ލި-ނިންގ މޯލްޑިވްސް އިންޓަނޭޝަނަލް ބެޑްމިންޓަން ޗެލެންޖްގެ އަންހެން ސިންގަލްސުން ދިވެހިރާއްޖޭގެ ހުރިހާ ކުޅުންތެރިން ކަޓައިފިއެވެ.
މުބާރާތުގެ އަންހެން ސިންގަލްސުން ރާއްޖޭގެ މައިސާ ފަތުހުﷲ ކެޓީ މިޞްރުގެ ދޯހާ ހަނީއާ ވާދަކޮށް، ސީދާ ދެ ސެޓުން ބަލިވެގެންނެވެ. ރާއްޖޭގެ ނީލާ ނަޖީބު ކެޓީ ސްލޮވޭކިއާގެ މަރޓިނާ ރެޕިސްކާއާ ވާދަކޮށް ސީދާ ދެ ސެޓުން ބަލިވެގެންނެވެ. ސިންގަޕޫރުގެ ސީތޯ ޖިއަ ރޮންގްއާ ވާދަކޮށް، ރާއްޖޭގެ މާޝާ ރަޝީދުވެސް ކެޓީ ސީދާ ދެ ސެޓުން ބަލިވެގެންނެވެ. އައިމިނަތު ޝަހުރުނާޒް މޫސާ މުބާރާތުން ކެޓީ ތުރުކީވިލާތުގެ ބައެކާރް އޮޒްގޭއާ ވާދަކޮށް، ސީދާ ދެ ސެޓުން ބަލިވެގެންނެވެ.
ރާއްޖޭގެ އެންމެ މަޝްހޫރު ދެ ކުޅުންތެރިންކަމަށްވާ އައިމިނަތު ނަބީހާ ޢަބްދުލްރައްޒާޤާއި ފާޠިމަތު ނަބާހާ ޢަބްދުލްރައްޒާޣުވެސްވަނީ މުބާރާތުން ކަޓައިފައެވެ. އެގޮތުން، ނަބީހާ ކެޓީ އީރާނުގެ ސާމިންއާ ވާދަކޮށް، ސީދާ ދެ ސެޓުން ބަލިވެގެންނެވެ. ނަބާހާ ކެޓީ އިންޑިއާގެ ރުތްވިކާ ޝިވާނީ އަތުން ސީދާ ދެ ސެޓުން ބަލިވެގެންނެވެ.
އިއްޔެ ވަނީ ފިރިހެން ސިންގަލްސް އަދި ފިރިހެން ޑަބަލްސްގެ އިތުރުން މިކްސް ޑަބަލްސްގެ މެޗުތަށްވެސް ކުޅެފައެވެ. އެގޮތުން ފިރިހެން ސިންގަލްސް ބައިން ރާއްޖޭގެ ހުސައިން ޒަޔާން ޒަކީ ކެޓީ އިންޑިއާގެ ޕްރަތާޕް ސިންގ އަތުން ސީދާ ދެ ސެޓުން ބަލިވެގެންނެވެ. މިކްސް ޑަބަލްސްގައި އަޖުފާން ރަށީދްއާއި މައިސާ ފަތުހުﷲ ބަލިވީ އިންޑިއާގެ ކްރިޝްނަޕްރަތަޕްއާއި ކްރިޝްނާން އަތުން ސީދާ ދެ ސެޓުންނެވެ. މެލޭޝިއާގެ މުޙައްމަދު ލުކްމާންއާއި ނަބީހާ ޢަބްދުލްރައްޒާޤް ބަލިވީ ތައިލޭންޑްގެ ކަންތަވާތްއާއި ސުޕަޕިޗްއާ ވާދަކޮށް ސީދާ ދެ ސެޓުންނެވެ.
ފިރިހެން ޑަބަލްސްގައި ނިބާލްއާއި އާކިފް ބަލިވީ ތައިލޭންޑުގެ ބޫންތޫންއާއި ސުހަރިތުގެ އަތުން ސީދާ ދެ ސެޓުންނެވެ. މުޙައްމަދު ރަފާހްއާއި މުޙައްމަދު ސަބާހް ބަލިވީ ސްރީލަންކާގެ ސަޗިންއާއި ބުވަނެކާ އަތުން ސީދާ ދެ ސެޓުންނެވެ. އަދި އަޙްމަދު ޠާއިފް މުޙައްމަދާއި ރިޝްވާން ޝިޔާމް ބަލިވީ އިންޑިއާގެ ވައިބާވްއާއި ޕްރަކާޝް އަތުން ސީދާ ދެ ސެޓުންނެވެ.