ކުޅިވަރު

ސިންގަޕޫރު ލީގު ޗެމްޕިއަން ސިގްލެޕަށް ރާއްޖޭގެ ބާސްކެޓް ޓީމް އަތުން ހަނި މޮޅެއް


ސިންގަޕޫރުގެ ފުރަތަމަ ޑިވިޝަނުގެ ޗެމްޕިއަން ސިގްލެޕް އަތުން ޤައުމީ ބާސްކެޓްބޯޅަ ޓީމް ކުޑަ ތަފާތަކުން ބަލިވެއްޖެއެވެ.

މިހާރު ސިންގަޕޫރުގައި ކުރިއަށްދާ ޓްރެއިނިންގ ކޭމްޕުގައި ޤައުމީ ބާސްކެޓަބޯޅަ ޓީމް ކުޅުނު ފުރަތަމަ އެކުވެރިކަމުގެ މެޗުން އެގައުމުގެ ފުރަތަމަ ޑިވިޝަނުގެ އެންމެ ފަހުގެ ޗެމްޕިއަން ސިގްލެޕް ބާސްކެޓްބޯލް ކުލަބު އަތުން ބަލިވީ އެންމެ ދެ ޕޮއިންޓުގެ ތަފާތުންނެވެ. މެޗު ސިގްލެޕުން ކާމިޔާބުކުރީ 63-65އިންނެވެ.

މެޗު ސިގްލެޕުން ފަށައިގަތީ ވަރުގަދަކޮށެވެ. އެގޮތުން ފުރަތަމަ ކުއާޓާ ނިންމާލީވެސް އެޓީމް ލީޑުގައި އޮވެގެންނެވެ. ނަމަވެސް ދެވަނަ ކުއާޓާ އާއި ހިސާބުން ރާއްޖޭގެ ޤައުމީ ޓީމުން ވަނީ ލީޑު އަތުލާފައެވެ. ރާއްޖެއަށް ލީޑު ގެއްލުނީ މެޗުގެ ފަހު ކުއާޓާގައި، މެޗުނިމެން އެންމެ ހަތަރު މިނެޓަށް ވެފައި ވަނިކޮށެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ސިގްލެޕް ޓީމުގެ ކެޕްޓަން ހެބަން ބުނީ، ރާއްޖެ ޓީމް ފެނުނީ ހީކުރިވަރަށްވުރެ މާ ވަރުގަދަކޮށް ކަމަށާއި، މެޗުން މޮޅިވި ކަމުގައި ވިޔަސް މެޗުގެ ނަތީޖާއިން ރަނގަޅު ފިލާވަޅެއް ލިބެންވީ ބަޔަކީ އޭނާގެ ޓީމުކަމަށެވެ. އަދި މެޗުގައި ސިގްލެޕްއަށްވުރެ ރަނގަޅަށް ކުޅުނީ ރާއްޖެ ޓީމް ކަމަށާއި އޭނާގެ ޓީމަށް ލީޑު ލިބުނީ ފަހު ވަގުތު ލިބުނު ފުރުސަތެއްގެ ބޭނުން ހިފައިގެން ކަމަށްވެސް ހެބަން ބުންޏެވެ.

"އަސްލު ހީކުރިވަރަށް ވުރެން މާ ވަރުގަދަ ރާއްޖެ ޓިމް. ދެން އަހަރުމެންވެސް ބައެއް މުހިންމު ކުޅުންތެރިން ނެތި މި ކުޅެން ޖެހުނީ، އެެހެންވެ ވަރަށް ވާދަވެރިކޮށް ދިޔައީ، އެކަމު މިމެޗުން އަސްލި ފިލާވަޅެއް ދަސްކުރަންވީ ބަޔަކީ އަހަރުމެން، އެއީ ރާއްޖެ ޓީމުގެ ފަރާތުން ފެނުނީ ތަފާތު ރޫހެއް. އެންމެ ފަހު ސިކުންތާ ޖެހެންދެންވެސް ދޫނުދީ މަސައްކަތް ކުރިތަން. " ސިގްލެޕް ޓީމުގެ ކެޕްޓަން ހެބަން ބުންޏެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޤައުމީ ޓީމުގެ ކޯޗް ކޯރޭ ބެލްސާ ބުނީ، މެޗުން ބަލިވިޔަސް ނަތީޖާ އާއި މެދުގައި ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށާއި ސިގްލެޕް ކަހަލަ ޗެމްޕިއަން ކުލަބަކާއި ދެކޮޅަށް ވަރުގަދަ ފައިޓެއް ދެވިއްޖެ ކަމަށެވެ. އަދި ކުޅުންތެރިން ދެއްކީ އޭނާ ބޭނުންވި ކަހަލަ ރަނގަޅު ކުޅުމެއް ކަމަށްވެސް ކޯޗް ބެލްސާ ބުންޏެވެ. ކޯރޭ ބެލްސާ ބުނީ ނަތީޖާއަށްވުރެ ބޮޑަށް މިއީ އެކުވެރިކަމުގެ މެޗަކަށް ވުމުން ބޭނުންވީ ވަރުގަދަ ފައިޓެއްދީގެން ހެދޭ ގޯސްތައް ރަނގަޅު ކޮށްގެން ކުޅެން ކަމަށެވެ.

"ވަރަށް ހިތްހަމަޖެހޭ ނަތީޖާ އާއިމެދު. އެއީ މީ ސިނގަޕޫރުގެ ފުރަތަމަ ޑިވިޝަނުގެ ޗެމްޕިއަނުން، އެމީހުން އަތުން އެންމެ ދެޕޮއިންޓް ތަފާތުން ބަލިވީމަ އެގިއްޖެ މީގެންވެސް ވަރުގަދަ ފައިޓެއް ދެވިއްޖެކަން. އަނެއްކޮޅުން ބޮޑަށް ވިސްނީވެސް ރަނގަޅު ގޭމެއް ކުޅުވަން" ކޯޗް ބެލްސާ ބުންޏެވެ.

ސިންގަޕޫރުގެ ތަމްރީން ދަތުރުގައި ސިންގަޕޫރުގެ ޤައުމީ ބާސްކެޓްބޯޅަ ޓީމާއި ދެކޮޅަށްވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.