ސިގްލެޕް އާއި ދެކޮޅަށް ކުޅުނު މެޗަށްފަހު ހުރިހާ ކުޅުންތެރިންވެސް ތިބީ ވަރަށް ބޮޑަށް މޯޓިވޭޓް ވެފައި ކަމަށާއި، މިވަގުތު ހުރިހާވެސް ވިސްނުމެއް ހުރީ މިރޭ ސިންގަޕޫރުގެ ޤައުމީ ޓީމް އާއި ދެކޮޅަށް ވާދަކުރާ މެޗުން ރަނގަޅު ނަތީޖާއެއް ހޯދަން ގައުމީ ބާސްކެޓްބޯޅަ ޓީމުގެ އަބްދުﷲ އަމްޒަރު ބުނެފިއެވެ.
ސިންގަޕޫރުގައި މިހާރު ގައުމީ ބާސްކެޓް ޓީމް ކުރިއަށްގެންދާ ޚާއްސަ ޓްރެއިނިންގ ކޭމްޕުގައި އެޤައުމުގެ ޤައުމީ ޓީމާއި ދެކޮަޅަށް މިރޭ ރާއްޖޭގެ ޓީމް ކުޅޭނެއެވެ. މެޗުގެ ކުރިން ޤައުމީ ޓީމް ވަނީ އެގައުމުގެ ފުރަތަމަ ޑިވިޝަންގެ ޗެމްޕިއަން އާއި ދެކޮޅަށްވެސް އެކުވެރިކަމުގެ މެޗެއް ކުޅެފައެވެ. އެމެޗުން ރާއްޖެ ބަލިވީ އެންމެ ދެ ޕޮއިންޓުގެ ތަފާތުންނެވެ.
މިރޭގެ މެޗާއި ގުޅޭގޮތުން އަމްޒަރު ބުނީ، ކޭމްޕުގެ ފުރަތަމަ މެޗުން ލިބުނު ނަތީޖާ އާއިމެދު ހިތްހަމަ ޖެހޭ ކަމަށާއި، އެމެޗުގެ ނަތީޖާއަށްފަހު ހުރިހާ ކުޅުންތެރިންނަށްވެސް ވަރަށް ބޮޑު ކޮންފިޑެންސް އެއް ލިބުނު ކަމަށެވެ. އަދި މިރޭގެ މެޗައް ނިކުތުމުގެ ކުރިން އެންމެ ފަހުން ކުރި ފަރިތަކުރުންތަކުގައިވެސް އެމެޗުން ހެދުނު ގޯސްތައް ރަނގަޅުކުރަން މަސައްކަތްކުރި ކަމަށްވެސް އަމްޒަރު ބުންޏެވެ.
އަމްޒަރު ބުނީ މިރޭގެ މެޗަށް ނިކުންނައިރު ހުރިހާ ކުޅުންތެރިންވެސް ތިބީ ވަރަށް ބޮޑަށް ތައްޔާރަށް ކަމަށާއި، ހުރިހާ ކުޅުންތެރިންގެވެސް މިވަގުތު ފޯކަސް ހުރީ ސީދާ މެޗައް ކަމަށެވެ. އަމްޒަރު ބުނީ ސިގްލެޕް އާއި ދެކޮޅަށް ކުޅުނު މެޗައްވުރެ މިމެޗް ވަރުގަދަވާނެ ކަމަށާއި، ސިގްލެޕް މެޗުގައި އެޓީމުގެ ޤައުމީ ޓީމަށް ނިސްބަތްވާ ކުޅުންތެރިން ނެތުމުން މިރޭގެ މެޗު އެމެޗަށްވުރެ މާ ބޮޑަށްވެސް އުނދަގޫވާނެ ކަމަށެވެ.
"އަޅުގަނޑުމެން މިރޭ މި ނުކުންނަނީ މިކޮޅުގެ ގައުމީ ޓިމާއި ދެކޮޅަށް، ދެން އެންމެ ފަހުން މިކޮޅުގެ ޗެމްޕިއަނުންނާއި ދެކޮޅަށް ވާދަކުރި މެޗުން އެންމެ ދެޕޮއިންޓުގެ ތަފާތުން ބަލިވީ، އެމެޗައްފަހު ހުރިހާ ކުޅުންތެރިންވެސް ތިބީ ވަރަށް މޯޓިވޭޓްކޮށް، ބޭނުންވަނީ މިރޭ މިކޮޅުގެ ގައުމީ ޓީމާއި ދެކޮޅަށް ވަރުގަދަ ފައިޓެއް ދޭން. އެމެޗައްވުރެ މިރޭގެ މެޗު އެތައް ގޮތަކުން ވަރުގަދަ ވާނެ، އެހެންވީމަ މެޗު އެއްގޮތަކަށްވެސް ފަސޭހަ ނުކުރާނަން، އަބްދުﷲ އަމްޒަރު ބުންޏެވެ.