ޚަބަރު

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހުކުރުރޭ މާލޭގައި އެއްވުމެއް ބާއްވަނީ


ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އަންނަ ހުކުރު ދުވަހުގެ ރޭ މާލޭގައި ރެލީއެއް ބާއްވަން ނިންމައިފިއެވެ.

އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން މިއަދު ބޭއްވީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ނައިބު ރައީސް މުޙައްމަދު ހުސައިން ޝަރީފް ވިދާޅުވީ "އަންނަނީ އަންނަނީ" މިނަމުގައި ބާއްވާ ހަރަކާތުގައި އޮންނާނީ އެކި ކަންކަމާ ގުޅޭގޮތުން އެޕާޓީންދެކޭގޮތް ހާމަކޮށް، ރައްޔިތުންނަށް ސިޔާސީ މެސެޖްތައް ފޯރުކޮށްދީ ޝުޢޫރު ފާޅުކުރުންކަމަށެވެ.

ތަފާތު ނަންނަމުގައި މީގެކުރިންވެސް ޕީޕީއެމް ޕީއެންސީން މިފަދަ އެއްވުންތައް ބާއްވާފައިވެއެވެ. ހުކުރު ދުވަހުގެ ރޭ 8:30ގައި ކާނިވާ ސަރަހައްދުގައި ބާއްވާ ހަރަކާތުގައި ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މުޙައްމަދު ޙުސައިން ޝަރީފު ވިދާޅުވިއެވެ.

ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ އެއްވުމެއް އަންނަ ހުކުރުދުވަހުގެރޭ ބާއްވާނެކަން އިދިކޮޅު ކޯލިޝަނުން ހާމަކޮށްފައިވާއިރު، އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިންގެ ދަޢުވާގެ ފަހު އަޑުއެހުން އަންނަ ބުދަދުވަހު ބާއްވާގޮތަށްވަނީ ހަމަޖެހިފައެވެ.

މިނޫސްވެރިންގެ ބައްދަލުވުމުގައި އެކޯލިޝަނުން ވަނީ "މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް" އިން ނެރުނު ރިޕޯޓްކުށްވެރިކޮށް އެކަމާއި ގުޅިގެން އެޖަމިއްޔާ އުވާލާ މެންބަރުން ހައްޔަރުކުރަންޖެހޭކަމަށް ބުނެފައެވެ. އަދި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފު ވިދާޅުވީ އެމް.ޑީ.އެންގެ ރިޕޯޓު އާންމުކޮށްފައިވަނީ ރައީސް ޔާމީނުގެ ވެރިކަމުގައި ނޫންކަމަށާއި، އެ ރިޕޯޓް ޕަބްލިޝްކުރީ މީގެ ހަމަސްކުރިންކަން އެނގިފައިވާކަމަށް ވިދާޅުވެފައެވެ.