ވިޔަފާރި

ދަޢުލަތުން ލޯނު ދޫކުރުމާއި އޮންލެންޑް ކުރުމުގެ އުސޫލު ކަނޑައަޅައިފި


ދަޢުލަތުން ލޯނު ދޫކުރުމާއި އޮންލެންޑް ކުރުމުގައި ޢަމަލުކުރާނެ އުސޫލު ފިނޭންސް މިނިސްޓްރީން ގެޒެޓްކޮށްފިއެވެ.

މި އުސޫލަކީ ދައުލަތުގެ ނަމުގައި ލޯނު ދޫކުރުމާއި އޮންލެންޑް ކުރުމުގައި މިނިސްޓްރީ އޮފް ފިނޭންސުން ބަލާ މިންގަނޑުތަކާއި، ލޯނަށާއި އޮންލެންޑް ކުރުމަށް އެދި ހުށަހަޅާ ފަރާތްތަކުން ޢަމަލުކުރަންޖެހޭ ގޮތާއި ފުރިހަމަވާންޖެހޭ ޝަރުޠުތައް ބަޔާންކޮށްފައިވާ އުސޫލެވެ. މިއުސޫލުގައި ބަޔާންކުރާ އޮންލެންޑްކުރުމަކީ ދައުލަތުން ހިލޭ އެހީ ނުވަތަ ދަރަންޏަށް ނަގާ ފައިސާ އެހެން ފަރާތަކަށް ދަރަންޏެއްގެ ގޮތުގައި ދިނުމެވެ.

މި އުސޫލުގެ މައިގަނޑު މަޤުޞަދަކީ، ހަމަހަމަކަމާއި ދެފުށް ފެންނަ ހަރުދަނާ އުސޫލެއްގެ ދަށުން ދައުލަތުން ލޯނު ދޫކުރުމާއި އޮންލެންޑް ކުރުންކަމަށް މިއުސޫލުގައި ބަޔާންކޮށްފައިވެއެވެ. މިއުސޫލުގެ ދަށުން ލޯނު ދޫކުރެވޭނީ ދައުލަތުގެ ބޭނުންތަކަށް އެކަނިކަމަށް ބުނެފައިވެއެވެ. އަދި ދައުލަތުގެ ބޭނުންތައްކަމަށް ބަލާނީ، މުޅި މުޖްތަމަޢަށް ނުވަތަ މުޖުތަމަޢުގެ ބޮޑުބަޔަކަށް އެކަމުން މަންފާ ލިބޭ ކަންކަމެވެ. މީގެ އިތުރުން އެކަމަކީ ސަރުކާރަށްވީތީ، އަދާކުރަންޖެހޭ މަސްޢޫލިއްޔަތުތަކާ ސީދާ ގުޅުންހުރި ކަމަކަށްވާންވެސް ޖެހެއެވެ. މީގެ އިތުރުން އެކަމަކީ ވަކި ފަރުދެއްގެ މަޞްލަޙަތު ޙިމާޔަތްކޮށްދިނުންކަމުގައި ބެލޭ ކަމެއް ކަމުގައި ނުވާކަމަކަށް ވާންޖެހޭކަމަށްވެސް މިއުސޫލުގައިވެއެވެ.

މިއުސޫލުގެ ދަށުން ވަކިވަކި ލޯނު ދޫކުރެވޭނެ މިންވަރު ކަނޑައެޅުމުގެ ކުރިން ގިނަ ކަންތައްތަކަށް ބަލާނެއެވެ. އޭގެ ތެރޭގައި ލޯނަށް އެދި ހުށަހަޅާ ފަރާތުގައި ސަރުކާރުގެ ހިއްސާ ނުވަތަ މަސްލަހަތު އޮތް މިންވަރަށާއި ކްރެޑިޓް ރިސްކާއި، ލޯނު ނަގައިގެން ހިންގުމަށް ކަނޑައަޅާ މަސައްކަތް ހިމެނެއެވެ.

މިއުސޫލުގައިވާ ގޮތުން ލޯނަށް އެދި ހުށަހަޅަންޖެހޭނީ ފިނޭންސް މިނިސްޓްރީއަށެވެ. އަދި ލޯނުގެ އިންޓްރެސްޓް ރޭޓްވެސް ކަނޑައަޅާނީ ފިނޭންސް މިނިސްޓްރީންނެވެ. އަދި ލޯނު ދޫކުރުމުގެ ހުއްދަ ދޫކުރާނީ ރައީސުލްޖުމްހޫރިއްޔާކަމަށްވެސް މިއުސޫލުގައި ބަޔާންކޮށްފައިވެއެވެ.