ޚަބަރު

ހިތަދޫ ސްކޫލުގެ އެންމެ މޮޅު ދަރިވަރިކަށް އާމިނަތު ޖަނާ ޖިހާދު


ހިތަދޫ ސްކޫލުން މިދިޔަ އަހަރު ހުރިހާ ގޮތަކަށް އެންމެ މޮޅު ދަރިވަރަކަށް އާމިނަތު ޖަނާ ޖިހާދު ހޮވައިފިއެވެ.

ހިތަދޫ ސްކޫލުން މިދިޔަ އަހަރުގެ އެންމެ ފާހަގަ ކޮށްލެވޭ ވަނަތައް ހާސިލް ކުރި ދަރިވަރުންނަށް އިނާމު ދިނުމަށް ބޭއްވި ޖަލްސާ ޝަރަފުވެރިކޮއްދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހީމް ހަސަންއެވެ. އެސްކޫލުން ވަނީ ވަނީ މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ތިން ދަރިވަރު ހޮވާފައެވެ.

2018 ވަނަ އަހަރު ހިތަދޫ ސްކޫލުގެ އެންމެ މޮޅު ދަރިވަރުންގެ ތެރެއިން 3 ވަނަ އަށް ހޮވިފައިވަނީ އާމިނަތު މައިސާ ނިޔާޒްއެވެ. ދެވަނަ ދަރިވަރަކީ އާއިޝަތު ޒާމާ ޝިއާރުއެވެ. އެސްކޫލުގެ ހުރިހާ ގޮތަކުން އެންމެ މޮޅޫ ދަރިވަރަކަށް ހޮވުނީ އާމިނަތު ޖަނާ ޖިހާދެވެ. ޖަނާ ވަނީ މިދިޔަ އަހަރުގެ އޯލެވެލް ޤައުމީ ގަދަ ދިހައެއްގެ 4 ވަނަ ހޯދާ، ސްކޫލުގެ ގަދަ ދިހައެއްގެ 2 ވަނަ ވެސް ހޯދާފައެވެ. މީގެ އިތުރުން ޖަނާ އަކީ ކިޔެވުމުގެ އިތުރުން އިތުރު ހަރަކާތްތަކުގައި ވެސް ފާހަގަކޮށްލެވޭ ދަރިވަރެކެވެ. 2018 ވަނަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ކެޑޭޓްގެ މަޤާމުވެސް ހާސިލުކުރީވެސް އާމިނަތު ޖަނާ ޖިހާދެވެ.

ހިތަދޫ ސްކޫލުން މިދިޔަ އަހަރުގެ އިނާމުދިނުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވީ، ކަންކަމާއި ކުރިމަތިލާއިރު އެއްފަހަރުން އެކަމެއް ހާސިލް ނުވެދާނެ ކަމަށެވެ. އެގޮތުން އެމަނިކުފާނު އަމިއްލަފުޅު މިސާލެއް ހިއްސާކުރައްވަމުން މިނިސްޓަރ ވިދާޅުވީ ގޮތުން އެމަނިކުފާނަށްވެސް ރާއްޖެއިން ބޭރުން ސްކޮލާޝިޕެއް ލިބުނީ އެތަށް ފަހަރަކު ކުރިމަތިލައިގެންކަމަށެވެ. އެހެންކަމުން ހާސިލުކުރަން އެދޭކަންކަން ކުރުމަށް ހިއްވަރު ދޫކޮށ ްނުލާ ހިންމަތާއި އެކު މަސައްކަތްކުރުމަށް ދަރިވަރުންނަށް މިނިސްޓަރ ވަނީ ނަސޭހަތް ތެރިވެވަޑައިގެންފައެވެ.

ހިތަދޫސްކޫލުގެ އިނާމު ދިނުމުގެ ޖަލްސާގައި އެކި ގޮތްގޮތުން ފާހަގަ ކޮއްލެވުނު ދަރިވަރުންނަށް ވަނީ އިނާމު ދީފައެވެ. ހިތަދޫ ސްކޫލުގެ 11 ދަރިވަރަކު ވަނީ މިދިޔަ އޯލެވެލް ޤައުމީ ގަދަ ދިހައެއްގައި ހިމެނިފައެވެ. އެސްކޫލުން 5 މާއްދާއިން އޯލެވެލް އިން %79 ދަރިވަރުން ވަނީ ފާސް ވެފައެވެ. އެސްކޫލަކީ ގްރޭޑް 1 އިން 10 އަކަށް ކިޔަވައި ދެމުން އަންނަ ސްކޫލެކެވެ. ހިތަދޫ ސްކޫލުގެ މިދިޔަ އަހަރު 1029 ދަރިވަރުން ވަނީ ތައުލީމު ހާސިލުކޮށްފައެވެ.