ސިންގަޕޫރު ތަމްރީން ދަތުރުގައި އެޤައުމުގެ ޤައުމީ ޓީމާއި ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުންވެސް ރާއްޖެ ބަލިވެއްޖެއެވެ.
ސިންގަޕޫރުގެ ޤައުމީ ޓީމާއި ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުންވެސް ރާއްޖެ ވަނީ ބަލިވެފައެވެ. ނަމަވެސް ދެވަނަ މެޗުގައި ރާއްޖެއިން ވަނީ ފުރަތަމަ މެޗައްވުރެ ކުޅުން ރަނގަޅުކޮށް ނަތީޖާ ފަރަގު ކުޑަކޮށްފައެވެ. މިމެޗުން ރާއްޖެ ބަލިވީ 75 ޕޮއިންޓް 48 ޕޮއިންޓުންނެވެ.
މެޗުގައި ރާެއްޖެއިން އެންމެ ރަނގަޅަށް ކުޅުނީ 11 ޕޮއިންޓް ސްކޯރކުރި އަހުމަދު ފިރާޝްއެވެ. ސިންގަޕޫރު ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 17 ޕޮއިންޓް ސްކޯރކޮށްދިން ލިއަން ކްވެކެވެ.
މެޗަށްފަހު ވާހަކަދައްކަމުން ޤައުމީ ކޯޗް ކޯރޭ ބެލްސާ ބުނީ ފުރަތަމަ މެޗާއި އަޅާއި ބަލާއިރު މިމެޗުގައި ކުޅުންތެރިންގެ ފަރާތުން ފެނުނު ގޯސްތައްވެސް މަދު ކަމަށާއި، ޑިފެންސްވެސް ވަރުގަދަ ކަމަށެވެ. އަދި ސިންގަޕޫރު ފަދަ ވަރުގަދަ ޤައުމަކާއި ދެކޮޅަށް މިވަރުގެ ނަތީޖާއެއް ނެރެވުމުން ހިތްހަމަ ޖެހޭކަމަށްވެސް ކޯޗް ބެލްސާ ބުންޏެވެ. ކޯޗު ބުނީ، ސިނގަޕޫރުގެ ޤައުމީ ޓީމާއި ދެކޮޅަށް ކުޅުނު މި ދެ މެޗުން ކުޅުންތެރިންނަށްވެސް ވަރަށް ގިނަ ކަންތައްތަކެއް ދަސްވެއްޖެކަމަށާއި މީގެ ފައިދާ ގޭމްސްގައި ކުރާނެކަމަށް އުއްމީދުކުރާކަމަށެވެ.
"ހަގީގަތުވެސް ވަރަށް އުފާވެއްޖެ. ކުޅުންތެރިން ދެއްކި ކިޅުމާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ، އެއީ ފުރަތަމަމެޗުގައި ނަތީޖާގެ ފަރަގު ވަރަށް ބޮޑު. އެކަމު ދެވަނަ މެޗުގައި ފުރަތަމަ މެޗާއި އަޅާ ބަލާއިރު ކުޅުން މާ ބޮޑަށްވެސް ރަނގަޅު. ވަރަށް ބޮޑަށް އިމްޕްރޫވް ވަމުން ކުޅުންތެރިން އަންނަނީ" ކޯޗް ބެލްސާ ކޯރޭ ބުންޏެވެ.
މެޗަށްފަހު ވާހަަކަ ދައްކަމުން ސިންގަޕޫރު ޓީމުގެ ކެޕްޓަން ލެއޮން ކްވެކް ބުނީ، ރާއްޖެއާއި ދެކޮޅަށް ކުޅެން ފަސޭހަނޫން ކަމަށާއި، އެކުވެރިކަމުގެ ފުރަތަމަ މެޗުގައިވެސް ރާއްޖެއިން މޮޅު ކުޅުމެއް ދެއްކި ކަމަށެވެ. އަދި ދެވަނަ މެޗުގައި ދިވެހި ޓީމުގެ ކުޅުން މާ ބޮޑަށްވެސް ވަރުގަދަ ކަމަށާއި ހީކުރިވަރަށްވުރެ ދެ މެޗުވެސް މާ ޗެލެންޖިން ކަމަށް އޭނާ ބުންޏެވެ.
"ރާއްޖެއާއި ދެކޮޅަށް ކުޅެން އަސްލު ވަރަށް އުންދަގޫ. ޚާއްސަކޮށް ދެވަނަމެޗު ހީކުރި ވަރަށް ވުރުން މާ ޗެލެންޖިން. އަޅުގަނޑުމެން ޗައިނާއިން އައިފަހުން ބަންގްލަދޭޝް އާއި ދެކޮޅަށްވެސް އެބަ ކުޅެން މެޗުތަކެއް، އެކަމު ބޮޑަށް ޗެލެންޖިން ވަނީ ރާއްޖެއާއި ދެކޮޅަށް ކުޅޭ މެޗުތަށް،" ލެއޮން ކްވެކް ބުންޏެވެ.