ކުޑަކުދިންނަށް އެކަށީގެންވާ ތަޢުލީމެއް ފޯރުކޮށްދިނުމަށް ކޮންމެ ސަރުކާރަކުންވެސް ދަނީ މަސައްކަތް ކުރައްވަމުންނެވެ. އެކުދިންނަށް އެކަށީގެންވާ ތަޢުލީމެއް ފޯރުކޮށްދިނުމަށްޓަކައި މުދައްރިސުންގެ އިތުރުން އެކަށީގެންވާ މާޙައުލަކާއި ވަޞީލަތްތައްވެސް ފޯރުކޮށްދިނުމަކީ މުހިއްމުކަމެކެވެެ.
ވަޞީލަތްތަކާއި ސްކޫލްތަކުގެ ޖާގައަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށްޓަކައި މިއަހުރެގެ ތެރޭގައިވެސް މީހާތަނަށް ވަނީ 30 މަޝްރޫއެއް ކުރިއަށްގެންދިޔުމަށްޓަކައި އެކި ކުންފުނިތަކަށް ހަވާލުކޮށްފައެވެ.
މީގެ ތެރެއިންވެސް އެންމެ ބޮޑު މަޝްރުއެއްގެ ގޮތުގައި ފާހަގަކުރެވެނީ ސީއެޗްއެއްސީގެ 8 ފަންގިފިލާގެ އިމާރާތެވެ. މި ޢިމާރާތް އެޅުމަށްޓަކައި 33 މިލިޔަން ރުފިޔާ ޚަރަދުވެއެވެ. ސަރުކާރުގެ ބަޖެޓުގެ ޕީއެސްއައިޕީގެ ދަށުން ކުރިއަށް ގެންދާ މިމަޝްރޫއުތަކަށް ބޮޑު ހޭދައެއްވެއެވެ. މިހާރު ޙަވާލުކޮށްފައިވާ މަޝްރުއުތަކަށް ބަލާއިރު ސްކޫލްތަކުގައި މަލްޓިޕާރޕަސް ހޯލް ޢިމާރާތްކުރުމާއި އިތުރު ކްލާސްރޫމްތައް ޢިމާރާތްކުރުމާއި ލެބޯޓަރީތައް ޢިމާރާތްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ސްކޫލްތަކުގައި މި މަޝްރޫތައް ކުރިއަށްގެންދަން މިހާރު ފަށާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.
މަލްޓިޕާރޕަސް ހޯލެއް އިމާރާތްކުރުމަށްޓަކައި 7 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވެއެވެ. އަދި 2 ފަންގިފިލާގެ 6 ސްލާސްރޫމް އިމާރާތްކުރުމަށްޓަކައު 5 މިލިޔަން ރުފިޔާ ޚަރަދުވެއެވެ. މީގެ އިތުރުން ހަތަރު ފަންގިފިލާގެ 16 ކްލާސްރޫމް އެޅުމަށް 10 މިލިޔަން ރުފިޔާ ޚަރަދުވާއިރު 3 ފަންގިފިލާގެ 12 ކްލާސްރޫމް އެޅުމަށް 7.7 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވެއެވެ.
މިއަހަރުގެ ދަޢުލަތުގެ ބަޖެޓުގެ ޕީއެސްއައިޕީގެ ދަށުން ސްކޫލްތަކުގެ ޢުމްރާނީ ތަރައްޤީގެ 40 މަޝްރުއެއް ކުރިއަށް ގެންދިޔުމަށްވަނީ ނިންމާފައެވެ. މީގެ ތެރެއިން 3 މަޝްރޫއަކީ އިންޑިއާގެ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއުތަކެއްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.
މީގެ ތެރޭގައި 253 ކްލާސްރޫމް ހެދުމަށާއި 22 މަލްޓިޕަރޕަސް ހޯލާއި 4 ލައިބްރަރީއާއި 16 ސްޓާފް ރޫމް ހަދަންވަނީ ނިންމަވާފައެވެ. އަދި 15 ސައިންސް ލެބާއި ދަރިވަރުންނަށް ޚާއްސަ 362 ފާޚާނާއާއި 45 އެކްސެސިބަލް ފާޚާނާގެ އިތުރުން ސްކޫލްތަކަށް ބޭނުންވާ އުމަރާނީ އެހެނިހެން ވަޞީލަތްތަކުގެތެރެއިން 215 ވަޞީލަތެއް ފޯރުކޮށްދިނުމަށް ވަނީ ނިންމަވާފައެވެ. 2019ވަނަ އަހަރުގެ ބަޖެޓުގައި ސްކޫލްތަކުގެ ޢުމްރާނީ ތަރައްޤީއަށް 246 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިހާތަން 30 މަޝްރޫއެއް ކުރިއަށްގެންދިޔުމަށް ހަވާލުކޮށްފައިވާއިރު އެ މިނިސްޓްރީން ގެންދަވަނީ ސްކޫލްތައް އާބާތުރަފިލުވުމަށްވެސް މަސައްކަތް ކުރަމުންނެވެ. މިގޮތުން މިއަހަރުގެ ކިޔެވުން ނިމި އަންނަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށެންވާއިރަށް ސްކޫލްތަކުގެ އާބާތުރަފިލުވުން ނިމޭނެކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. އަދި މިއަހަރުތެރޭގައިވެސް މިނިސްޓްރީން ވަނީ ސްކޫލްތައް އާބާތުރަ ފިލުވުމަށްވެސް ގާތްގަނޑަކަށް 40 މިލޔަން ރުފިޔާ ޚަރަދުކޮށްފައެވެ.
މިއަހަރު ސަރުކާރުން ލަފާކުރި ބަޖެޓުގައި ތަޢުލީމީ ދާއިރާއަށް 3.4 ބިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ކަނޑައަޅާފައެވެ.