ތަޢުލީމު

ރިޕޯޓް ފޯމްތައް ޑިޖިޓަލްކޮށް ދޭން ނިންމައިފި


ކުރިއަށްއޮތްތަނުގައި ދަރިވަރުންގެ ކިޔެވުން ވަޒަންކޮށްދޭ ރިޕޯޓް ފޯމް ޑިޖިޓަލްކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

މިގޮތުން މިއަހަރުގެ ދެވަނަ ޓާމްގެ ކިޔެވުން ނިމި ހުރިހާ ސްކޫލެއްގައިވެސް ރިޕޯޓް ފޯމް ދިނުމަށް ހަމަޖެހިފައިވަނީ ޑިޖިޓަލްކޮށެވެ. އަދި ޕޯޓަލްއެއް މެދުވެރިކޮށް ރިޕޯޓް ފޯމް ބެލޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދަޅުވެއެވެ. އެހެންނަމަވެސް ޑިޖިޓަލްކޮށް ރިޕޯޓް ފޯމްތައް ދިންކަމުގައި ވީނަމަވެސް ދަރިވަރުންގެ ކިޔެވުމާއި އެހެނިހެން ބައެއް މަޢޫލޫމާތުތައް ހިމެނޭހެން ޕްރިންޓްކޮށްފައިވާ ލިއުމެއްވެސް ދެވޭނެ އިންތިޒާމްތައް ހަމަޖައްސާފައިވާކަމަށް އެމިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

އަދި މި ޕޯޓަލްއަށް ބެލެނިވެރިން އަހުލުވެރިކުރުމަށްޓަކައި ޕްރެޒެންޓޭޝަންތައް ދެމުންގެންދާކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. ކުރިއަށްއޮތް ތަނުގައި މިކަން ލުއިފަސޭހަކޮށްދިނުމަށްޓަކައި މޯބައިލް އެޕެއް ގެނައުމަށް މަސައްކަތްކުރައްވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. އެމިނިސްޓްރީން މިގޮތަށް ރިޕޯޓް ފޯމްތައް ދިނުމަށް ނިންމާފައިވަނީ ދިގުމުއްދަތަކަށް ދަރިވަރުންގެ ރިޕޯޓްތައް ފެންނާނެގޮތަށް ހެދުމާއި ތިމާވެއްޓާ ރައްޓެހިކުރުމުގެ ގޮތުން ޕްރިންޓްކުރުން ކުޑަކުރުމަށްޓަކައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވަނީ މިއަހަރުގެ ފުރަތަމަ ޓާރމްގެ ރިޕޯޓްފޯމްވެސް 10 ސްކޫލަކަށް ޑިޖިޓަލްކޮށް ދީފައެވެ.

މިއަހަރުގެ ދެވަނަ ޓާރމްގެ ކިޔެވުން ނިމި ރިޕޯޓު ފޯމްތައް ދިނުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.