ޚަބަރު

އެމްޑީއެން އުވާލަން ގޮވާލައި މާލޭގައި އެއްވުމެއް ބާއްވައިފި


އިސްލާމް ދީނަށާއި ކީރިތި ރަސޫލާ صلى الله عليه وسلم އަށް ފުރައްސާރަކޮށް ރިޕޯޓް ނެރުނު މޯޑިވިއަން ޑިމޮލްރަސީ ނެޓްވޯކާ ދެކޮޅަށް މާލޭގައި އެއްވުމެއްބާއްވައި އެޖަމްޢިއްޔާ އުވާލުމަށް އަޑު އުފުލައިފިއެވެ.

މިއަދު ހަވީރު ރަސްފަންނު ސަރަހައްދުގައި ކުރިއަށްދިޔަ އެއްވުމުގައި ބައިވެރިވި މީހުން ވަނީ އެމްޑީއެން ވަގުތުން އުވާލާއި އެޖަމްޢިއްޔާއިން ނެރުނު ރިޕޯޓް ތައްޔާރުކުރި ފަރާތްތައް ހައްޔަރުކުރުމަށް ގޮވާލާފައެވެ.

މިއެއްވުމުގެ ބައިވެރިން ރަސްފަންނު ސަރަހައްދަށް އެއްވުމަށްފަހު ޝުއޫރުތައް ލިޔެފައިވާ ބޯޑުތަކާއެކު މަޖީދީމަގުން ކުރިއަށް ދާން މަސައްކަތް ކުރިނަމަވެސް ފުލުހުންވަނީ ސޯޝަލް ސެންޓާރާހަމައިން އެމީހުން ހުއްޓުވާފައެވެ. އެއައްފަހު އެއްވުމުގެ ބައިވެރިންވަނީ ފަސްގަޑި ބައިވަންދެން އެތަނުގައި އަޑުއުފުލުމައްފަހު އެއްވުން ނިންމާލާފައެވެ.

މާލޭގައި އެމްޑީއެން އުވާލަން ގޮވާލައި މިފަދަ އެއްވުމެއް ބާއްވާފައިވާއިރު، ރާއްޖޭގެ އެކި ރަށްރަށުގައި މިކަމާދެކޮށް އަޑުއުފުލައި ހިނގާލުންތައްވަނީ ބާއްވާފައެވެ. މީގެ އިތުރުން އެކިއެކި ރަށްރަށުން އެމް.ޑީ.އެންގެ ރިޕޯޓް ކުށްވެރިކޮށް ބަޔާންވެސް ނެރެމުންދާކަން ފާހަގަކޮށްލެވެއެވެ.

އިސްލާމްދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކުން ނެރުނު ރިޕޯޓާއި ގުޅިގެން ފުލުހުން ކުރަމުންދާ ތަޙްޤީޤަށް ސުވާލުކުރަންޖެހޭ ބައެއް ފަރާތްތަކާއި ސުވާލުކުރުމަށް އެފަރާތްތަކަށް ޗިޓް ހަވާލުކޮށްފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އަދި އެ މައްސަލަ ސީރިއަށް މައްސަލައެއްގެ ގޮތުގައި ފުލުހުން ދަނި ބަލަމުންނެވެ. އެ މައްސަލަ ވަކިކޮޅަކަށް ނުޖެހި ބަލާނެކަމުގެ ޔަޤީންކަން ކޮމިޝަނަރ އޮފް ޕޮލިސް ވެސް ވަނީ ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާވެސް ވަނީ އެ މައްސަލަ ބައްލަވައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް ޖަމްޢިއްޔާ ސަސްޕެންޑްކޮށް، ޖަމިއްޔާގެ މަސައްކަތްތައް ހުއްޓާލުމަށް މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް، އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އެޖަމްޢިއްޔާއަށްވަނީ އަންގާފައެވެ.