ކުޅިވަރު

ދެގަޑިއިރު ހަމަވުމުގެ ކުރިން އެލިއޫޓް މެރަތަން ފުރިހަމަކޮށްފި


ފުރަތަމަ ފަހަރަށް ދުވުމުގެ މެރެތަނެއް ދެގަޑިއިރިއަށްވުރެ އަވަހަށް ނިންމައި ތަޖުރިބާކާރު ދުވުންތެރިޔާ އެލިއޫޓް ކިޕްޗޯޖް ތާރީޚުގެ ތެރެއަށް ވަދެއްޖެއެވެ.

ދެގަޑިއިރަށްވުރެ އަވަހަށް ފުލް މެރެތަންއެއް (42 ކިލޯމީޓަރު) ދުވެ ނިންމުމަކީ އިންސާނަކަށް ކުރެވިދާނެ ކަމެއް ކަމާމެދު މީގެ ކުރިން، ދިގު ދުވުމުގެ ތަޖުރިބާކާރުންނާއި ސައިންސް ވެރިންވެސް ވަނީ ސުވާލު އުފައްދާފައެވެ. ދެގަޑިއިރަށްވުރެ އަވަހަށް ފުލް މެރަތަނެއް ދުވެ ނިންމާނަމަ ދުވުންތެރިޔާ ދަށްވެގެން 17:08 ސިކުންތުގެ ތެރޭގައި 100 މީޓަރު ނިންމަން ޖެހޭނެއެވެ. މި ސްޕީޑުގައި ދުވާނަމަ ހާފް މެރަތަންއެއް ނިންމޭނީ 59 މިނެޓާއި 59 ސިކުންތުންނެވެ.

ދުނިޔޭގެ އެންމެ ބާރު ދިގު ދުވުންތެރިޔާ ކެންޔާގެ އެލިއޫޓް ކިޕްޗޯޖް މިއަދު އޮސްޓްރޭލިއާގެ ވީއެނާގައި ދުވެ ރެކޯޑް މުގުރާލީ 1 ގަޑިއިރާ 59 މިނެޓް 40 ސިކުންތުން 42 ކިލޯމީޓަރު ފުރިހަމަކޮށްގެންނެވެ. ސައިންސް ވެރިންނާއި ތަޖުރިބާކާރުން އިންސާނަކަށް ނުވާނެކަމަށް ބުނަމުން އައި ޗެލެންޖް އެލިއޫޓް ފުރިހަމަކުރީ ދެގަޑިއިރަށްވުރެ އެންމެ 20 ސިކުންތު އަވަހަށް ނިންމައިގެންނެވެ.

ދުވުން ފުރިހަމަކުރިއިރު އެލިއޫޓް އާއެކު ޖުމްލަ 41 ޕޭސްމޭކަރުން ބައިވެރިވިއެވެ. ޕޭސްމޭކަރުން ވަނީ އެލިއޫޓް މުޅި ދުވުމުގައި ކިލޯމީޓަރެއް 2 މިނެޓާއި 50 ސިކުންތުގެ ތެރޭގައި ބަހައްޓަން މަސައްކަތް ކޮށްފައެވެ. ބައެއް ކިލޯމީޓަރު ތަކުގައި އޭނާގެ ސްޕީޑް ކިލޯމީޓަރެއް 2 މިނެޓާއި 52 ސެކުންތަށް ދަށްވިނަމަވެސް، ބައެއް ކިލޯމީޓަރުތަކުގައި އެލިއޫޓް ވަނީ 2 މިނެޓާއި 48 ސިކުންތައްވެސް ސްޕީޑް ބާރުކޮށްފައެވެ.

ތާރީޚީ ދުވުން ފުރިހަމަކޮށް ސައިންސް ވެރިންނާއި ތަޖުރިބާކާރުންނަށް ގޮންޖަހާލުމަށްފަހު އެލިއޫޓް ރޭސް ނިންމައި އެއުފަލުގައި އެންމެ ފުރަތަމަ ބައިވެރި ކުރުވީ އޭނާގެ އަންހެނުންނާއި ތިން ދަރިންނެވެ. މިއީ އޭނާގެ ކެރިއަރުގައި އޭނާގެ ދުވުމުގެ ރޭހަކަށް މުޅި އާއިލާ ގެންދިޔަ ފުރަތަމަ ފަހަރެވެ.

މިއީ އެލިއޫޓް މި ޗެލެންޖް ކާމިޔާބުކުރަން މަސައްކަތްކުރި ދެވަނަ ފަހަރެވެ. އޭނާ ފުރަތަމަ މަސައްކަތް ކުރީ 2017 ވަނަ އަހަރު ނައިކްގެ ފަރާތުން ކުރިއަށްގެންދިޔަ "ބްރޭކިން ޓޫ" ޕްރޮޖެކްޓްގައެވެ. އެފަހަރު އޭނާ ދުނިޔޭގެ މެރަތަން ރެކޯޑް މުގުރާލި ނަމަވެސް ޗެލެންޖް ބްރޭކް ނުކުރެވުނީ އެންމެ 25 ސިކުންތު ލަސްވެގެންނެވެ. އެފަހަރު އޭނާއަށް ރޭސް ނިންމުނީ ދެގަޑިއިރާއި ފަންސަވީސް ސިކުންތުންނެވެ. އެއީ މީގެކުރިން އިންސާނަކު ދުވުމުގެ ފުލް މެރަތަންއެއް ނިންމި އެންމެ އަވަސް ސްޕީޑެވެ.

މިފަހަރު އޭނާ ރެކޯޑް ހަދާފައި މިވަނީ އިނގިރޭސިވިލާތުގެ ކެމިކަލް އުފެއްދާ ކުންފުންޏެއް ކަމަށްވާ އިނިއޮސް އިން ސްޕޮންސާ ކޮށްގެން އޮސްޓްރޭލިއާގައި ކުރިއަށްގެންދިޔައި ދުވުމުގައެވެ. އެލިއޫޓް ރެކޯޑް ހަދާތަން ބަލާލުމަށް ފަންސަވީސް ހާހަށްވުރެ ގިނަ މީހުންވަނީ ރޭސް ކުރިއަށްގެންދިޔަ އޮސްޓްރޭލިއާގެ ވެރިރަށް ވިއެނާގެ ޕްރެޓާ ޕާކް ސަރަހައްދަށް ޖަމާވެފައެވެ.