ޚަބަރު

ފިރިހެން ޑަބަލްސްގެ ޗެމްޕިއަންކަން އިންޑިއާގެ ވައިބަވް އާއި ޕްރަކާޝްގެ ޕެއާއިން ހޯދައިފި


ތައިލޭންޑްގެ ދެބެން ބަލިކޮށް މޯލްޑިވްސް އިންޓަނޭޝަނަލް ބެޑްމިންޓަން ފިއުޗަރ ސީރީސްގެ ފިރިހެން ޑަބަލްސްގެ ޗެމްޕިއަންކަން އިންޑިއާގެ ވައިބަވް އާއި ޕްރަކާޝްގެ ޕެއާއިން ހޯދައިފިއެވެ.
މުބާރާތުގެ ފިރިހެން ޑަބަލްސްގެ ޗެމްޕިއަންކަން އިންޑިއާގެ ވެއިބާވް އާއި ޕްރަކާޝް ހޯދީ ފައިނަލުގައި ވާދަވެރި ކުޅުމަކަށްފަހު ތައިލޭންޑްގެ ޕަނިޗްޕޯމް އާއި ޕައްކަޕޯމްގެ ޕެއާ ސީދާ ދެ ގޭމުން ބަލިކޮށްގެންނެވެ.

މެޗުގެ ފުރަތަމަ ސެޓު އިންޑިއާގެ ޕެއާއިން ގެންދިޔައީ 21-16އިން. ދދެވަނަ ސެޓުވެސް ވާދަވެރި ކުޅުމަކަށްފަހު އިންޑިޔާގެ ޕެއަރއިން ކާމިޔާބުކުރީ 21-15އިންނެވެ. މެޗަށްފަހު ވާހަކަދައްކަމުން ޗެންޕިއަންކަން ހޯދި އިންޑިޔާގެ ޕްރަކާޝް ރާޖް ބުނީ ގިނަ ދުވަސްތަކަށްފަހު މިފަދަ ވާދަވެރި މުބާރާތެއްގައި ވާދަކުރުމުން، ވަރަށް ގިނަ އުނދަގޫތަކާއި ކުރިމަތިވިކަމަށާއި ނަމަވެސް ޗެންޕިއަންކަން ލިބުނީ ކުރި ބުރަ މަސައްކަތުގެ ސަބަބުންކަމަށެވެ. އަދި އިދިކޮޅުން ވާދަކުރި ތައިލޭންޑްގެ ޕެއަރވެސް ވަރަށް މޮޅަށް ކުޅުނުކަމަށް ޕްރަކާޝް ބުނެފިއެވެ.

"ފައިނަލް މެޗްއަށް ނިކުތީ ވާދަވެރި މެޗްއަކަށް ވާނެކަމަކަށް އުއްމީދުކޮށްގެންކަމަށް. އެއްވެސް ވަރަކަށް މެޗް ފަސޭހަކޮށްލަން ބޭނުމެއްނޫން. މެޗްއަށް ނިކުތީ ވަރަށް އުދަގޫ މެޗްއަކަށް ވާނެކަމަށް ވިސްނައިގެން. އަދި މެޗުން މޮޅުވީ އިދިކޮޅުން ކުޅުނު ތައިލޭންޑްގެ ޕެއަރއާއި މެދު ނުވިސްނާ އަމިއްލަ ކުޅުން ރަގަނޅުކޮށްގެން. މިމުބާރާތުގައި މިހާތަނަށް ދެއްކުނު ކުޅުމާއި މެދުވެސް ވަރަށް ހިންހަމަޖެހޭ އަދި ހާއްސަކޮށް ފައިނަލް މެޗްގައި ދެއްކުނު ކުޅުމާއި މެދުވެސް ވަރަށް ހިންހަމަޖެހޭ. އަދި ފާހަގަކޮށްލަން މުބާރާތުގެ އިންތިޒާމްތަށްވަރަށް ފުރިހަމަ." މެންސް ޑަބަލްސްގެ ޗެމްޕިއަންކަން ހޯދި އިންޑިއާގެ ޕްރަކާޝް ބުންޏެވެ.

ފިރިހެން ޑަބަލްސްގެ ޗެމްޕިއަންކަން ހޯދި އިންޑިއާގެ ޕްރަކާޝްއާއެކު ކުޅުނު ވައިބާވް ބުނީ މިމުބާރާތަށް ވަރަށް ރަނގަޅަށް ތައްޔާރުވިކަމަށާއި ކުރިންވެސް ބޭނުންވީ މުބާރާތުގައި ރަނގަޅު ކުޅުމެއްދައްކާ ޗެންޕިއަންކަން ހޯދަންކަމަށް ވައިބާވް ބުނެފިއެވެ.

"ފައިނަލް މެޗްއަށް ވުރެއް ސެމީ ފައިނަލް މެޗް މާއުދަގޫކަމަށް ގަބޫލް ކުރަން. ފައިނަލް މެޗްއަށް ވުރެއް ސެމީ ފައިނަލް މެޗްގައި މާރަގަނޅު ކުޅުމެއްވެސް ދެއްކުނުކަމަށް ގަބޫލް ކުރެވޭ. ފައިނަލް މެޗްގައި ދެއްކުނު ކުޅުމާއި މެދު ހިންހަމަޖެހޭ. ފައިނަލް މެޗްގައި ތަފާތަކަށްވީ ދެ ކުޅުންތެރިންގެ އެއްބައިވަންތަކަން. އަދި މެޗްއާއި މެދު ބެހެއްޓި ވިސްނުން. ފައިނަލް މެޗްއަށް އައުމުގެ ކުރިން ތައިލެންޑް ޕެއަރގެ ސެމީ ފައިނަލް މެޗް ވަރަށް ރަގަނޅަށް ދިރާސާކުރިން. އައި އެމެޗުން ތައިލެންޑް ޓީމްގެ ބައިފައިތަށް ވަރަށް ރަގަނޅަށް ބަލާ، ފައިނަލް މެޗްގައި އެޓީމްގެ ބަލިފައިތަކަށް ކުޅެމުންދިޔައީ. މިއީ އަސްލުގައި ޗެންޕިއަންކަން ލިބުނުގެ ސިއްރަކީ" އިންޑިޔާގެ ވައިބާވް ބުންޏެވެ.