ޚަބަރު

މަޤާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ފޮނުވުމުން އިސް މެޖިސްޓްރޭޓް ރާޣިބު މަޤާމުން އިސްތިއުފާދެއްވައިފި


މަޤާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ފޮނުވުމުން މާލެއަތޮޅު ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުޙައްމަދު ރާޣިބު އަޙްމަދު މަޤާމުން އިސްތިއުފާދެއްވައިފިއެވެ.

ޖޭއެސްސީން އިއްޔެވަނީ ކ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް މުޙައްމަދު ރާޣިބު އަޙްމަދާ ބެހޭގޮތުން އެ ކޮމިޝަނުން ތަޙްޤީޤުކުރެވުނު މައްސަލަ ސާބިތުވާތީ އެ ފަނޑިޔާރު މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ނިންމަވާފައެވެ.

ރާޣިބު އަޙްމަދާއި ގުޅޭ 8 ޝަކުވާއެއް ކޮމިޝަނަށް ހުށައަޅުމާއި ގުޅިގެން އެމައްސަލަ ކޮމިޝަނުގެ ކޮމެޓީއަކުން ބެއްލެވުމަށްފަހު ޖޭއެސްސީން ވިދާޅުވީ އެގޮތައް ނިންމީ މެޖިސްޓްރޭޓް ރާޣިބުގެ މައްސަލަ ކޮމެޓީން ބެލުމަށްފަހު ފިޔަވަޅެއްގެ ގޮތުން ފަނޑިޔާރުކަމުން ވަކި ކުުރުމަށް ނިންމާފައިވާތީ ޤާނޫނުގައި ބަޔާންކޮށްފައިވާ ހުރިހާ މަރުޙަލާއެއް ފުރިހަމަކުރުމަށްފަހު، ކޮމިޝަނުން ގޮތެއް ނިންމުމަށް ހުށަހެޅުމުންކަމަށެވެ.

27 އަހަރާއި 09 މަސްދުހުގެ މުއްދަތަކަށް ޤާޟީކަން ކުރައްވާފައިވާ މުހައްމަދު ރާޣިބު އަޙްމަދު، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ރައީސް އަލްއުސްތާޛު ޢަބުދުﷲ އަރީފަށް ފޮނުވި ސިޓީއެއްގައި ވިދާޅުވެފައިވަނީ، އޭނާއާ ގުޅޭގޮތުން ޖޭއެސްސީއަށް ހުށަހަޅާފައިވާ ޝަކުވާތަށް ބެއްލެވުމުގައި ކޮމިޝަނުން އެކުލަވާލި ކޮމިޓީއިން އޭނާއާމެދު ޒާތީ ތަޢައްސުބުން ފުރިގެންތިބެ ޚުދުމުޚުތާރު ކަމާއި އަނިޔާވެރިކަން އިސްކޮށްފައިވާކަމަށެވެ. އަދި އޭނާއާ ސުވާލުކުރެވުނީ ވަކިގޮތަކަށް ޖަވާބުދާރީ ކުރުވަން ކަމަށްވެސް ވިދާޅުވެފައިވެއެވެ. ޢަދުލުވެރިކަން ގެއްލިފައިވާކަމަށް ތުހުމަތުކޮށް ޖޭއެސްސީއަށާއި ރައްޔިތުންގެ މަޖިލީހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ރާޣިބު ފޮނުއްވި މި ސިޓީގައި ރާއްޖޭގައި މިއަދު ޢަދުލު އިންސާފެއް ނުލިބޭނެކަމަށް ޔަޤީންވާތީ ކ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ކަމުގެ މަޤާމުން އިސްތިޢުފާ ދެއްވިކަން ވަނީ ހާމަކުރައްވާފައެވެ.

ޤާނޫނުގައި ވާގޮތުން ފަނޑިޔާރަކު މަޤާމުން ވަކިކުރެވޭނީ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހަޅާ ހުޅައެޅުންތަކަކަށް އެކޮމިޝަނުން ނިންމާ ނިންމުމަށް ބެލުމަށްފަހު ރައްޔިތުންގެ މަޖިލީހުން ވަކިގޮތެއް ނިންމުމުންނެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަނުން މައްސަލަ ބެއްލެވުމަށްފަހު މަޖިލީހަށް ހުށައަޅައިގެން ދާދިފަހުން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ހުންނެވި ޢަބްދުﷲ ދީދީ އާއި ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓްވެސް މަގާމުން ވަކިކޮށްފައެވެ. މީގެއިތުރުންވެސް ބައެއް ކޯޓުތަކުގެ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީން ދަނީ ބަލަމުންނެވެ.