ވިޔަފާރި

މައިސް ޓޫރިޒަމް އިޝްތިހާރުކުރުމަށް ގިނިސް ރެކޯޑެއް ޤާއިމްކުރުމުގެ ހަރަކާތެއް ބާއްވަނީ


ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ގިނިސް ވޯލްޑް ރެކޯޑެއް ޤާއިމްކުރުމުގެ ހަރަކާތެއް ރާއްޖޭގައި ބޭއްވުމަށް އެމްއެމްޕީއާރުސީން ނިންމައިފިއެވެ.

ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުހައްމަދު ވިދާޅުވީ ޖަގްލިންގކުރުމުގެ ގިނިސް ވޯލްޑް ރެކޯޑެއް ޤާއިމްކުރުމުގެ ފުރަތަމަ ހަރަކާތް ކުރިއަށްދާނީ އަންނަ ހޮނިހިރުދުވަހު އައްޑޫ ސިޓީގައި ޓޯޓަލް ފިޓްނަސް ގްރޫޕް، ޓީއެފްޖީން ބާއްވާ "ރަން އިން އައްޑޫ" ދުވުމުގެ ތެރެއިންކަމަށެވެ. އޭގެ އިތުރުން މިމަހުގެ 11 ވަނަ ދުވަހު ސަލްޓަން ޕާކުގައިވެސް ޖަގްލިންގެ ރެކޯޑެއް ޤާއިމްކުރުމުގެ ހަރަކާތެއް ކުރިއަށްދާނެކަމަށް ތޮއްޔިބު ވިދާޅުވިއެވެ.

ރެކޯޑް ހެދުމުގެ މަސައްކަތްކުރާނީ ކެނެޑާގެ ރައްޔިތެއްކަމަށްވާ މިކަލް ކެޕްރަލްއެވެ. އައްޑޫގައި ބާއްވާ ދުވުމުގެ ހަރަކާތުގެ ތެރެއިން އޭނާ މަސައްކަތްކުރާނީ ހަތަރު ބޯޅައިން ޖަގަލްކުރަމުން އެންމެ އަވަހަށް 10 ކިލޯމީޓަރުގެ މެރެތަންއެއް ނިންމުމުގެ ރެކޯޑް ޤާއިމްކުރާށެވެ. އަދި ސަލްޓަން ޕާކުގައި ކުރިއަށްދާ ހަރަކާތުގައި އޭނާ މަސައްކަތްކުރާނީ 3 ބޯޅައިން ޖަގަލްކުރަމުން އެންމެ ގިނަ ސިޑިއަށް އެރުމުގެ ރެކޯޑް ޤާއިމްކުރާށެވެ.

އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުހައްމަދު ވިދާޅުވީ، މިފަދަ ހަރަކާތެއް ބޭއްވުމުގެ އެންމެ ބޮޑު މަޤްޞަދަކީ މައިސް ޓޫރިޒަމް ރާއްޖޭގައި އިޝްތިޙާރުކުރުމަށްކަމަށެވެ. މައިސް ޓޫރިޒަމްއަކީ ތަފާތު އެކި ހަރަކާތްތަކާއި ބައްދަލުވުންތަކާއި ކޮންވެންޝަންތައް ބޭއްވުމުގެ ތެރެއިން ޤައުމުތައް އިޝްތިހާރުކުރުމެވެ. ތޮއްޔިބު ވިދާޅުވީ މައިސް ޓޫރިޒަމްގެ ތެރެއިން ކޮންމެ އަހަރަކު އެތައް ސަތޭކަ މިލިއަން ޑޮލަރެއްގެ އާމްދަނީއެއް އެކި ޤައުމުތަކުން ހޯދަމުންދާއިރު، ރާއްޖެއަށް މިހާތަނަށް މިކަމުން އާމްދަނީއެއް ލިބިފައިނުވާކަމަށެވެ.

"މައިސް ޓޫރިޒަމްގެ ތެރެއިން 2017 ވަނަ އަހަރު 805 މިލިއަން ޑޮލަރުގެ ޚަރަދުތައްކޮށްފައިވޭ. އަޅުގަނޑުމެންނަށް ލަފާކުރެވެނީ 2025 ވަނަ އަހަރަށް ދާއިރު 1.4 ބިލިއަން ޑޮލަރަށް މިއިންޑަސްޓްރީ ( މައިސް ޓޫރިޒަމް ) ކުރިއަށްދާނެކަމަށް. މިއިންޑަސްޓްރީގެ މިއޮތް ބޮޑު ބައިގެ ތެރެއިން ކުޑަކުޑަ މިންވަރެއްވެސް ރާއްޖޭގެ ޓުއަރިޒަމަށް ނާންނާތީ މިހާރު މަސައްކަތްކުރަމުން މިދަނީ މިއަންނަ އަހަރު ވަރަށް ރަނގަޅަށް ތައްޔާރުވެގެން މިފަދަ އެކިއެކި އިވެންޓްތައް ރާއްޖޭގައި ކުރިއަށްގެންދިއުމަށް. މިއީ (ރެކޯޑް ޤާއިމްކުރުމުގެ ހަރަކާތް) ވަރަށް ރަނގަޅު ފެށުމެއް" ތޮއްޔިބު ވިދާޅުވިއެވެ.

ތޮއްޔިބުގެ ވާހަކަފުޅުގައި އައްޑޫ ސިޓީގައި މިހަރަކާތް ކުރިއަށްގެންދިއުމަކީވެސް ވަކި ވަކި ޑެސްޓިނޭޝަންތަކުގެ ގޮތުގައި ރާއްޖޭގެ އެކި ސަރަޙައްދުތައް އިޝްތިހާރުކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބިގެންދާ ބޮޑު ކުރިއެރުމެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި މިހާތަނަށް ފަތުރުވެރިކަން އިޝްތިހާރުކުރަމުންދިޔަ ގޮތް ބަދަލުކޮށް، ތަފާތު އެކި ވައްތަރުގެ ޓުއަރިޒަމް މެދުވެރިކޮށް ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީން ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން މައިސް ޓުއަރިޒަމް، ސްޕޯޓްސް ޓުއަރިޒަމް އަދި ކަލްޗަރަލް ޓުއަރިޒަމް އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީން ދަނީ ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.