ޚަބަރު

ބޮޑުތަކުރުފާނުގެ ޤައުމީ ޖިހާދު - އަގުހުރި ފިލާވަޅުތަކެއް


މީލާދީން ފަނަރަ ސަތޭކައިގެ އަހަރުތަކުގައި ޕޯޗުގީޒުން ނުވަތަ ފުށެތިކާލުން އިންޑިޔާ ކަނޑުގެ އެތެރެވަރީގެ ޤައުމުތައް އަޅުވެތި ކުރަން ފެށުމާއެކު ދިވެހި ޚާއިނުންތަކެއްގެ މަދަދާއެކު، ދިވެހިރާއްޖެ އަޅުވެތި ކުރުމަށް ފުށެތިކާލުން ފެށި މަސައްކަތުގެ ތެރެއިން ޢަލިރަސްގެފާނުގެ ޝަހީދުވިއެވެ. އެހިސާބުން ފެށިގެން ދިވެހިރާއްޖެ އެ ފުށެތިކަލުންގެ ގޮށްމުށުގެ ތެރެއަށްދިޔައެވެ. އެއަށް ފަހު ދިވެހިން ތަހައްމަލުކުރި ހިތިކަމާއި ވޭނާއި ބިރުވެރިކަމުން ފުރިގެންވާ އަނިޔާވެރިކަމުން ޤައުމު ސަލާމަތްކޮށްދެއްވީ ދިވެހިރާއްޖޭގެ އުތުރުގެ އުދަރެހުން ދިއްލާލި ނަޞީބާ ނަޞްރުގެ ތިންތަރި ކަމުގައިވާ ތިލަދުންމަތީ އުތީމުގެ ތިންޒުވާނުންކަން ދިވެހި ތާރީޚު ހެކިދެއެވެ.

މިނިވަންކަން ހޯދުމައްޓަކައި ޤައުމަކުން ކުރި އެންމެ ކާމިޔާބު އެންމެ ވަރުގަދަ އެއް ޖިހާދުގެ ގޮތުގައި އަޅުގަނޑުމެން ޤަބޫލުކުރާ ޖިހާދުގެ މޭސްތިރިއަކީ، އުތީމު ޙުސައިން ޚަތީބު ތަކުރުފާނަށާއި އިހަވަންދޫ އާމިނާދިއޯއަށް ލިބިވަޑައިގެންފައިވާ ހިތްވަރުގަދަ ކެރޭ ތޫނުފިލި، ދަރިކަލުންނެވެ. އެއީ އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުންނެވެ. ނުވަތަ އަޅުގަނޑުމެންގެ ބޮޑު ތަކުރުފާނެވެ. މި ޖިހާދުގައި ބޮޑުތަކުރުފާނުގެ ބޭބޭފުޅު ޢަލީ ތަކުރުފާނާއި ޙަސަން ތަކުރުފާނު އެމަނިކުފާނާ ބައިޢަތު ހިއްޕެވިއެވެ.

ހިތްދަތިކަމާއި އަނިޔާގައި 15 އަހަރު ވޭތުވެގެންދިޔައިރު އެއްވެސް މީހަކަށް އިސްނަގަން ނުކުރުނު ނުވަތަ އެވަރުގެ ހިތްވަރެއް ނުލިބުނު ވަރުގަދަ ޒިންމާ އަމިއްލަ ކޮޑުފުޅުގައި ބޮޑުތަކުރުފާނު އަޅުއްވީ، "މީހުން މީހުނަށްވާނީ މީހުން މީހުނަށް ހެދީމަ"އޭ ވިދާޅުވެ، ރ.އަތޮޅު ދުވާފަރުގައި އުޅުނު ކުޑަ ކުއްޖާ، ފަހުން ދުވާފަރު ދަންޑަހެލުގެ ނަމުން މަޝުހޫރިވި ފަހުލަވާނު އުތީމަށް ގެންގޮސް އޭނާއަށް ކަންތައްތައް ދަސްކޮށްދީ ޖިހާދުގެ އެންމެ ކުރީ ސަފުގައި އެ ތިންބެއިންނާއި އެއްވަރަށް ޝާމިލްކުރުވައިގެންނެވެ.

ބޮޑުތަކުރުފާނުވަނީ ޕޯޗްގީޒުން ރާއްޖެ އަޅުވެތިކޮށްގެން ތިބި ދުވަސްވަރު ބޮޑުތިލަދުންމަތީގެ އަތޮޅު ވާރަކަށް ހުރި ވިޔަޒޯރުގެ އިތުބާރާއި ގާތްކަން ހޯއްދަވާފައެވެ. މިއީ ކަމެއް ޙާޞިލްކުރުމަށް ފުރަތަމަވެސް ބާރުގެ ބޭނުން ކުރުމުގެ ބަދަލުގައި ވިސްނުމާއި ޙިކުމަތުގެ އަލީގައިކަންކަން ކުރުމުގެ މުހިއްމިކަން ހާމަވާ ކަމެކެވެ. ބޯހަރު ވިޔަޒޯރަށްވުރެ ހަކުޅި ކުރިއަށް ކުޅުއްވައިގެން އޭނާގެ އެހީއާއެކު ކަޅުއޮށްފުއްމި ބަންނަވައި، ކަޅުއޮށްފުންމީގައި ފުރަތަމަވެސް އެތަކުރުފާނުގެ ޢާއިލާގެ ބޭފުޅުން އަވަށްޓެރި މަލިކަށް ގެންދެވިއެވެ.

އެއަށްފަހު ބޮޑު ތަކުރުފާނާއި އެހެން ފަހުލަވާނުން އުތީމުގައި އެކި ރޭވުންތައް ރާއްވަވައި ކަނދުވަލު މިސްކިތުގައި ފަތަޙައަށް އެދި ދެރަކުޢަތުގެ ނަމާދެއް ކުރެއްވިއެވެ. މިއީ ބޮޑުތަކުރުފާނުގެ ރޭވުންތެރިކަމާއި، އާއިލާއަށް ދެއްވާ އަހައްމިއްޔަތުގެ އިތުރުން މާތް ﷲގެ ވާގިފުޅާއި މަދަދަށް އެދިގެން ކަންކަމަށް ކުރިމަތިލާންޖެހޭކަން ހާމަވާކަމެކެވެ. ކަޅުއޮށްފުއްމީގައި ގޯވާއިން ހަތިޔާރު ހޯދެއްވައި ރާއްޖޭގެ ކަންކޮޅުތަކުގައި ޕޯޗުގީޒުން ގެންގުޅުނު ހަތިޔާރުތައް އެއްކުރައްވައި އެމީހުންގެ ބާރުކަނޑުވައިލުމަށް މަސައްކަތްކުރެއްވިއެވެ.

މިއާއެކު ކޮންމެ ރެއެއްގެ މެންދަމުގެ ވަގުތުގައި ރާއްޖޭގެ ރަށްރަށަށް އަރުއްވައި އެރަށްރަށުގައި ތިބޭ ކާފަރުންތައް ޤަތުލުކުރައްވަމުން ގެންދެވިއެވެ. އަދި އިރުއެރުމުގެ ކުރިން އޮޑިއަށް ބޭނުންވާ ސާމާނު އަރުވައިގެން ރާއްޖެ ނުފެންނަ ހިސާބަށް ވަޑައިގަންނަވައެވެ. މިހެން އުޅުއްވުމުގެ ތެރޭގައި ތަކަންދޫގައި ޢަލި ތަކުރުފާނު ޝަހީދު ކޮށްލުމާއެކު، ދެންތިއްބެވި ފަހުލަވާނުންނާއެކު އިތުރު ހިތްވަރަކާއެކު އެމަތިވެރި ޖިހާދަށް ހީވާގިކަން ގެންނަވައި ކާފަރުންނަށް އަހުވަ ދައްކަވަމުން ގެންދިއުމުގެ ނަތީޖާއަކައްވީ، ރަށްރަށުގައިތިބި ޕޯޗުގީޒުންގެ ހިތްތަކަށް ބިރުވެރިކަން ވަދެ އިތުރަށް ފާރަވެރިވެ ތިބެން މަޖުބޫރުވުމެވެ.

މިއާއެކު މުޙައްމަދު ތަކުރުފާނުވަނީ އެތަކުރުފާނުގެ ޙިކުމަތު އަމަލީގެ ދަށުން އިންޑިއާގެ ކަންނަންނޫރަށް ވަޑައިގެން ޢަލީ ރާޖާގެ އެހީތެރިކަންވެސް ހޯއްދަވާފައެވެ. އެއައްފަހު ޢަލީ ރާޖާ ދެއްވި ގުރާބާއި ލަޝްކަރާގެން ރާއްޖެ ވަޑައިގެންނެވިއެވެ.

އޭރު ރާއްޖެއިން ނަޞާރާ ދީން ޤަބޫލު ނުކުރާ މީހުން މެރުމަށް ޕޯޗުގީޒުން ނިންމާފައިވުމުން އެމީހުންނާ ހަނގުރާމަ ކުރުމަށް ދިވެހިންގެ ބަޔަކު ފަންވަރުހުރި މީހުން ގޮވައިގެން އަތުޖެހުނު އެއްޗެއް ހޯދައި ތައްޔާރުވާން ފެއްޓެވިއެވެ. މުޙައްމަދު ތަކުރުފާނު އެމަނިކުފާނުގެ އެކުވެރިންނާގެން އެމީހުން ކަނޑައެޅިރޭ މާލެ އަރުއްވައި ޕޯޗުގީޒުންނާ ހަނގުރާމަ ކުރައްވައި އެމީހުންގެ ވެރިޔާ އަނދިއަނދިރިންގެ ކަރަށް ބަޑިޖައްސަވައި އޭނާގެ ނުބައިކަމުން މި ލޮބުވެތި ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވިއެވެ. އަދި ދެންވެސް ތިބިއްޔާ ތިބި ޕޯޗުގީޒުން އަވަދިކޮށް ހުސްކޮއްލެއްވިއެވެ.

ދިވެހީން، ބޮޑުތަކުރުފާނުގެ ޤަޢުމީ ޖިހާދުން ޢިބްރަތް ޙާޞިލްކުރަންޖެހެނީ، އެޖިހާދަކީ ފުރިހަމައަށް ރާވައިލެވި ވިސްނުންތެރިމާއި ހިތްވަރުގަދަކަމާއެކު އެންމެންގެ ދިރިއުޅުމަށާއި މުޅި ދިވެހިރާއްޖެއަށް ދެއްވި ދުވަހަކުވެސް އަގުނުކުރެވޭނެ ޤައުމީ ޚިދުމަތަކަށް ވުމުންނެވެ. އެޖިހާދުގެ ކޮންމެ ޢަމަލަކީވެސް ދިވެހިންނަށް ޢިބްރަތުން ފުރިގެންވާ އަގުހުރި ފިލާވަޅުތަކެކެވެ. އިސްލާމްދީނާއި މިޤައުމުގެ މިނިވަންކަމަށްޓަކައި ކޮންމެ ދިވެއްސެއްގެ ކިބާގައި ހުންނަންޖެހޭ ސިފަތަކާއި އަޚްލާޤު ދަސްކޮށްދޭ އެތައް ފިލާވަޅުތަކެކެވެ.