ޚަބަރު

މަސްތުވާތަކެތި އެތެރެކުރި ބޯޓާއި ގުޅުުން ހުރި 13 މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި


މަސްތުވާތަކެތި ޓްރެފިކް ކުރަންއުޅެނިކޮށް ހިފެހެއްޓި ބޭރު ބޯޓާއި، އެބޯޓާއި ގުޅުންހުރި ނެޓްވަރކްގައި ހެމެނޭ 13 މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެެވެ.

ފުލުހުން ވިދާޅުވީ މި މައްސަލަގައި ހައްޔަރުކޮށްފައިވާ އެންމެންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށް ދީފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިމައްސަލާގައި ކުރިން 10 މީހުން ހައްޔަރުކޮށްފައިވެއެވެ. ފުލުހުން ވިދާޅުވީ، އެ ނެޓްވޯކްގައި ހިމެނޭ އިތުރު ތިން މީހަކާއެކު މިހާރު ޖުމްލަ 13 ފިރިހެނުން ހައްޔަރުކޮށް އެމީހުންގެ ބަންދުގެ މުއްދަތު ކޯޓުން ޖަހައިދީފައިވާކަމަށެވެ.

މިމައްސަލާގައި ހިފެހެއްޓި ބޯޓުގައި ތިބި 6 މީހުންނާއި ރާއްޖޭގެ ދޯނީގައި ތިބި 2 ދިވެހިންގެ އިތުރުން ރޭ ހައްޔަރުކުރި 3 މީހުންގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން އިތުރުކޮށްދީފައިވާކަމަށެވެ. އަދި ދޯނީގައި ތިބި ދެ ބިދޭސީންގެ ބަންދަށްވެސް 10 ދުވަސް ޖަހައިދީފައިވާކަމަށް ފުލުހުން މައުލޫމާތުދެއްވިއެވެ.

މިމައްސަލާގައި ހިމެނޭ ކޮންގައުމެއްގެ ބޯޓެއްކަން ކަށަވަރުނުވާ ބޯޓު ބަލައި ފާސްކުރިއިރު 70 ކިލޯގެ މަސްތުވަތަކެތި ފެނިފައިވާކަމަށް ފުލުހުން ވަނީ މިއަދު ހާމަކުރައްވާފައެވެ.

މަސްތުވާތަކެތީގެ މައްސަލައިގައި ހިފެހެއްޓި ބޭރުގެ ބޯޓާއެކު ރާއްޖޭގެ ދޯންޏެއްވެސްވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، އެ ދެ އުޅަނދުވެސް މިހާރުވަނީ ދޫނިދޫއަށް ގެނެސްފައެވެ. ނަމަވެސް ހައްޔަރުކުރި އެއްވެސް މީހުންނާއި ގުޅޭ އިތުރު އެއްވެސް މަޢުލޫމާތެއް މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުންނާއި އެމްއެންޑީއެފުންދަނީ މި އުޅަނދުތައް އިތުރަށް ބަލައި ފާސްކުރުމުގެ މަސައްކަތް ކުރަމުންނެވެ. ފުލުހުން ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން އީރާނުގެ ދިދަ ޖަހައިގެން ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަހައްދުގައި ހަރަކާތްތެރިވި ބޯޓުން މަސްތުވާތަކެތި އަޅާފައިހުރި 3 ގޯނި ފެނިފައިވާކަމަށެވެ.

ބޭރުގެ މީޑީއާތަކުން ކުރިން ރިޕޯޓުކޮށްފައިވާގޮތުން އެބޯޓުން ފެނިފައިވަނީ 150ކިލޯގެ މަސްތުވާތަކެއްޗެވެ. ނަމަވެސް ފުލުހުން ވިދާޅުވެފައިވަނީ އެ ބޯޓު ބަލައި ފާސްކުރުމުން މިހާތަނަށް ފެނިފައިވަނީ 70 ކިލޯގެ މައްސަތުވާތަކެތި ކަމަށެވެ.

މި ތަކެތީގެ އަގު 59.2 މިލިއަން ރުފިޔާއަށް އަރާކަމަށް ޕޮލިސް ކޮމިޝަނަރ މުޙައްމަދު ޙަމީދުވަނީ ވިދާޅުވެފައެވެ. މި ބޯޓު ކައިންރިން އަތުލައިގެން ރާއްޖޭގެ ދޯންޏަކީ ބޯޓުން މަސްތުވާތަކެތި ނެގުމަށްޓަކައި އެ ސަރަޙައްދުގައި ހަރަކާތްތެރިވި ދޯންޏެކެވެ. އަތުލައިގެން ބޯޓަކީ ކޮން ޤައުމަކަށް ނިސްބަތްވާ ބޯޓެއްކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިނުވާއިރު، އިތުރު ތަޙްގީޤަށް ބޭރުގެ ބޯޓު ދޫނިދުއަށް ގެނެސްފައިވަނީ ރޭ ދަންވަރު 02:00ހާއިރުއެވެ. އަދި ދިވެހި ދޯނި، ދޫނިދުއަށް ގެނެސްފައިވަނީ މިއަދު ހެނދުނު 06:30 ހާއިރު ކަމަށް ފުލުހުން ވިދާޅުވެއެވެ.

މަސްތުވަތަކެތި ޓްރެފިކް ކުރަން އުޅެނިކޮށް ބޭރުގެ ބޯޓަކާއި ރާއްޖެގެ ދޯންޏެއް ހިފަހައްޓާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ.