ޚަބަރު

ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ޖަޕާނުން ގެންގުޅޭ ބައެއް އުސޫލުތައް ރާއްޖޭގައި ބޭނުންކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޖަޕާނުގެ އޮދަވަރާ ސިޓީއަށް ވަޑައިގެން އެސިޓީގެ މޭޔަރ ކެނީޗީ ކާތޯއާ ބައްދަލުކުރައްވައިފިއެވެ.

އޮދަވަރާ ސިޓީއަކީ ރާއްޖޭގެ ރަށްތަކާ އެއްފަދައިން އައްސޭރިފަށުގެ ސަރަހަށްދެއް ހިމެނޭ ސިޓީއެކެވެ. މީގެއިތުރުން އެ ސިޓީއަކީ މަސްވެރިކަމުގެ ސިނާޢަތަށް ބަރޯސާވެފައިވުމާއި ރައްޔިތުންގެ ކެއިންބުއިމުގެ އާދަކާދައިގައި ވެސް ރާއްޖެއާ އެއްގޮތް ކަންތައްތަކެއް ހުންނަ ސިޓީއެކެވެ.

ޖަޕާނުގެ އޮދަވަރާ ސިޓީގެ މޭޔަރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. އެގޮތުން ޖަޕާނުން ޤައުމީ އަދި ޕްރޮވިންސް ތަކުގެ ފެންވަރުގައި ޢަމަލުކުރާ ރަނގަޅު އުސޫލުތައް ރާއްޖޭގައި ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމުގައި ބޭނުންކުރުމުގެ މުހިއްމުކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވާލައްވާފައިވެއެވެ.

އަންނައަހަރުގެ ސަމަރ އޮލިމްޕިކްސް ޖަޕާނުގައި ބޭއްވޭއިރު ދިވެހިރާއްޖޭގެ ކޮންޓިންޖެންޓް ޖަޕާނުގައި ތިބުމަށް ހަމަޖެހިފައިވަނީވެސް އޮދަވަރާ ސިޓީގައެވެ. އެގޮތުން ރާއްޖޭގެ އެތްލީޓުންގެ ތަމްރީނުތައް ކުރިޔަށް ގެންދިއުމަށްވެސް ހަމަޖެހިފައިވަނީ އެ ސިޓީގައެވެ.

މި ބައްދަލުކުރެއްވުމުގައި މޭޔަރ ކެނީޗީ ކާތޯ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއިން އޮދަވަރާގެ ރައްޔިތުންނާމެދު ބަހައްޓަވާ ގާތްކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރެއްވިއެވެ. އޮދަވަރާއަކީ ޖަޕާނުގެ އިޤްތިޞާދީ އަދި ސަގާފީ މައި މަރުކަޒަށްވެފައި، ދިވެހި އެތްލީޓުން ތިބޭ ސިޓީއަށްވާއިރު ސަމަރ އޮލިމްޕިކްސްގެ އެކިއެކި މުބާރާތްތަކުގައި އެސިޓީގެ ރައްޔިތުން ރާއްޖޭގެ އެތްލީޓުންނަށް ތަރުޙީބުދޭނެ ކަމަށް މޭޔަރ ކެނީޗީ ކާތޯ ވިދާޅުވިއެވެ. އަދި ރާއްޖޭގެ އެތްލީޓުންނަށް ބޭނުންވާ އެންމެހާ ޚިދުމަތްތައް އޮދަވަރާ ސިޓީން ލިބޭނެކަމުގެ ޔަޤީންކަން މޭޔަރ ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ސަމަރ އޮލިމްޕިކްސްގައި ބައިވެރިވުމަށް ޖަޕާނަށްދާ ރާއްޖޭގެ އެތްލީޓުންގެ ތަމްރީނުތައް ބޭއްވުމަށް ހަމަޖެހިފައިވާ ޝިރޮޔާމާ އެތްލެޓިކް ފީލްޑުގެ އިތުރުން ސުޒުހިރޯ ކަމަބޯކޯ (ފިޝް ކޭކް) ފެކްޓަރީއަށް ޒިޔާރަތް ކުރައްވާފައެވެ. މި ކާރުޚާނާއަކީ ޖަޕާނުގައި މަހުގެ ހުދުބައިން ޕްރޮސެސްކޮށްގެން އުފައްދާ ސީފުޑްގެ އުފެއްދުންތަކަށް ޚާއްޞަ ފެކްޓަރީއެކެވެ. މިއީ ތިމާވެއްޓާ ރައްޓެހި އަދި ޒަމާނީ އާލާތްތަކުގެ އެހީގައި މަހުގެ އުފެއްދުންތައް ތައްޔާރު ކުރުމަށް ޚާއްޞަ ކާރުޚާނާއެކެވެ.

ޖަޕާން ސަރުކާރުގެ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޖަޕާނަށް ކުރައްވާ މިދަތުރުފުޅުގައި އެޤައުމުގެ ރަސްކަމުގެ ތަހުތަށް ކްރައުން ޕްރިންސް ނަރުހީޓޯ އިސްކުރުމަށް ބާއްވާ ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެ ވަޑައިގަންނަވާނެއެވެ.