ޚަބަރު

ތަރައްޤީވަމުން އަންނަ ޤައުމަކަށް ބަދަލުވުމުން ހަރުދަނާ އިޤްތިޞާދެއް ބިނާކުރުމަށް، ރާއްޖެއަށް ބޮޑު ހިތްވަރެއް ލިބުނު - ރައީސް


ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ލިސްޓަށް ރާއްޖެ އެރުމުން މާބޮޑު ކުރިއެރުމެއް ނުލިބުނު ނަމަވެސް، އޭގެސަބަބުން އަމިއްލަ ފައިމައްޗަށް ތެދުވެވޭވަރުގެ އިޤްތިޞާދެއް ބިނާކުރުމަށް، ރާއްޖެއަށް ބޮޑު ހިތްވަރެއްލިބިގެންދިޔަކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެެވެ.

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް ފޯރަމް ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ރާއްޖެ މިހާރު ކަނޑައްތުކުރަމުން މިދަނީ އިޤްތިޞާދީ ތަރައްޤީއާމެދު، ފުން ނަޒަރަކުން ވިސްނަން ޖެހިފައިވާ ދުވަސްވަރެއްކަމަށެވެ. މި ޖީލުގެ މީހުން ދުނިޔެއަށް ނޭވާލާން ފެށިއިރު، ރާއްޖެއަކީ ވަރަށް ފަޤީރު ޤައުމެއް ނަމަވެސް، ރާއްޖެއަކީ އަބަދުވެސް އަމިއްލަ މަސައްކަތުން އާމްދަނީ ހޯދައިގެން ތަރައްޤީވެ ކުރިއަރަން މަސައްކަތް ކުރާ ޤައުމެއްކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މި ސަރަޙައްދުގެ ޤައުމުތަކާ އަޅާބަލާއިރު، ކުރު މުއްދަތެއްގެ ތެރޭގައި، ރާއްޖޭގެ އިޤްތިޞާދީ ދުވެލި ކުރިއަރައިގެންދިޔަ މިންވަރަކީ އެކަމުގެ ހެއްކެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ 2011 ވަނަ އަހަރުގެ ތެރޭގައި ރާއްޖެ ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ލިސްޓަށް ނުވަތަ މެދުފަންތީގެ އާމްދަނީ ލިބޭ ޤައުމުތަކުގެ ލިސްޓަށް އަރާފައިވާއިރު، އެއީ ބައިނަލްއަޤްވާމީ އިޤްތިޞާދީ މިންގަނޑުން ޤައުމުތައް ގިންތިކުރުމުގައި، ރާއްޖެއަށް ލިބުނު ކުރިއެރުމެއް ނަމަވެސް، އެ ބަދަލުގެ ސަބަބުން، ރާއްޖެއަށް ވަރަށް ގިނަ ގޮންޖެހުންތަކެއްވެސް ކުރިމަތިވިކަމަށެވެ.

"ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ލިސްޓަށް ރާއްޖެ އެރުމަކީ، އޭގެ ޒާތުގައި ރާއްޖެއަށް ލިބުނު މާބޮޑު ކުރިއެރުމެއް ނޫން. ނަމަވެސް، އަމިއްލަ ފައިމައްޗަށް ތެދުވެވޭވަރުގެ އިޤްތިޞާދެއް ބިނާކުރުމަށް، ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް. މި ދެންނެވި ބަދަލުގެ ސަބަބުން، ވިޔަފާރިތަކަށް ބޭނުންވާ ފައިސާ ހޯދުމާއި، އިންވެސްޓްމަންޓްގެ ދާއިރާއިން އިތުރު ފުރުޞަތުތައް ހޯދަން ރާއްޖެއަށް މަޖުބޫރުވޭ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކެޕިޓަލް މާކެޓަކީ ރާއްޖޭގެ އިޤްތިޞާދަށް ހަކަތަ ފޯރުކޮށްދޭ މައި އިންޖީނުކަމަށާއި، ރާއްޖޭގެ އިޤްތިޞާދުގެ މިހާރުގެ ޙާލަތަށް ބަލާއިރު، ކެޕިޓަލް މާކެޓް ތަރައްޤީ ކުރުމަކީ، ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ފުޅާކޮށް، ރާއްޖޭގެ އިޤްތިޞާދު މަތީ ހަރުފަތަކަށް ގެންދިޔުމަށްޓަކައި ބޭނުންތެރި ކަމެއްކަމަށެވެ. އަދި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް ފޯރަމްގެ ޝިއާރުކަމުގައިވާ "ކެޕިޓަލް މާކެޓް ފޮރ ސޯޝަލް ހާމަނީ"ގެ މުހިއްމުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އިޖުތިމާޢީ ހަމަޖެހުން ޤާއިމުކުރުމުގައި، ކެޕިޓަލް މާކެޓަށް ވަރަށް މުހިންމު ދައުރެއް އަދާކުރެވިދާނެކަމަށެވެ.

ޤައުމީ ތަރައްޤީގެ މަޝްރޫޢުތަކުގައި ޢަމަލީ ގޮތުން ކޮންމެ މީހަކަށް ބައިވެރިނުވެވުނު ނަމަވެސް، ކެޕިޓަލް މާކެޓް މެދުވެރިކޮށް، ތަރައްޤީގެ މަޝްރޫޢުތަކުގައި ބައިވެރިވުމަކީ، ކޮންމެ ފަރުދަކަށްވެސް އޮތް ފުރުޞަތެއްކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ޤައުމީ ޞިނާޢަތްތަކުގައި، ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމުގައި، ކެޕިޓަލް މާކެޓުގެ ޙިއްޞާ ބޮޑުކަމަށެވެ.

"މުޅި މުޖުތަމަޢުގެ ނިސްބަތުން ބަލާއިރު، ފަރުދުންގެ ފުދުންތެރިކަން ބިނާވެފައި އޮންނަނީ، ހަމައެކަނި ވަޒީފާއިން ލިބޭ އާމްދަނީގެ މައްޗަކަށް ނޫން. ވިޔަފާރިއާއި އިޤްތިޞާދީ ޙަރަކާތްތަކުގެ ދައުރު، މިކަމުގައި މާ ބޮޑު. ރާއްޖެއަށް ބަލާއިރު، އިޤްތިޞާދީ ވައްބުރުގެ ބޮޑު އިންސައްތައެއް ޙިއްޞާކުރަނީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް." ރައީސް ވިދާޅުވިއެވެ.

ސީއެމްޑީއޭއާއި މޯލްޑިވްސް ސްޓޮކް އެކްސްޗޭންގް ގުޅިގެން ކެޕިޓަލް މާކެޓް ފޯރަމްގެ ނަމުގައި ބަނޑޮސް މޯލްޑިވްސް ރިޒޯޓްގައި ބޭއްވި މި ފޯރަމަކީ ޙިއްސާގެ ބާޒާރާއި ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ބޭއްވޭ އެންމެ ފުރަތަމަ ބައްދަލުވުމެވެ.