ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ކްލަބް ގްރީން ސްޓްރީޓްސް އާއި ވިކްޓްރީ ސްޕޯޓްސް ކުލަބު ވާދަކުރަން އޮތް މެޗަށް ވިކްޓްރީގެ ކުޅުންތެރިން ހަމަނުވުމުގެ ސަބަބުން ގްރީން ސްޓްރީޓްސްއަށް މެޗް ލިބިއްޖެއެވެ.
މިރޭގެ މެޗަށް ވިކްޓްރީއިން ދަނޑަށް ހާޒިރުވީ ސްކޮޑުގައި ހިމެނޭ ތިން ކީޕަރުންނާއިއެކު ޖުމްލަ ދިހަ ކުޅުންތެރިންނެވެ. އެހެންކަމުން މެޗް ގްރީން ސްޓްރީޓްސްއަށް ލިބުނީ 2 ގޯލާއި ތިން ޕޮއިންޓާއިއެކުއެވެ.
ދިވެހި ފުޓުބޯޅާގައި މިވުގުތު އޮތް އެންމެ ގިނަދުވަސްވީ އަދި އެންމެ ކާމިޔާބު އެއް ކްލަބް ކަމަށްވާ ވިކްޓްރީއަށް މާލީގޮތުން ދިމާވެފައިވާ އަޑިގަނޑުގެ ސަބަބުން އެޓީމުގެ ކޯޗު މުޙައްމަދު އާދަމްވަނީ މާގާމުން އިންތިއުފާވެސް ދީފައެވެ. އަދި އޭގެފަހުން ޓީމުގެ ކޯޗްކަމާއި ހަވާލުވެފައިވަނީ އާދަމް އަބްދުއްލަތީފް (ލައްޗޭ)އެވެ.
މެޗުގެ ކުރިން އެފްއޭއެމްގައި އޮތް ޕްރީ މެޗް ޕްރެސް ކޮންފަރެންސްއަށްފަހު މިރޭގެ މެޗައް ޓިމު ހަމަނުވާނެ ކަމަށް އޮތީ ކުރިންވެސް ބެލެވިފައެވެ. ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ކޯޗް ލައްޗޭ ވަނީ ޓީމުގެ ފަރިތަކުރުންތަކަށްވެސް ކުޅުންތެރިން ހާޒިރު ނުވާ މައްސަލަ ފާހަގަކޮށްފައެވެ.
މިރޭގެ މެޗައް ވިކްޓްރީގެ ކުޅުންތެރިން ހަމަނުވިއިރު އެޓީމް އޮތީ އެންމެ ޕޮއިންޓެއްވެސް ނުލިބި ލީގު ތާވަލުގެ އެންމެ ފުލުގައެވެ. ފާއިތުވި ސީޒަންގައިވެސް ވިކްޓްރީގެ ހާލަތު އޮތީ ވަރަށް ދައްކޮށެވެ. އެގޮތުން މިދިޔަ ސީޒަންގައިވެސް ދެ މެޗަކަށް ވިކްޓްރީގެ ކުޅުންތެރިން ހަމަވެފައެނުވެއެވެ.
މިރޭގެ މެޗައް ވިކްޓްރީގެ ކުޅުންތެރިން ހަމަނުވުމުގެ ސަބަބުން އެޓީމަށް ބޮޑު ޖޫރިމަނާއެއް އަންނާނެކަމަށް ބެލެވެއެވެ.