ޚަބަރު

މިދިޔަ ހަފްތާގައި ސަތޭކައަށްވުރެ ގިނަ އުޅަނދު ފުލުހުން ޓޯކޮށްފި


އެއްގަމު އުޅަނދުތައް ބަލާފާސްކުރުން އިތުރުކޮށް، ސަތޭކައަށްވުރެ ގިނަ އުޅަނދު މިދިޔަ ހަފްތާގައި ޓޯކޮށްފިއެވެ.

ފުލުހުންގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން އާންމުކުރި ތާފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހުގެ 28އިން މިމަހުގެ 4ވަނަ ދުވަހުގެ ނިޔަލަށް 1332 އުޅަނދު ބަލާފާސްކޮށްފައިވެއެވެ. އޭގެކުރީ ހަފްތާގައި ފުލުހުން ބަލާފާސްކޮށްފައިވަނީ 196 އުޅަނދެވެ. މިއީ 1136 ވެހިކަލްގެ އިތުރުވުމެކެވެ.

މިދިޔަ މަހުގެ 28 އިން މިމަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ފުލުހުން އާންމުކުރި ތަފާސް ހިސާބުތައް

ފުލުހުން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުގައި ވާގޮތުން މިނިމުނު ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ޓޯކޮށްފައިވަނީ، 105 އުޅަނދެވެ. އެއީ އޭގެކުރީ ހަފްތާގައި ޓޯކުރި އަދަދަށްވުރެ 29 ވެހިކަލް އިތުރު ޢަދަދެކެވެ. ޤަވާއިދާ ޚިލާފަށް ޕާކުކޮށްގެން މިދިޔަ ހަފްތާގައި 458 އުޅަނދެއްގައި ސްޓިކަރ ޖަހާފައިވެއެވެ. އޭގެ ކުރީ ހަފްތާގައި ސްޓިކާޖެހި ވެހިކަލްގެ އަދަދު 481 އަށް އަރައެވެ. ނިމުނު ހަފްތާގައި މަގުމަތީގެ 44 އެކްސިޑެންޓްހިނގާފައިވާއިރު، މީގެ ތެރެއިން ފަސް މީހަކަށް އެކިވަރުގެ އަނިޔާވެފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. ނަމަވެސް އޭގެ ކުރީހަފްތާގައި ހިނގި 43 އެކްސިޑެންޓްގައި 15 މީހަކަށް ވަނީ އަނިޔާވެފައެވެ.

ހުޅުމާލެ ފުލުހަށް މިދިޔަ ހަފްތާގައި ހުށައެޅުނު މައްސަލަތަކުގެ ތަފާސްހިސާބު

ޓްރެފިކް މެނޭޖްމަންޓުން ވިދާޅުވީ، ޤަވާޢިދާ ޚިލާފަށް ހިނގިކަމަށް ބޮޑަށް ފާހަގަކުރެވިފައިވަނީ ދުއްވަމުން ފޯންގެންގުޅުން ނުވަތަ ހެޑްސެޓްޖަހައިގެން ދުއްވުމާއި، އިންޝުއަރެންސާއި ރޯޑްވަރތިނަސް ސްޓިކާތައް ފުރިހަމަނުކުރާ މައްސަލައާއި، ލައިސެންސް ނެތި ދުއްވުމުގެ މައްސަލަތައްކަމަށެވެ. މީގެ ތެރެއިންވެސް 18 އަހަރުން ދަށުގެ ކުޑަކުދިން ސައިކަލް ދުއްވާ މައްސަލަތަކާއި، ޓްރެފިކަށް ބޯނުލެނބުމުގެ މައްސަލަތައް މަދުކަމަށް މިދިޔަ ހަފްތާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އެންވަޔަރަންމަންޓް ޕޮލިސް އަށް ހުށައެޅުނު މައްސަލަތައް

މިނިމުނު ހަފްތާގައި ހުޅުމާލެ ޕޮލިސްގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނައިން ހުށައަޅާފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން ވައްކަމުގެ 13 މައްސަލަ ހުށައެޅިފައިވީނަމަވެސް، މަސްތުވާތަކެތީގެ މައްސަލައެއްވެސް އަދި އާއިލީ މައްސަލައެއްވެސް ހުޅުމާލެއިން ހުށައަޅާފައި ނުވެއެވެ. މިދިޔަ ހަފްތާގައި ހުޅުމާލެއިން ރިޕޯޓްކޮށްފައިވަނީ އެކްސިޑެންޓްގެ އެންމެ ދެ މައްސަލައެވެ. ހުޅުމާލެ ޕޮލިހުން މިދިޔަ ހަފްތާގައި ވަނީ އެއަވަށުގެ 1587 ތަނެއް ބަލާފާސްކޮށްފައެވެ. އެންވަޔަރަމަންޓް ޕޮލިހުން ބެލި ކަންކަމަށްބަލާއިރު، 82 ކަމެއް އެޑިޕާޓްމަންޓުންވަނީ ހައްލުކޮށްދެއްވާފައިކަމަށް ފުލުހުން މައުލޫމާތުދެއްވިއެވެ.