ޚަބަރު

އައު މަންހަޖާގުޅޭ ގޮތަކަށް ޢިމާރާތްކުރާ ފުރަތަމަ ދެސްކޫލުގެ ޢަމަލީ މަސައްކަތް ޑިސިމެބަރުމަހު


އައު މަންހަޖާ ގުޅޭފަދަ ގޮތަކަށް ރާއްޖޭގައި ޢިމާރާތްކުރާ އެންމެ ފުރަތަމަ ދެސްކޫލުގެ ޢަމަލީ މަސައްކަތް ޑިސިމެބަރުމަހު ފެށުމުގެ މަސައްކަތް ކުރައްވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ރިޔާޒު ވިދާޅުވީ މިސްކޫލުތައް ޢިމާރާތްކުރުމަށްޓަކައި މިހާރު ކުރެހުންތައް ފައިނަލް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. މިގޮތުން މިހަފްތާ ތެރޭގައި މީގެތެރެއިން އެއް ސްކޫލްގެ ޑިޒައިން މިހަފްތާތެރޭ ލިބޭނެކަމަށާ، އަނެއް ސްކޫލްގެ ޢިމާރާތުގެ ކުރެހުމުގެ ޑިޒައިން ފައިނަލް ކުރުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަމަށް ރިޔާޒް ވިދާޅުވިއެވެ. އަދި މިއިން ކޮންމެ ސްކޫލެއް ޢިމާރާތްކުރުމަށް ހަމަޖެހިފައިވަނީ 4 ނުވަތަ 5 ފަންގިފިލާއަށްކަމަށްވެސް އޭނާ ވިދާޅުވިއެވެ. ރިޔާޒް ވިދާޅުވީ މި ދެ ސްކޫލްގެ މަސައްކަތަށް ގާތްގަނޑަކަށް 125 އާއި 150 މިލިޔަން ރުފިޔާއާ ދެމެދުގެ ޢަދަދެއް ޚަރަދުވާނެކަމަށް ލަފާ ކުރެވޭކަމަށެވެ.

އެއް ދަންފަޅިއަށް ސްކޫލްތައް ބަދަލުކުރުމަށްޓަކައި މާލެ ސަރަޙައްދުގައި ޢިމާރާތްކުރާ ސްކޫލްތަކަކީ 1000 ކުދިންގެ ޖާގައިގެ ސްކޫލްތަކެކެވެ. މިގޮތުން މި ސްކޫލްތަކުގައި ކޮންމެ ކްލާހެއްގައި 25 ދަރިވަރުންނަށް ކިޔެވޭނެ ގޮތަށް ޢިމާރާތްކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.

މާލެ-ހުޅުމާލެ ހިމެނޭހެން އާމަންހަޖަށް އެންމެ އެކަށޭނެގޮތަކަށް 2 ސްކޫލް ޢިމާރާތްކުރުމުގެ މަސައްކަތް މިއަހަރު ފެށުމަށް ނިންމަފައިވާއިރު މިޕްރޮޖެކްޓްގެ ދަށުން ޢިމާރާތްކުރަން ހަމަޖެހިފައިވަނީ ދަރުމަވަންތަ ސްކޫލްގެ އައު ޢިމާރާތާއި، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ސްކޫލް.
ދަރުމަވަންތަ ސްކޫލްގެ އާ ޢިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ ވިލާ ކޮލެޖު ކުރިމަތިން އޮތް ހުސް ބިމުގައެވެ.

އާމަންހަޖު ތަންފީޒުކުރުމަށް މާލެ ސަރަޙައްދުގައި ހިންގި ސްކޫލްތަކުގެ އޮޑިޓުން ދައްކާގޮތުގައި މަންހަޖު އެންމެ ފުރިހަމަގޮތުގައި ތަންފީޒުކުރުމަށް މާލެ ސަރަޙައްދަށް 10 ސްކޫލް އިތުރަށް ބޭނުންވެއެވެ.

އާ މަންހަޖުގެ ދަށުން ކޮންމެ ސްކޫލެއްގައި ތިބެންޖެހޭނީ އަށްސަތޭކައާއި އެއްހާހާދެމެދުގެ ޢަދަދަކަށް ކުދިންކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އެހެންނަމަވެސް މިހާރު މާލޭގެ ބައެއް ސްކޫލްތަކުގައި ދެހާހަށްވުރެ ގިނަ ކުދިން ތަޢުލީލު ޙާސިލުކުރަމުންދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ފާހަގަކުރައްވައެވެ.