ޚަބަރު

ބޮޑުފޮޅުދޫގެ މަޝްރޫޢުތައް އަވަސްކޮށްދެއްވުމަށް ރައީސަށް ދަންނަވައިފި


އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫއަށް ބޭނުންވެފައިވާ އުމްރާނީ ތަރައްޤީގެ ކަންކަން އަވަސްކޮށްދިނުމަށް އެރަށު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ މިއަދު މެންދުރުފަހު ބޮޑުފޮޅުދޫ ކައުންސިލަރުންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި، ބޮޑުފޮޅުދޫ ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުއްވި ކަންކަމުގެ ތެރޭގައި ރަށުގެ ތަރައްޤީއަށް ބޭނުންވާ އެންމެ މުހިންމު ޕްރޮޖެކްޓްތަކާއި، ބައެއް ޚިދުމަތްތައް ރަނގަޅުކުރުމާއި ރައްޔިތުންގެ ބައެއް ކަންބޮޑުވުންތައް ހިމެނެއެވެ.

ކައުންސިލަރުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ރަށުގެ ފެނާއި ނަރުދަމާގެ މަޝްރޫޢުގެ މަސައްކަތް އަވަސްކުރުމަށާއި ބިންހިއްކުމާއި ބަނދަރުގެ އެއްގަމު ތޮށީގެ މަރާމާތުގެ މަސައްކަތާއި، ޞިއްޙީ ދާއިރާ ތަރައްޤީކުރުމަށް ބޭނުންވާ ކަންކަން ހިމެނެއެވެ. މީގެއިތުރުން ޒުވާނުންނަށް ބޭނުންވާ ބައެއް ޚިދުމަތްތަކާއި ވަޞީލަތްތައް ޤާއިމުކުރުމަށް ސަރުކާރުން މަޝްރޫޢުތައް ހިންގައިދިނުމަށް ވެސް ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވިއެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ބޮޑުފޮޅުދޫ ކައުންސިލަރުން ފާހަގަ ކުރެއްވި ކަންކަމުގެ ތެރެއިން ބަޖެޓުގައި ހިމެނިފައިވާ މަޝްރޫޢުތަކާބެހޭ އެންމެފަހުގެ މަޢުލޫމާތު ކައުންސިލަރުންނާ ޙިއްޞާކުރެއްވިއެވެ. މީގެ އިތުރުން އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުއްވިދާނެ މަޝްރޫޢުތަކާބެހޭ މަޝްވަރާ ކުރެއްވުމުގެއިތުރުން ބައެއް މަޝްރޫޢުތަކުގެ މަސައްކަތް ފެށޭނެކަމަށް ލަފާކުރެވޭ ތާރީޚްތައް ރައީސުލްޖުމްހޫރިއްޔާ ބޮޑުފޮޅުދޫ ކައުންސިލަރުންނާ ޙިއްޞާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލަރުން ފާހަގަކުރެއްވި އިތުރުކަންކަމަށްވެސް ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ޙައްލު ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ވިދާޅުވެފައިވެއެވެ.