ޚަބަރު

ރަށްރަށުގެ ހޮސްޕިޓަލްތައް ހިންގުމާ ހަވާލުވެ ތިބި އިސްވެރިންނަސް ތަމްރީން ދެނީ


ރަށްރަށުގެ ހޮސްޕިޓަލްތައް ހިންގުމާ ހަވާލުވެ ތިބި އިސް މުވައްޒަފުންނަށް ޚާއްސަކޮށްގެން ތަމްރީން ޕްރޮގްރާމެއް ކުރިއަށްގެންދިޔުމަށް ހެލްތް މިނިސްޓްރީން ނިންމައިފިއެވެ.

ހަތަރު ދުވަހުގެ މުއްދަތަކަށް އިންޑިއާގެ ނިއުދިއްލީގައި ކުރިއަށްގެންދިޔުމަށް ނިންމާފައިވާ މި ތަމްރީން ޕްރޮގްރާމް ކުރިއަށްދާނީ މިމަހުގެ 14 އިން 17ގެ ނިޔަލަށެވެ. މިއީ ހޮސްޕިޓަލް ހިންގުމުގެ ހުނަރާއި ޤާބިލްކަން އިތުރުކުރުމަށްޓަކައި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ އެހީގައި އިންޑިއާގެ ނިއުދިއްލީގައި ހުންނަ އިންޓަރނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތް މެނޭޖްމަންޓް ރިސަރޗް ސެންޓަރގައި ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމެކެވެ. މި ތަމްރީން ޕްރޮގްރާމްގައި ރާއްޖޭގެ 10 ހޮސްޕިޓަލްގެ އިސްވެރިން ބައިވެރިވާކަމަށްހެލްތް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކާ ބައްދަލުކުރައްވައި ހެލްތް މިނިސްޓަރ ވަނީ މި ތަމްރީންގެ އަލީގައި ލިބޭ މަޢުލޫމާތުތައް ބޭނުންކޮށްގެން ހޮސްޕިޓާތަކާއި ސިއްޙީ މަރުކަޒުތައް ހިންގުމަށް މިހާރަށްވުރެ ބޮޑަށް މަސައްކަތް ކުރުމަށް އިލްތިމާސްކުރައްވާފައެވެ.

މިތަމްރީން ޕްރޮގްރާމްގައި ބައިވެރިވާ ބައެއް ފަރާތްތަކުން ވިދާޅުވީ މިފަދަ ޕްރޮގްރާމްތަކަކީ ސިއްޚީ ޚިދުމަތްދޭ ތަންތަނުގެ ހިންގުން ރަނގަޅުކޮށް ހަރުދަނާކުރުމަށް މުހިންމު މަޢުލޫމާތުތަކެއް ލިބިގެންދާނެ ޕްރޮގްރާމްތަކެއް ކަމަށެވެ.

ނިއުދިއްލީގައި ކުރިއަށް ގެންދާ މި ތަމްރީން ޕްރޮގްރާމްގައި ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ އިސްވެރިންނަށް އެތަންތަނުގެ ހިންގުން ހަރުދަނާކުރުމަށް ކުރެވިދާނެ މަސައްކަތްތަކުގެ މަޢުލޫމާތުތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އިންޑިއާގެ ސިއްޙީ ޚިދުމަތްދޭ ތަންތަނަށް ގޮސް އެތަންތަނުގެ މަސައްކަތް ކުރިއަށްދާގޮތް ބަލާލުމާއި އިންޑިއާގެ ނިއުދިއްލީގައި ހުންނަ އިންޓަރނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތް މެނޭޖްމަންޓް ރިސަރޗް ސެންޓަރގައި ކުރިއަށްދާ މަސައްކަތްތައްވެސް ބަލާލުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ހޮސްޕިޓަލްގައި ހުރި ވަޞީލަތްތައް އެންމެ ރަނގަޅުގޮތުގައި ބޭނުންކުރާނެ ގޮތްތަކާއި ހޮސްޕިޓަލްތައް ހިންގުމުގައި ދިމާވާ ދަތިތަކާއި އެކަންކަން ހައްލުކުރުމަސް ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.