ޚަބަރު

ހަނގުރާމަތަކަށް މީހުން ރެކްރޫޓްކުރާކަމުގެ ތުހުމަތުގައި ދިވެއްސަކު ހައްޔަރުކޮށްފި


ހަރުކަށި ފިކުރު ފެތުރުމާއި، ބޭރުގައުމުތަކުގައި ހިނގާ ހަނގުރާމަތަކަށް މީހުން ރެކްރޫޓްކުރުމުގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ތުމަތުކުރެވޭ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ތަރުޖަމާން އިޒްމިއާ ޒާހިރު ވިދާޅުވީ، 35 އަހަރުގެ އެ ފިރެހެން މީހާ ހައްޔަރުކޮށްފައިވަނީ މިރޭގެ ވަގުތެއްގައިކަމަށެވެ.

ފުލުހުން ބުނީ އޭނާއަކީ، ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަރުކަށި ފިކުރު ފެތުރުމާއި، ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމަތަކަށް ދިވެހިން ފޮނުވައި ހަނގުރާމަވެރި ޖަމާޢަތްތަކަށް މީހުން ރެކްރޫޓްކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތު ކުރެވޭކަމަށެވެ.

މިފަދަކަންކަމަށް ތުހުމަތުކުރެވޭ މީހަކު މިރޭ ހައްޔަރުކުރައްވާފައިވާއިރު، ޓެރަރިސްޓު ޖަމޢާތްތަކުގެ ނިޝާންތަކާއި ލިޔެކިއުންތައް ސޯޝަލް މީޑިއާގައި ޕޯސްޓުކޮށް ހާމަކުރަމުންދިޔަ 27 އަހަރުގެ ފިރިހެނަކު މިމަހުގެ 12 ވަނަދުވަހު ފުލުހުންވަނީ ހައްޔަރުކޮށްފައެވެ.

މިފަދަ ބަޔަކު ހައްޔަރުކުރަން ފަށާފައިމިވަނީ އިސްލާމްދީނަށް ފުރައްސާރަކުރާ މީހުންނާމެދު ފިޔަވަޅު އަޅާފަދައިން މީހުންނަށް ބިރުދައްކާ ފަރާތްތަކާމެދުވެސް ޤާނޫނީ ފިޔަވަޅު އަޅުއްވާނެކަމުގެ އިންޒާރު ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ދެއްވައިފައިވާ ދަނޑިވަޅެއްގައެވެ.

ޢާންމުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް ހިންގާ ޢަމަލުތަކީވެސް ޓެރަރިޒަމްގެ ޢަމަލުތައްކަމަށް ކަނޑައަޅާފައިވާ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރެއްވީ، މިމަހުގެ 10 ވަނަ ދުވަހުއެވެ. ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ މައިގަނޑު ބޭނުމަކީ، ނުރަނގަޅު މަޤްޞަދުތަކުގައި ޓެރަރިޒަމްގެ ދަޢުވާ ކުރުމަށް އެޤާނޫނުގެ ބޭނުންކުރެވޭ ކުރުން ހުއްޓުވުމަށްޓަކައި، ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގައި މިހާރު ކަނޑައަޅާފައިވާ ޓެރަރިޒަމްގެ ކުށުގެ ދާއިރާއަށް ބަދަލުގެނައުމެވެ.