ޚަބަރު

ގުޅިފަޅުގެ ބިންހިއްކުމުގެ މަސައްކަތް ބޮސްކާލިސްއާ ޙަވާލުކޮށްފި


މާލޭ ކޮމާޝަލް ޕޯޓު ގުޅީފަޅަށް ބަދަލުކުރުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ބިންހިއްކުމާއި ތޮށިލުމަށް 53 މިލިޔަން ޑޮލަރަށް ބޮސްކާލިސް ކުންފުންޏާ ޙަވާލުކޮށްފިއެވެ.

މާލޭގެ ތޮއްޖެހުމާއި، ކާރޫބާރޫއަށް ލުއި ހޯދުމަށްޓަކައި، ކޮމާޝަލް ޕޯޓު ގުޅީފަޅަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާތީ އެމަސައްކަތުގެ ފުރަތަމަ ފިޔަވަހީގައި ހިއްކުމަށް ހަމަޖެހިފައިވާ 6 މިލިއަން ކިއުބިކް މީޓަރުގެ ބިންހިއްކުމާއި، 4 ކިލޯ މީޓަރުގެ ތޮއްޓެއް ޤާއިމުކުރުމުގެ މަސައްކަތް ބޮސްކާލިސް ވެސްޓްމިންސްޓަރ ކޮންޓްރެކްޓިންގ ލިމިޓެޑާއި ޙަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީއޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ސޮއިކުރީ މިމަހުގެ 17ވަނަ ދުވަހުގައެވެ.

180 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މި މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން ސޮއިކުރެއްވީ އިންފްރާސްޓްރަކްޗަރ ޑިޕާރޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާޔާ ފާރޫޤު އެވެ. ބޮސްކާލިސް ވެސްޓްމިންސްޓަރ ކޮންޓްރެކްޓިންގ ލިމިޓެޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އޭރިއާ މެނޭޖަރ ޑޭވިޑް ބޫސާޓެޑްއެވެ.

ބިން ހިއްކުމާއި، ކަނޑު ފަޅުގައި ޤާއިމުކުރާ އެކި ބާވަތުގެ ޢުމްރާނީ ވަސީލަތުގެ މަސައްކަތް ދުނިޔޭގެ ފެންވަރުގައި ހިންގާ ބޮސްކާލިސް ކުންފުނިންވަނީ މީގެ ކުރިންވެސް ރާއްޖޭގައި ބިން ހިއްކުމުގެ މަޝްރޫޢުތައް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައެވެ. އެގޮތުން 2007 އިން 2015 ޢާ ދެމެދު ރާއްޖޭގެ މީހުން ދިރީއުޅޭ 10 ރަށެއްގައި ޖުމްލަ 198 ހެކްޓަރުގެ ބިން ހިއްކާފައިވެއެވެ. އަދި އެންމެ ފުރަތަމަ ރާއްޖޭގައި ޓްރެއިނިންގ ސެކްޝަން ހޮޕަރ ޑްރެޖަރ ބޭނުންކޮށްގެން ބިން ހިއްކާފައިވަނީވެސް ބޮސްކާލިސް އިންޓަރނޭޝަނަލެވެ.