ޚަބަރު

"ހާރޓީ ބްރޭކް"ގެ ނަމުގައި ޚާއްސަ މަޝްރޫއެއް އިފްތިތާޙްކޮށްފި


ސްކޫލް މާހައުލަކީ ހަރަކާތްތެރިވުމަށް ބާރުއަޅާ ކަސްރަތު ލިބޭ ގޮތްތަކަށް ފަރުމާކޮށްފައިވާ ތަނަކަށް ހެދުމަށްޓަކައި ކޮރިޑޯ ހަރަކާތެއްގެ ގޮތުގައި "ހާރޓީ ބްރޭކް"ގެ ނަމުގައި ޚާއްސަ މަޝްރޫއެއް އިފްތިތާޙް ކޮށްފިއެވެ.

މި މަޝްރޫއުގެ ޕައިލެޓް ޕްރޮޖެކްޓް ފަށާފައިވަނީ ހުޅުމާލެ ޣާޒީ ސްކޫލްގައެވެ. ޓައިނީ ހާރޓްސް އޮފް ދަ މޯލްޑިވްސްއާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ މިމަޝްރޫއު އިފްތިތާޙްކޮށްދެއްވީ ރައީސުލް ޖުމްހޫރިއްޔާގެ އަނިބިކަނބަލުން ފަޒްނާ އަޙްމަދެވެ. މިރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢާލީ ވެސް ބައިވެރިވެވަޑައިގަތެވެ.

މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ހިތުގެ ދުވަހުގެ މުނާޞަބަތުގައި އިފްތިތާޙުކުރި މިމަޝްރޫޢަކީ ވޯލްޑް ހާރޓް ފެޑަރޭޝަންގެ ހިލޭ އެހީގެދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މިކަމާ ގުޅޭގޮތުން ޓައިނީ ހާރޓްސް އޮފް ދަ މޯލްޑިވްސްގެ ކޯ ފައުންޑަރ ފާތިމަތް ހިޝްމަތު ފާއިޒް ވިދާޅުވީ ދިރާސާތަކުގެ އަލީގައި ސްކޫލްތަކުގައި ކުދިން ހިނގާ ކޮރިޑޯތަކަކީ ދުޅަހެޔޮ ޙަރަކާތްތަކަކަށް މަގުފަހިވާ ތަންތަނަށް ހަދަމުންދާކަމަށެވެ.

މިގޮތުން ރާއްޖޭގެ ސްކޫލްތަކުގައި ތަޢުލީމް ޙާސިލް ކުރަމުންދާ ދަރިވަރުންނަކީވެސް ދުޅަހެޔޮ ސިއްޙަތެއްގައި ތިބި ދަރިވަރުންތަކަށް ހެދުމަށްޓަކއި މަސައްކަތް ކުރަމުންދާކަމަށެވެ. އެ ޖަމްޢިއްޔާއިން ބުނީ "ހާރޓީ ބްރޭކް"ގެ ނަމުގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގައު މި މަޝްރޫއު ކުރިއަށް ގެންދިޔުމަށް ކޮރިޑޯ އެކްޓިވިޓީ ސާރކެޓް ޤާއިމްކުރުމަށް ނިންމަވާފައިވާކަމަށެވެ.

މިކަމާ ގޫޅޭގޮތުން ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ހުސައިން ރަޝީދު ވިދާޅުވީ މިމަޝްރޫއަކީ ސްކޫލްތަކަށް ފައިދާކުރާނެ މަޝްރޫއެއްކަމަށެވެ. ޤައުމީ މަންހަޖްގައިވެސް ފިޒްކަލް އެޑުކެޝަނަށް ފުރުޞަތުދީފައި އޮންނާނެކަމަށާއި އިތުރު ޖަމްޢިއްޔާތަކާ ގުޅިގެންވެސް މިފަދަ ހަރަކާތްތައް ސްކޫލްތަކުގައި ކުރިއަށްގެންދާނެކަމަށެވެ. އަދި މިމްޝްރޫއުގެ ކާމިޔާބަށް ބަލައި އަންނަ އަހަރު ސްކޫލްތަކުގައި މި މަޝްރޫއު ކުރިއަށްގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

ޓައިނީ ހާޓްސް އަކީ އުފެދުމުގައި ކުދިންގެ ހިތުގައި ހުންނަ މައްސަލަތަކަށް މީހުން ހޭލުންތެރި ކުރުމަށާއި އެ ބައްޔަށް ފަރުވާ ހޯދުމަށް އެހީތެރިވެ ދިނުމަށް އުފައްދާފައިވާ ޖަމްޢިއްޔާއެކެވެ. އެޖަމްޢިއްޔާގައި 500 އަށްވުރެ ގިނަ ކުދިން ރަޖިސްޓްރީވެފައިވާއިރު މިހާތަނަށް ވަނީ ގިނަ ޚިދުމަތްތަކެއް ކޮށްދީފައެވެ. އެ ޖަމްޢިއްޔާއަށް 2017 ވަނަ އަހަރު ވަނީ ދުނިޔޭގެ ހާޓް ފެޑަރޭޝަންގެ މެމްބަރުކަންވެސް ލިބިފައެވެ.