ކުޅިވަރު

އަޔަން މޭން ވޯލްޑް ޗެމްޕިއަންޝިޕަށް ފުރަތަމަ ފަހަރަށް ދިވެއްސަކު ކޮލިފައިވެއްޖެ


އަޔަން މޭން ވޯލްޑް ޗެމްޕިއަންޝިޕަށް ފުރަތަމަ ފަހަރަށް ދިވެއްސަކު ކޮލިފައިވެއްޖެއެވެ.

އަޔަމް މޭން ވޯލްޑް ޗެމްޕިއަންޝިޕްގެ ހާފް އަޔަންމޭންއިން ޖާގަ ހޯދައި މި ޝަރަފް ހޯދި ފުރަތަމަ ދިވެއްސަކީ މަޝްހޫރު ގާނޫނީ ވަކީލް އަހުމަދު ޝަމީމްއެވެ. އަންނަ އަހަރު އޮންނަ ވޯލްޑް އަޔަންމޭން ޓްރައިތަލޯންއަށް ޝަމީމް ކޮލިފައިވީ އިއްޔެ އިންޑިއާގެ ގޯއާގައި އޮތް އަޔަންމެން ޓްރައެތްލޯންގައި އޭނާ ވާދަކުރި ކެޓަގަރީއިން 16ވަނަ ހޯދައިގެންނެވެ. ގޯއާގައި ކުރިއަށްދިޔަ ޓްރައެތްލޯންގައި އޭނާ ވާދަކުރީ 39 އަހަރާއި 35 އަހަރާއި ދެމެދުގެ ކެޓަގަރީގައިއެވެ. މިރޭހުން ވޯލްޑް އަޔަންމޭން ޓްރެތްލޯނަށް ކޮލިފައިވަނީ ގަދަ ބާރަ އެތްލީޓުންނަށެވެ. ނަމަވެސް ޝަމީމްއަށް ފުރުސަތު ލިބުނީ ޓްރެތްލޯންގައި ވާދަކޮށް ގަދަ 12ގައި ހިމެނުނު ބައެއް ޓްރައެތްލީޓުން އެހެން ރޭސްތަކުން ވޯލްޑް އަޔަންމޭންއަށް ކޮލިފައިވެފައި ތިބުމުންނެވެ.

އިއްޔެގެ ޓްރައެތްލޯން ޝަމީމް ނިންމީ 6 ގަޑީރާއި ސޯޅަ މިނެޓުންނެވެ. 1.9 ކިލޯމީޓަރު ފެތުމާއި 90 ކިލޯމީޓަރު ބައިސްކަލު ދުއްވުމާއި އަދި 21.2 ކިލޯމީޓަރު ފެތުން ހިމެނޭ ހާފް އަޔަންމޭން ޓަރައެތްލޯން މީގެ ކުރިން މިއައްވުރެ ރަނގަޅު ޓައިމިންގައި ޝަމީމް ވަނީ ނިންމާފައިއެވެ. ހާފް އަޔަންމޭން ޓްރައެތްލޯންގެ ޤައުމީ ރެކޯޑް އޮންނަ ޝަމީމް ވަނީ މީގެ ކުރިން ބަހުރޭންގައި އޮތް ހާފް އަޔަންމޭން ޓްރައެތްލޯން 5 ގަޑީރާއި 16 މިނެޓުން ނިންމާފައިއެވެ. ނަމަވެސް އަޔަންމޭން ވޯލްޑް ޗެމްޕިއަންޝިޕުން ޖާގަ ލިބެނީ ވާދަކުރާ ޓްރައެތްލޯން ރޭހުގެ ބޮޑު ކުޑަމިނަށް ބަލާފައިކަމުން އެފަހަރު އޭނާއަށް ވޯލްޑް ޗެމްޕިއަންޝިޕުން ޖާގައެއް ނުލިބުނުއެވެ.

ހާފް އަޔަންމޭންގެ ގައުމީ ރެކޯޑް ޝަމީމް އަތުން އޮތްއިރު މީގެ ކުރިންވެސް މަޝްހޫރު ދުވުންތެރިޔާ އަހުމަދު އާތިފް އާއި ކުރީގެ އެއްވަނަ މެރެތަން ދުވުންތެރިޔާ ޑރ.ހުސައިން ހަލީމް (ކުޑަހުސެއިން) ވަނީ އަޔަންމޭން ޓަރެތްލޯން ނިންމައި، ފުރަތަމަ ފަހަރަށް އަޔަންމޭން ޓްރައެތްލޯންއެއް ނިންމި ދެ ދިވެހިންގެ ޝަރަފް ހޯދާފައިއެވެ. ނަމަވެސް ވޯލްޑް އަޔަންމޭން ޓްރައެތްލޯންއަށް މިއީ ދިވެއްސަކު ކޮލިފައިވި ފުރަތަމަ ފަހަރެވެ.