ޚަބަރު

ހުޅުމާލޭގައި ހަދާ 6 ފަންގިފިލާގެ އޮފީސް އިމާރާތްކުރުމަށް ޕްލޭނިންގ މިނިސްޓްރީން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި


ޕްލޭނިންގ މިނިސްޓްރީން ހުޅުމާލޭގައި އެޅުމަށް ހަމަޖެހިފައިވާ 6 ފަންގިފިލާގެ އޮފީސް އިމާރާތްކުރުމަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

185 މިލިޔަނަށްވުރެ ގިނަ ރުފިޔާއަށް މި މަސައްކަތް ޗައިނާގެ ހުނާން އިންޖިނިއަރިންގ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިއަދުވަނީ ސޮއިކުރައްވާފައެވެ.

އެއްއަހަރު ދުވަހުގެ ތެރޭގައި ކޮންސެޕްޓާ އެއްގޮތަށް ޑީޓެއިލް ޑިޒައިން ހެދުމާއި އިމާރާތުގެ އަމަލީ މަސައްކަތް ކުރުމަށް ސޮއިކުރެވުނު މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ އެމިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙްމަދު ހަމީދެވެ. އަދި ޗައިނާގެ ހުނާން ނަންބަރ ސިކްސް ކޯ ލިމިޓެޑްގެ ފަރާތުން އެއްބަސްވުުގައި ސޮއިކުރެއްވީ އެކުންފުނީގެ ލީގަލް ރެޕްރެޒެންޓެޓިވް ވަންގް ހީ އެވެ.

ޕްލޭނިންގ މިނިސްޓްރީން އީ.ފީ.ސީ ޓަރންކީ އުސޫލުން ހުޅުމާލޭގައި އެޅުމަށް ހަމަޖެހިފައިވާ އޮފީސް ޢިމާރާތްކުރުމަށް، ހަވާލުކުރި ކުންފުންޏަކީ ސިނަމާލެ ބްރިޖުން ފެށިގެން ހުޅުލެއަށްދާން އޮންނަ ހައިވޭގެ މަސައްކަތްވެސް ކުރި ހުނާން ނަންބަރ 6 އިންޖިނިއަރިންގ ކޯ.ލިމިޓެޑެވެ.

185,806,545.64 ރުފިޔާ ޚަރަދުވާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.