ޚަބަރު

ފީފާ ރޭންކިންގައި ރާއްޖެ 1 ދަރަޖަ ފަހަތަށް


ދުނިޔޭގެ ފުޓްބޯޅަ ޖަމްޢިއްޔާ ފީފާއިން ޢާންމުކުރާ ދުނިޔޭގެ ރޭންކިންގައި ދިވެހިރާއްޖެ 1 ދަރަޖަ ފަހަތަށް ވެއްޓިއްޖެއެވެ.

ފީފާއިން އެންމެ ފަހުން ޢާންމުކުރި ރޭންކިން ލިސްޓުގައި ރާއްޖެއަށް ލިބިފައިވަނީ 153 ވަނައެވެ. އަދި ދެކުނު އޭޝިއާއިން ރާއްޖެއަށް ލިބިފައިވަނީ ތިންވަނައެވެ. ދެކުނު އޭޝިއާގެ އެއްވަނަ ޤައުމަކީ ދުނިޔޭގެ 104ވަނާގައި އޮތް އިންޑިއާއެވެ.

ދެކުނު އޭޝިއާގެ އެހެން ޤައުމުތަކަށްބަލާއިރު، އަފްޣާނިސްތާނު އޮތީ ދުނިޔޭގެ 146ވަނާގައެވެ. 161ވަނާގައި ނޭޕާލް، 185ވަނާގައި ބޫޓާން، 187ވަނާގައި ބަންގްލަދޭޝް އަދި ސްރީ ލަންކާ އޮތީ 202ވަނާގައެވެ. ދެކުނު އޭޝިއާގެ ޤައުމުގެ ތެރެއިން އެންމެ ދަށުގައި އޮތީ ޕާކިސްތާނެވެ. އެ ޤައުމު އޮތީ ދުނިޔޭގެ 203ވަނާގައެވެ. އަދި އެ ޤައުމު މިވަގުތު އޮތީ ފީފާއިން ސަސްޕެންޑުވެސްކޮށްފައެވެ.

ދުނިޔޭގެ ރޭންކިންގެ 1ވަނަ މި ފަހަރުވެސް ލިބުނީ ބެލްޖިއަމަށެވެ. 2ވަނަ ދުނިޔޭގެ ޗެމްޕިއަން ފްރާންސަށް ލިބުނުއިރު، 3ވަނަ ލިބުނީ ބްރެޒިލަށެވެ. 4ވަނަ ލިބުނީ އިނގިރޭސިވިލާތަށެވެ. އަދި 5ވަނަ ލިބުނީ ވިލާތުގެ ޗެންޕިއަން ޕޯޗުގަލަށެވެ.