ޚަބަރު

ތ. ގުރައިދޫގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން އެރަށުގެ ކައުންސިލުން ނާއިބު ރައީސާ މަޝްވަރާކުރައްވައިފި


އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ކުއްލި ޙާލަތުގައި ޚިދުމަތް ދެވޭނެ ވަޞީލަތެއް ތ. އަތޮޅުގައި ޤާއިމްވެފައި ނެތުމުގެ ކަންބޮޑުވުން އެއަތޮޅު ގުރައިދޫ ކައުންސިލުން ސަރުކާރަށް ހުށައަޅައިފިއެވެެ.

ކޮޅުމަޑުލު ގުރައިދޫ ކައުންސިލުން މިކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމްއާ ބައްދަލުކުރައްވައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ހިއްސާކުރައްވަމުންނެވެ. މިއަދު މެންދުރުފަހު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ގުރައިދޫގެ ތަރައްޤީއަށް ރާވާފައިވާ މަސައްކަތްތަކާއި، ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކުގެ މަޢުލޫމާތާއި ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާ ބެހޭގޮތުން އެރަށު ކައުންސިލަރުން ވަނީ ނާއިބް ރައީސާއި މަޝްވަރާކުރައްވާފައެވެ.

ރަށަށް ކުރިމަތިވެފައިވާ މައްސަލަތައް ފާހަގަ ކުރައްވައި، ގުރައިދޫ ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި، ރަށުގެ ބަނދަރު މުޅިން ހަލާކުވެފައިވުމާއި، ކޮންޓްރެކްޓް ހަވާލުވި ފަރާތުން ބޭނުންވެސް ނުކޮށް އޮވެ، އެރަށު އައިސް ޕްލާންޓު ވީރާނާވަމުންދިއުމާއި، އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ ކުއްލި ޙާލަތުގައި ޚިދުމަތް ދެވޭނެ ވަޞީލަތެއް އަތޮޅުގައިވެސް ޤާއިމްވެފައި ނެތުމާއި، އަތޮޅު ފެރީ ނިޒާމުގައި ހުރި މައްސަލަތަކުގެ އިތުރުން ރަށް ގިރުމުގެ މައްސަލަހިމެނެއެވެ.

މި ބައްދަލު ވުމުގައި ނާއިބް ރައީސް ދެއްކެވި ވާހަކަފުޅުގައި، ގުރައިދޫގެ ބަނދަރު ހެދުމަށް މިހާރު ސޮއިކުރެވިފައިވާއިރު، މިފަދަ މަސައްކަތްތަކުގެ ފެންވަރު ވަޒަންކުރަމުން ގެންދިއުމަކީ ކައުންސިލްގެ ފަރާތުން ކުރުން މުހިއްމު ކަމެއްކަން ފާހަގަކުރައްވާފައިވެއެވެ. އަދި ތަރައްޤީގެ މަސައްކަތްތައް ރަނގަޅު ފެންވަރެއްގައި ކުރުމަކީ އެކަމުގެ ހެވާއި ލާބަ އެންމެހާ ރައްޔިތުންނަށް ލިބޭނެ ކަމެއްކަން ނާއިބް ރައީސް ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ގުރައިދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިސްވެރިން ވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ކުރަމުންދާ މަސައްކަތްތައް ހިނގަމުންދާގޮތް ވެސް ނާއިބް ރައީސާ ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ނާއިބް ރައީސް ދެއްކެވި ވާހަކަފުޅުގައި، ގުރައިދޫގެ ރައްޔިތުންގެ ޢާންމު ދިރިއުޅުމުގެ ޙާލަތު ރަނގަޅު ކުރުމަށް ކައުންސިލުން އިސްނަގައިގެން ކުރަމުންދާ މަސައްކަތްތައް ވަނީ ފާހަގަ ކުރައްވާފައެވެ. އަދި، ތަޢުލީމީ ދާއިރާ އިތުރަށް ހަރުދަނާކޮށް، ޚާއްޞަކޮށް ކުޑަކުދިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަށް އިސްކަންދިނުމަށްވެސް ނާއިބް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން، ގުރައިދޫ ކައުންސިލަރުން އެދިވަޑައިގެންނެވި ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާ މަޝްވަރާ ކުރައްވައިގެން އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.