ޚަބަރު

ކައުންސިލްތަކުން މަޝްރޫޢުތައް ހިންގަންވާނީ ބީލަމަށް ހުޅުވާލައިގެން، ވިޔަފާރިކޮށްގެން ނުވާނެ - ރައީސް ނަޝީދު


ސަރުކާރާއި ކައުސިލްފަދަ އިދާރާތަކުން އެކި ބާވަތްތަކުގެ ވިޔަފާރި ކުރުމަކީބޮޑު ގޯހެއްކަމަށާއި އެއީ ވިޔަފާރީގެ ފައިދާ ނުހޯދޭ މައިގަނޑު ސަބަބުކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ގއ.ވިލިނގިލީގައި މިއަދު ފެށި ދެކުނު އަތޮޅުތަކުގެ މަޖިލިސް މެމްބަރުންނާއި ކައުންސިލަރުން ބައިވެރިވެވަޑައިގަންނަވާ “ދެކުނު މަހާސިންތާ” ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދުވަނީ ރައްޔިތުންގެ މަޖިލީހުން ލާމަރުކަޒީ ޤާނޫނު އިސްލާޙްކުރުމުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާއިރު، އެއިސްލާޙްތައް ނިިމިގެންދާއިރު ރައްޔިތުންނަށް ލިބިގެންދާނެ މުހިއްމު ފައިދާތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްލަވާފައެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުން އެންމެ ބޭނުންވާ ސިއްޙީ ޚިދުމަތްތަކާއި، ފެނާއި ނަރުދަމާ ފަދަ ޒަރޫރީ ޚިދުމަތްތައްވެސް ރައްޔިތުން އެންމެ ބޭނުންވާ ވަރަށް ލިބިގެން ނުދާކަމަށެވެ. އެފަދަ ކަންކަން ކައުންސިލްތަކަށް ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތްކަމަށް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝިދުވަނީ ސަރުކާރާއި، ކައުންސިލް ފަދަ ތަންތަނުން ވިޔަފާރިކުރުން ރަނގަޅުނޫންކަމަށް ވިދާޅުވެ އޭގެސަބަބުން ދިމާވާކަމަށް އެމަނިކުފާނު ޤާބޫލުކުރައްވާ މައްސަލަތައް ތަފްސީލުކޮށްދެއްވާފައެވެ.

"ސަރުކާރުން ވިޔަފާރިކުރުމަކީ ބޮޑު ގޯހެއް. އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް އެއްވެސް ސަރުކާރަކުން ކުރުމަކީ އެވިޔަފާރިއެއްގެ ސީދާ ނަފާ ސާދާގޮތުގައި ނުހޯދޭ އެންމެ ބޮޑު ސަބަބު. ވިޔަފާރިއެއްގެ އެންމެ ބޮޑުއަސާސަކީ ފައިދާއަކީ ފައިދާ. ތިމެންނާއަށް އެފައިދާ ހޯދުމަށް ކުރާކަމެއްމީ" ނަޝިދު ވިދާޅުވިއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުން ހޯދައިދޭނީ ރައްޔުތުންގެ ޖީބަށް އިތުރުވާފަދަ ތަރައްޤީކަމަށާއި، ރަށުކައުންސިލްގެ މިލްކިއްޔާތަށް ރަށުގައިވާ އުފުލޭ އަދި ނުއުފުލޭ މުދާ ބަދަލުވެގެންދާއިރު، އަތޮޅުގައިވާ ހުރިހާ މުއްސަނދިކަމެއް ބޭނުންކުރެވޭނީ އަތޮޅުކައުންސިލްގެ ވެރިޔާގެ ހުއްދައާ ރުހުމާއެކުކަމަށް ވިދާޅުވިއެވެ. އަދި އެފަދަ ބޭނުންތަކުގެ ބޭނުން އެއްވެސް ފަރާތަކަށް ހިފޭނީ މައި ސަރުކާރާއި އަތޮޅު ކައުންސިލުން އެއްބާސްވާ ގޮތަކަކަށްކަމުގައި ވިދާޅުވިއެވެ.

އަންނަ އަހަރަށް ފާސްކުރަން މިަދަނީ 39 ބިލިޔަން ރުފިޔާގެ ބަޖެޓެއްކަމަށާއި އެއީ ރައްޔިތުން އެންމެ ބޭނުންވާ ކަންކަން ހާސިލުކުރުމަށް މަގުފަހި ކުރުވާނެ ބަޖެޓެއްކަމުގައި ވިދާޅުވިއެވެ. ރައީސް ނަޝީދުގެ ވާހަކަފުޅުގައި އެމްޑީޕީން ދެކުނުގެ އަތޮޅުތަކުގެ ތާރީޚަށް ބަލައިގެން ތަރައްޤީގެ ކަންކަމުގައި ލަސްތަކެއް ނުކުރާނެކަމަށްވެސް ވަނީ ވިދާޅުވެފައެވެ.