ޚަބަރު

ޑރ. ފަރަޙްނާޒް، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އިނގިރޭސި ރާނީގެ އަތްޕުޅަށް އަރުވައިފި


އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ.ފަރަޙްނާޒް ފައިޞަލް އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އިނގިރޭސި ރާނީ ކުއީން އެލިޒަބަތު ދޭއްގެ އަތްޕުޅަށް އަރުވައިފިއެވެ.

ބަކިންހަމް ޕެލަސްގައި މިއަދު ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި ޑރ. ފަރަހްނާޒް ފަތްކޮޅުއެރުވި ރަސްމިއްޔާތުގައި އެކަމަނާގެ ފިރިކަލުން ޑރ. މުޙައްމަދު އަޙްމަދު ދީދީ ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ އިތުރުން ލަންޑަންގައި މިއަދު ބޭއްވި ކޮމަންވެލްތާ، ސާކް ޤާއުމުތައް ހިމެނޭހެން ސަތޭކައަށްވުރެ ގިނަ ޤައުމެއްގެ ހައިކޮމިޝަނަރުންނާއި، މޯލްޑިވްސް ޔޫކޭ އޯލް ޕާޓީ ޕާލިމެންޓްރީ ގްރޫޕް އާއި އިނގިރޭސި ސަރުކާރުގެ އިސް އޮފިޝަލުން ބައިވެރިވި ބައްދަލުވުމެއްވަނީ ބާއްވާފައެވެ.

މިރަސްމިއްޔާތުގައި ޑރ.ފަރަހްނާޒް ދެއްކެވި ވާހަކަފުޅުގައި ރާއްޖެ ކޮމަންވެލްތާ އަލުން ގުޅުމުގެ މަސައްކަތް ވީހާވެސް އަވަހަށް ނިމިގެންދާނެކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވިއެވެ. އަދި ކޮމަންވެލްތުގެ ޤައުމުތަކުންނާއި، ޚާއްސަކޮށް އިނގިރޭސިވިލާތުން ރާއްޖެއަށް ދޭ އެހީތެރިކަން ފާހަގަކުރައްވައި ފަރަޙްނާޒް ވަނީ ޝުކުރުއަދާކުރައްވާފައެވެ.

އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، ހެންވޭރު އަމީނީގެ ޑޮކްޓަރ ފަރަޙްނާޒް ފައިޞަލް، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވީ މިއަހަރުގެ އޭޕްރީލްމަހުގެ 18 ވަނަ ދުވަހުގައެވެ.

ރާއްޖޭގެ އަހަންހެން ބޭފުޅުންގެތެރެއިން ފުރަތަމަ ފަހަރަށް ޕީއެޗްޑީ ހާސިލްކުރެއްވި ޑޮކްޓަރ ފަރަޙްނާޒް ފައިޞަލަކީ ކުރިންވެސް އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމާއި، ޑެންމާކް، ފިންލެންޑް، ފަރަންސޭސިވިލާތް، ނޯވޭ، ސްޕެއިން އަދި ސްވިޑްން އަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ނޮން-ރެޒިޑެންޓް އެމްބެސެޑަރކަން ކުރައްވާފައިވާ ބޭފުޅެކެވެ. ޑޮކްޓަރ ފަރަޙްނާޒް ޕީ.އެޗް.ޑީ ހާސިލް ކުރައްވާފައިވަނީ ޕޮލިޓިކްސްގެ ދާއިރާއިން، އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ހަލް އިންނެވެ.