ކުޅިވަރު

އަންހެން ސިންގަލްސްގެ ދެވަނަ ބުރުން ރާއްޖޭގެ ތިން ކުޅުންތެރިންވެސް ކަޓައިފި


މޯލްޑިވްސް އިންޓަނޭޝަނަލް ބެޑްމިންޓަން ފިއުޗާ ސީރީސްގެ އަންހެން ސިންގަލްސްގެ ދެވަނަ ބުރުން ރާއްޖޭގެ ތިން ކުޅުންތެރިންވެސް ކަޓައިފިއެވެ.

މުބާރާތުގެ އަންހެން ސިންގަލްސްގައި ވާދަކުރީ ރާއްޖޭގެ ތިން ކުޅުންތެރިންނެވެ. އެއީ މައިސާ ފަތުހުﷲ އާއި އައިމިނަތު ޝަހުރުނާޒުގެ އިތުރުން އައިމިނަތު ނަބީހާ އަބްދުލްރައްޒާގްއެވެ.

އަންހެން ސިންގަލްސްގައި މައިސާ ފަތުހުﷲ ކެޓީ ސްރީލަންކާގެ ތިލީނީ ޕްރަމޯދިކާ އާއި ވާދަކުރި މެޗުން ސީދާ ދެގޭމުން ބަލިވުމުންނެވެ. މެޗުގެ ސެޓުތަށް ތިލީނީ ގެންދިޔައީ 21-6 އަދި 21-9އިންނެވެ.

އަންހެން ސިންގަލްސްއިން އައިމިނަތު ޝަހުރުނާޒު ކެޓީ ސްރީލަންކާގެ ކަޑިވި ސިރިމަނާގޭ އަތުން ސީދާ ދެގޭމުން ބަލިވުމުންނެވެ. މެޗުގެ ސެޓުތަށް ސިރިމަނާގޭ ގެންދިޔައީ 21-4 އަދި 21-5އިންނެވެ.

މުބާރާތުގެ އަންހެން ސިންގަލްސްގެ ދެވަނަ ބުރުން ނަބީހާ އަބްދުލްރައްޒާގު ކެޓީ އިންޑިއާގެ 18 އަހަރުން ދަށުގެ ޗެމްޕިއަން މަލްވީކާ ބަންޑޯސް އާއި ވާދަކުރި މެޗުން ސީދާ ދެގޭމުން ބަލިވެގެންނެވެ. މިމެޗުގެ ސެޓުތައް މަލްވީކާ ގެންދިޔައީ 21-11 އަދި 21-6އިންނެވެ.

މުބާރާތުގައި ރޭވަނީ ފިރިހެން ޑަބަލްސްގެ މެޗުތަށްވެސް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މިކެޓެގަރީގައި ވާދަކުރި ރާއްޖޭގެ ހަތަރު ޕެއާވެސް ވަނީ ސީދާ ދެ ގޭމުން ބަލިވެ މުބާރާތުން ކަޓާފައެވެ. އިންޑިއާގެ ގޮވިންދަރާޖަން އާއި ރާޖް ކުމާރްގެ ޕެއާއާއި ރާއްޖޭގެ މުހައްމަދު ހިޝާމް ލަތީފް އާއި ހަސަން އަފްޝީން ޝަހީމްގެ ޕެއާ ވާދަކުރި މެޗުގެ ސެޓުތައް އިންޑިއާގެ ޕެއާއިން ގެންދިޔައީ 21-11 އަދި 21-13އިންނެވެ.

އިންޑިއާގެ ވައިބްހާވް އާއި ޕްރަކާޝް ރާޖްގެ ޕެއާ އާއި ރާއްޖޭގެ ހުސައިން ޒަޔާން ޝަހީދް އާއި މުޙައްމަދު ލުޤްމާންގެ ޕެއާ ވާދަކުރި މެޗުގެ ސެޓުތަށް އިންޑިއާގެ ޕެއާއިން ގެންދިޔައީ 21-12 އަދި 21-5އިންނެވެ. އަދި ތައިލޭންޑްގެ ޕައްކަޕޮމް އާއި ޕަނިތްޗަޕޮންގެ ޕެއާ އާއި ރާއްޖޭގެ ތޯއިފް އަހުމަދާއި ރިޝްވާން ޝިޔާމްގެ ޕެއާ ވާދަކުރި މެޗުގެ ސެޓުތައް ތައިލޭންޑްގެ ޕެއާއިން ގެންދިޔައީ 21-9 އަދި 21-9އިންނެވެ.

މީގެއިތުރުން މެލޭޝިއާގެ ގްހަޖަތީސްވަރް އާއި ކިރަންގެ ޕެއާ އާއި ރާއްޖޭގެ އިބްރާހިމް ރާޝިހު އާއި އައްފާން އަލީގެ ޕެއާ ވާދަކުރި މެޗުގެ ސެޓުތައް މެލޭޝިއާގެ ޕެއާއިން ގެންދިޔައީ 21-10 އަދި 21-5އިންނެވެ.