ޚަބަރު

މަތީ ތަޢުލީމްގެ ފެންވަރު ރަނގަޅުކުރުމަށް ޤާނޫނެއް ހަދަނީ


ރާއްޖޭގައި ދޭ މަތީ ތަޢުލީމްގެ ފެންވަރު ރަނގަޅުކޮށް އެ ދާއިރާ ކުރިއެރުވުމަށްޓަކައި ޤާނޫނެއް ހެދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާޙިމް ޙަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވީ މި ޤާނޫނުގެ ޑްރާފްޓެއް ކައިރި މުސްތަޤްބަލެއްގައި މަޖިލީހަށް ހުށައެޅުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ. ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅުއްދަކަވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ މިފަދަ ޤާނޫނެއް އެކުލަވާލުމުގެ އެއް ބޭނުނަމަކީ މަތީ ތަޢުލީމްގެ ނިޒާމް ވަރުގަދަކޮށް ހަރުދަނާކުރުން ކަމަށެވެ. އަދި މި ޤާނޫނުން މަތީ ތަޢުލީމްގެ ހަމަހަމަ ފުރުޞަތުތައް ފޯރުކޮށް ދިނުމަށް މުހިއްމު ދަޢުރެއް އަދާކުރާނެކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މި ޤާނޫނުގައި އަމިއްލަ ޔުނިވަރިސިޓީތަކާއި ކޮލެޖުތައް އުފެއްދޭނެ ގޮތުގެ ތަފްޞީލްތައްވެސް ހިމެނޭނެކަމަށެވެ. އަދި މި ޤާނޫނުގެ ސަބަބުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޮރިޓީއަށް ޤާނޫނީ ބާރުވެރިކަމެއް ލިބިގެންދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މަތީ ތަޢުލީމް ފޯރުކޮށްދިނުމާ ގުޅޭ ޤާނޫނެއް ހެދުމަށް މަސައްކަތް ކުރަމުންދާއިރު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވަނީ މަތީ ތަޢުލީމާއި ތަމްރީނު ހާޞިލު ކުރަން ލިބޭ ފުރުޞަތުތަކުގެ ބޭނުން ނުހިފައި ދޫކޮށްލާ ދަރިވަރުންނާމެދު އަމަލު ކުރާނެ އުސޫލެއްވެސް ކަނޑައަޅާފައެވެ. މިއުޞޫލްގެ ދަށުން މަތީ ތަޢުލީމްގެ ފުރުޞަތުތައް ލިބޭ ދަރިވަރުން އެފުރުޞަތު ދޫކޮށްލައިފިނަމަ ވަކި މުއްދަތެއްވަންދެން އެފަދަ ފުރުޞަތުތަކުން މަޙްރޫމް ކުރުމާއި، އެ ތަޢުލީމީ ފުރުޞަތެއް ދިނުމަށް އެ ދަރިވަރަކަށް ނުވަތަ ޔުނިވަރސިޓީއަށް މިނިސްޓްރީން ދިން ފައިސާ އަނބުރާ ދެއްކުން ހިމެނެއެވެ.

މީގެ އިތުރުން އެ މިނިސްޓްރީން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކިޔަވާ ދަރިވަރުންނަށް ފަސޭހައިން ލޯނު ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްވެސްކުރަމުންނެވެ.