ވިޔަފާރި

1.9 ބިލިއަންގެ ދަރަނީގެ ތެރެއިން 1.5 ބިލިއަނަކީ ހިލޭ އެހީ


ޓީ-ބިލް ވިއްކައިގެން ދައުލަތުގެ އެތެރޭގެ ދަރަނީގެ ގޮތުގައި މިއަހަރު ރެކޯޑްކުރެވިފައިވާ 1.9 ބިލިއަން ރުފިޔާގެ ތެރެއިން 1.5 ބިލިއަން ރުފިޔާއަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓަރ ވިދާޅުވީ 1.5 ބިލިއަން ރުފިޔާ ދަރަނީގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ އިންޑިއާއިން ޓީ-ބިލްއަށް އިންވެސްޓްކުރީ ރާއްޖޭގައި ހުރި އެސްބީއައި ބެންކު މެދުވެރިކޮށްކަމަށްވާތީކަމަށެވެ. ނަމަވެސް މެޗުއަރިޓީގައި އަންނަ އަހަރު 1.5 ބިލިއަން ހިލޭ އެހީއެއްގެ ގޮތުގައި ރިކޯޑްކުރެވޭނެކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރ ވިދާޅުވީ ޓީ-ބިލްސްގެ ގޮތުގައި ޖޫންމަހާއި ހަމަޔަށް 325 މިލިއަން ރުފިޔާ ރެކޯޑް ކުރެވިފައިވާކަމަށެވެ. އަދި އިތުރުވެފައިވާ ދަރަނީގައި ޓީ-ބިލުގެ އިތުރުން ލޯނުން ހިންގާ މަޝްރޫޢުތަކުގެ ޑިސްބަރޒްމަންޓްތައްވެސް ހިމެނޭކަމަށް އަމީރު ވިދާޅުވިއެވެ. އަދި މިއަހަރުގެ މިހާތަނަށް އިންޑިއާ ސަރުކާރުގެ އެހީ ފިޔަވައި ޓީ-ބިލްސް އިތުރުވެފައިވަނީ އޯވަރ ސަބްރައިބް ކުރުމުގެ ސަބަބުންކަމަށްވެސް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

އެމްއެމްއޭއިން އާއްމުކޮށް މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ދައުލަތުގެ އެތެރެ އާއި ބޭރުގެ ދަރަނީގެ ޖުމްލަ ވަނީ 50.9 ބިލިއަން ރުފިޔާ އަށް އަރައިފައެވެ. ކުރިން މިއަދަދު ހުރީ 48 ބިލިއަން ރުފިޔާގައެވެ. އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ދައުލަތުގެ ދަރަނީގެ ބޮޑު ބައި ހިއްސާކުރަނީ އެތެރޭގެ ދަރަންޏެވެ. އެގޮތުން 50 ބިލިއަންގެ ތެރެއިން 29.7 ބިލިއަން ރުފިޔާއަކީ އެތެރޭގެ ދަރަންޏެވެ. އެއީ މުޅި ދަރަނީގެ 58 ޕަސެންޓެވެ. ބޭރުގެ ދަރަނި ހުރީ 21.3 ބިލިއަން ރުފިޔާގައެވެ.