާގެ ފަރަގު ތިން ޕޮއިންޓަށް ކުޑަކުރިއެވެ. ނަމަވެސް، އެ ޓީމުގެ ސެޓަރު ހުސައިން ވިސާމަށް އަނިޔާވުމުން އެ ޓީމުގެ ކުޅުން ވަރަށް ބޮޑަށް ދަށްވިއެވެ. އެއާއެކު ބަނޑޮހުން ފަސޭހަކަމާއެކު 25-17ން ސެޓު ކާމިޔާބުކުރިއެވެ. ތިންވަނަ ސެޓުގައިވެސް ކުޑަހުރާގެ ފަރާތުން ފެނުނީ އާދައިގެ ކުޅުމެކެވެ. އެގޮތުން، ބަނޑޮހުން 25-19ން ސުޓު ކާމިޔާބުކުރިއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ބަނޑޮހުގެ ތަޖުރިބާކާރު ސެޓަރު އިޝާން މުޙައްމަދެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ބަނޑޮހުގެ ކޯޗު މުޙައްމަދު ސާޖިދު ބުނީ މުބާރާތުގެ ފޯމެޓް ރޭވިފައިވާ ގޮތަށް ބަލާނަމަ މިއީ ވަރަށް ފުރިހަމަ މޮޅެއް ކަމަށެވެ. ޙާއްޞަކޮށް ސީދާ ތިން ސެޓުން މެޗު ކާމިޔާބުކުރުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށް ސާޖިދު ބުންޏެވެ. އަދި މި ވަގުތު ވިސްނުންހުރީ ކުރިއަށްއޮތް މެޗުން މޮޅުވެ ޒޯންގެ ފައިނަލުން ޖާގައެއް ހޯދަންކަމަށްވެސް އޭނާ ބުންޏެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ކުޑަހުރާގެ ކޯޗު މުޙައްމަދު އަޝްރަފް ބުނީ މެޗުން ބަލިވިނަމަވެސް ވަރުގަދަ ޓީމަކާއި ދެކޮޅަށް ކުޅުންތެރިން ދެއްކި ކުޅުން ވަރަށް ރަނގަޅު ކަމަށާއި ސީދާ ތިން ސެޓުން ބަލިވީ ސެޓަރަށް އަނިޔާވުމުންކަމަށެވެ. އެގޮތުން، ވިސާމަށް އަނިޔާވެގެން ބަދަލުކުރުމުން ކުޅުމަށް ވަރަށް ބޮޑު އަސަރެއް ކުރިކަމަށްވެސް އޭނާ ބުންޏެވެ.

މި މުބާރާތުގެ ޒޯން ވަންގައި ބަނޑޮސް ދެން ވާދަކުރަންޖެހޭނީ ރީތިރަށާއި ދެކޮޅަށެވެ. ފޯ ސީޒަންސް ކުޑަހުރާ ވާދަކުރާނީ ގްރޭންޑް ޕާރކް ކޮއްދިއްޕަރާއި ދެކޮޅަށެވެ.