ކުޅިވަރު

ސެމީފައިނަލްގެ ޖާގަތަށް އިންޑިއާ، ޕާކިސްތާން، ސްރީލަންކާ އަދި ނޭޕާލްއަށް


ސައުތް އޭޝިއަން އަންޑާ 21 ރީޖަނަލް ބެޑްމިންޓަން ޗެމްޕިއަންޝިޕްގެ މިކްސް ޓީމް އިވެންޓުގެ ސެމީ ފައިނަލުގައި ވާދަކުރާނެ ޓީމްތަށް ކަށަވަރުވެއްޖެއެވެ.

މިކްސް ޓީމް އިވެންޓުގެ ގްރޫޕް އޭއިން އެއްވަނަ ޓީމުގެ ގޮތުގައި އިންޑިއާ ސެމީއިން ޖާގަ ހޯދިއިރު ދެވަނަ ޓީމުގެ ގޮތުގައި ސެމީއިން ޖާގަ ހޯދީ ޕާކިސްތާނެއެވެ. ގްރޫޕް ބީއިން އެއްވަނަ ޓީމުގެ ގޮތުގައި ސްރީލަންކާ ސެމީއިން ޖާގަ ހޯދިއިރު ދެވަނަ ޓީމުގެ ގޮތުގައި ސެމީއިން ޖާގަ ހޯދީ ނޭޕާލްއެވެ.

ސެމީ ފައިނަލްގެ ފުރަތަމަ ޓައީގައި ވާދަކުރާނީ ގްރޫޕް އޭގެ އެއްވަނަ ޓީމް އިންޑިއާ އާއި ގްރޫޕް ބީ ގެ ދެވަނަ ޓީމް ނޭޕާލްއެވެ. ސެމީގެ ދެވަނަ ޓައީގައި ވާދަކުރާނީ ގްރޫޕް އޭގެ ދެވަނަ ޓީމް ޕާކިސްތާން އާއި ގްރޫޕް ބީ ގެ އެއްވަނަ ޓީމް ސްރީލަންކާއެވެ.

މިކްސް ޓީމް އިވެންޓުގެ ސެމީގެ ޖާގައެއް ރާއްޖެއަށް ގެއްލުނީ ގްރޫޕް ބީގެ ތިންވަނައަށް ދިއުމުންނެވެ. މުބާރާތުގެ މިކްސް ޓިމް އިވެންޓުގެ ގްރޫޕް ސްޓޭޖުގެ ފަހު ޓައީގައި ރާއްޖެ ނޭޕާލް އަތުން ބަލިވީ 3 ގޭމް 2 ގޭމުންނެވެ.

ނޭޕާލް އާއި ރާއްޖެ ވާދަކުރި ޓައީގައި ރާއްޖެއަށް ކާމިޔާބު ކުރެވުނީ އަންހެން ޑަބަލްސް އާއި މިކްސް ޑަބަލްސް ގޭމެވެ. ނޭޕާލްއިން ކާމިޔާބުކުރީ ފިރިހެން ސިންގަލްސް، އަންހެން ސިންގަލްސް އަދި ފިރިހެން ޑަބަލްސް ގޭމެވެ.

ފިރިހެން ޑަބަލްސްގައި ނޭޕާލްގެ 21 އަހަރުން ދަށުގެ އެއްވަނަ ކުޅުންތެރިޔާ ޕްރިންސް ދަހާލް އާއި ދެކޮޅަށް ރާއްޖެއިން ވާދަކުރީ އަހުމަދު ނިބާލްއެވެ. މިމެޗް ދަހާލް ކާމިޔާބުކުރީ ސީދާ ދެސެޓުންނެވެ. މެޗުގެ ސެޓުތަށް ދަހާލް ގެންދިޔައީ 21-11 އަދި 21-6 އިންނެވެ.

އަންހެން ސިންގަލްސްގައި ނޭޕާލްގެ ރަސީލާ މަހަރްޖާން އާއި ދެކޮޅަށް ރާއްޖެއިން ވާދަކުރީ ފާތިމަތް ނަބާހާ އަބްދުލްރައްޒާގްއެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗު ރަސީލާ ކާމިޔާބުކުރީ ސީދާ ދެސެޓުންނެވެ. މެޗުގެ ސެޓުތަށް ރަސީލާ ގެންދިޔައީ 22-20 އަދި 23-21 އިންނެވެ.

ފިރިހެން ޑަބަލްސްގައި ނޭޕާލްގެ ދަހާލް އާއި ޕްރަފުލް މަހަރްޖާންގެ ޕެއާއަތުން ރާއްޖޭގެ އާކިފް އާއި ޝިފާއުގެ ޕެއާ ބަލިވީ ސީދާ ދެސެޓުންނެވެ. މެޗުގެ ސެޓުތަށް ނޭޕާލްގެ ޕެއާއިން ގެންދިޔައީ 21-13 އަދި 21-8 އިންނެވެ.

އަންހެން ޑަބަލްސްގައި ނޭޕާލްގެ ޖެސިކާ އާއި ރަސީލާގެ ޕެއާ އާއި ވާދަކޮށް ނަބާހާ އަބްދުލްރައްޒާގް އާއި ނަބީހާ އަބްދުލްރައްޒާގް މެޗް ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. މެޗުގެ ސެޓުތަށް ނާބާހާ އާއި ނަބީހާގެ ޕެއާއިން ކާމިޔާބުކުރީ 21-15 އަދި 21-12 އިންނެވެ.

މިކްސް ޑަބަލްސްގައި ޕްރަފުލް އާއި ޖެސިކާގެ ޕެއާ އާއި ވާދަކޮށް ނަބީހާ އާއި ނިބާލްގެ ޕެއާއިން މެޗް ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. މެޗުގެ ސެޓުތަށް ނިބާލް އާއި ނަބީހާގެ ޕެއާއިން ގެންދިޔައީ 21-18 އަދި 22-20 އިންނެވެ.

މުބާރުގެ މިކްސް ޓީމް އިވެންޓުގެ ސެމީފައިނަލް މެޗުތަށް ކުޅުމަށް ހަމަޖޖެހިފައިވަނީ މިއަދުއެވެ. މިކްސް ޓީމް އިވެންޓުގެ މެޗްތަކަށްފަހު އޯޕަން ކެޓަގަރީގެ ކުޅުން ފަށާނީ މިމަހުގެ 8 ވަނަ ދުވަހުއެވެ.