ޚަބަރު

މިއަހަރު ފަތުރުވެރިކަން މިހާބޮޑަށް ކުރިއެރީ ރާއްޖެއަށް ލިބުނު ސިޔާސީ ހަމަޖެހުމުގެ ސަބަބުން - ރައީސް


ކުރިން އަންދާޒާކުރި މިންވަރަށްވުރެ ހަލުވި ދުވެލީގައި ރާއްޖޭގެ ފަތުރުވެރިކަން މިއަހަރު ކުރިއަރައިދިއުމުގެ ސަބަބަކީ ރާއްޖެއަށް ލިބުނު ސިޔާސީ ހަމަޖެހުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ ހަރަކާތްތައް ނިންމާލުމަށް ކްރޮސް ރޯޑްސްގައި ބޭއްވި ގާލާނައިޓްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގައި ފަތުރުވެރިކަން ފެށިގެންއައިގޮތާއި، މުޅިންއާ ބްރޭންޑެއްގެ ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރައިގެންދިޔަގޮތާ ގުޅޭގޮތުން ވާހަކަފުޅުދައްކަވާފައެވެ.

ރާއްޖެއަށް އެންމެ ބޮޑު މަންފާއެއް ކުރަމުންދާ ފަތުރުވެރިކަން މިހާބޮޑަށް ކުރިއަރާފައިމިވަނީ ދިވެހިންގެ ހިތްވަރުންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މިދާއިރާ ދެންވެސް ކުރިއަށްގެންދެވޭނީ ހަމަ ދިވެހިންނަށްކަމަށެވެ.

"ދިވެހިން މިދާއިރާގައި މަސައްކަތްކުރަނީ ހަމައެކަނި ވަޒީފާއެއް އަދާކުރާކަށްނޫން. އަދި ކުރަންޖެހޭނީވެސް އެގޮތަކަށްނޫން. އެއަށްވުރެ މާ މުހިއްމު އަމިއްލަކަމެއްގެ ގޮތުގައިދެކިގެން މިދާއިރާ ކުރިއަރުވަންވީ. މިއަހަރުގެ މިހާތަނަށްއައިރު، ފަތުރުވެރިކަން ކުރިއަރަމުން އަންނަނީ އަޅުގަނޑުމެން ކުރިން އަންދާޒާކުރިވަރަށްވުރެ މާ ހަލުއި ދުވެއްޔެއްގައި. އޭގެ އެންމެ ބޮޑު ސަބަބަކީ ސިޔާސީގޮތުން ރާއްޖޭއަށް ލިބުނު ހަމަޖެހުން. ރާއްޖެއަށް ލިބުނު ހަމަޖެހުމާއި ގުޅިގެން ދިވެހި ފަތުރުވެރިކަމާމެދު އިންވެސްޓަރުންނަށް ލިބުނު އިތުބާރާ، ޔަގީންކަން" ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިޙްވިދާޅުވީ ރާއްޖެއަށް މިއައި ބަދަލުތަކާއެކު އެތައް ރިސޯޓުތަކެއް ހުޅުވި، އެތައް ރަށެއްގައި ގެސްޓުހައުސްތައް އިތުރުވެ، ފަތުރުވެރިކަމުގެ ދާއިރާއިން ގިނަ ވަޒީފާތައް އުފެދި ސިނާއަތަށް ގިނަގުނަ ކުރިއެރުންތަކެއް ލިބިފައިވާކަމަށެވެ.

"މިއަހަރުގެ މިހާތަނަށް 19 ރިސޯޓާއި، ޔޮޓް މެރީނާއެއް މިހާރުވަނީ ހުޅުވިފައި، އެނދުގެ ގޮތުން ބަލާނަމަ މިއީ 4127 އެނދު. ވަޒީފާގެ ގޮތުން ބަލާނަމަ މިއީ 10000 އަށްވުރެ ގިނަ ވަޒީފާ މިއަހަރު ޓޫރިޒަމް އިންޑަސްޓްރީން އުފެދިގެން މިދިޔައީ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރިސޯޓްތަކުން ދިވެހިންނަށް ވަޒީފާދިނުމުގައި އޮންނަ އުސޫލުތައް ހަރުދަނާކުރަންޖެހޭކަން ފާހަގަކުރައްވަމުން ރައީސް ޞާލިޙް ވިދާޅުވީ، ގިނައަދަދެއްގެ ދިވެހި ޒުވާނުން ވަޒީފާނެތި ތިބިއިރު އެތައް ރިސޯޓެއްގައި ބިދޭސީން ވަޒީފާއަދާކުރަމުންދާކަމަށާއި، ބިދޭސީންނަށްވުރެ ފުރިހަމައަށް އެފަދަ ވަޒީފާތައް އަދާކުރާނެ އެތައް ދިވެހިންނެއް އެބަތިބިކަމަށެވެ.

ފަތުރުވެރި ވަޒީފާތަކަށް ދިވެހި ޒުވާނުން ޝައުގުވެރިކޮށް ދިވެހިންނަށް ފުރުޞަތު ހޯދައިދިނުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެއްކަން ފާހަގަކުރައްވާ، ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަންޕްލޭންގައިވެސް މުހިއްމު ސިޔާސަތުތަކެއް ހިމަނާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެސިޔާސަތުތައް ތަންފީޒުކުރުމުގައި ސަރުކާރާއި އަމިއްލަ މުއައްސަސާތަކުންވެސް އަދާކުރަންޖެހޭ ޒިންމާތަކެއް ހުރިކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.