ވިޔަފާރި

ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ޚިދުމަތްތައް ފުޅާކުރުމަށް މާލޭގައި 10 ބުރީގެ ޢިމާރާތެއް


ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް މާލޭގައި 10 ބުރީގެ ޢިމާރާތެއް އެޅުމަށް ނިންމާފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން، އިކޮނޮމިކް މިނިސްޓްރީގެ އިކޮނޮމިކް ޑިވެލޮޕްމަންޓް އެސޯސިއޭޓް، މަރިޔަމް ނަޝާ ވިދާޅުވީ މާލޭގައި އަޅާ 10 ބުރީގެ ޢިމާރާތުގައި އަލަށް ފަށާ ވިޔަފާރިތަކާއި މިހާރުވެސް ހިނގަމުންދާ ވިޔަފާރިތައް ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭނެކަމަށެވެ. އެގޮތުން އެމަސައްކަތް ކުރުމަށް އެ ޢިމާރާތުގައި ޓްރޭޑް ފެސިލިޓޭޝަން ސެންޓަރެއްވެސް ޤާއިމްކުރެވިގެންދާނެކަމަށް ނަޝާ ވިދާޅުވިއެވެ. މީގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަކުރާ ޖާގަތަކެއް އެތަނުގައި ހުންނައިރު، އެ ވިޔަފާރިތަކަށް ބޭނުންވާ އެކި ކަހަލަ އެހީތެރިކަން އެތަނުން ލިބޭނެކަމަށް ނަޝާ ވިދާޅުވިއެވެ.

"އެމީހުން މަސައްކަތްކުރުމަށް ބޭނުންވާ ކޮމްޕިއުޓަރ ސިސްޓަމްސްއާ އަދި އެހެނިހެން އިކިއުޕްމަންޓްސް ހިމެނޭ ގޮތަށް ކޯ ވޯކިންގ ސްޕޭސްތައް ހުންނާނީ. މީގެ އިތުރުން ސްޓާޓްއަޕްސް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން އިތުރު އެކްސަލެރޭޓަރ ޕްރޮގްރާމްތަކާއި އިންޑަސްޓްރީ ލެވަލްގައި ހަރަކާތްތެރިވާ މާހިރުންގެ ފަންނީ ލަފާވެސް ލިބޭ ގޮތަށް ކޯ ވޯކިންގ ސްޕޭސްތައް ޑިޒައިންކޮށްފައިވާނީ. މީގެއިތުރުން އެސްއެމްއީގެ މަސައްކަތްތަކާއި ޕްރޮޑަކްޓްސްތައް ޝޯވ ކޭސް ކުރެވޭނެ އިންތިޒާމްވެސް މިތަނުގައި ހަމަޖެހިގެންދާނެ" ނަޝާ ވިދާޅުވިއެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް ސަރުކާރުން ދަނީ މިހާރުވެސް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ. އެގޮތުން އެފަދަ ވިޔަފާރިތަކަށް ފައިސާ ފޯރުކޮށްދިނުމަށް ޚާއްސަ ބެންކެއްވެސް ސަރުކާރުން ވަނީ ޤާއިމްކޮށްފައެވެ.

މީގެ އިތުރުން އަތޮޅުތަކުގައި ހަރަކާތްތެރިވާ ވިޔަފާރިވެރިންނަށް ފަސޭޙަކޮށްދިނުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަތް ބިޒްނަސް ސެންޓަރެއް ޤާއިމްކޮށްފައިވާއިރު، މިއަހަރު އިތުރު ސަރަޙައްދުތަކުގައި ބިޒްނަސް ސެންޓަރުތައް ޤާއިމްކުރާނެކަމަށް ސަރުކާރުން ބުނެއެވެ. އެގޮތުން 5 ސަރަޙައްދެއްގައި ބިޒްނަސް ސެންޓަރުތައް ޤާއިމްކުރާނެކަމަށް އިކޮނޮމިކް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.