ޚަބަރު

އިސްލާމީ ޝަރީޢަތަށް ބަދުބަސްބުނުމަކީ ލަދުވެތިވާންޖެހޭ ކަމެއް، އިސްލާޙްވެ ތަޢުބާވޭ - ޝައިޚް އިލްޔާސް


މުސްމިލިމު ޤައުމެއްގައި މުސްލިމުންގެ ގޮތުގައި ތިބެ، މާތްވެގެންވާ އިސްލާމް ދީނާއި، ކީރިތި ރަސޫލާ މުޙައްމަދު صلى الله عليه وسلم އަށް ފުރައްސާރަކޮށް ބަދުބަސް ބުނަން ލަދުގަންނަންޖެހޭކަމަށާ، އެފަދަ މީހުން ތައުބާވެ، އިސްލާޙްވުމަށް ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް އިލްޔާސް ޙުސައިން ގޮވާލައްވައިފިއެވެ.

"ލޮބުވެތި ނަބިއްޔާ" މި މައުޟޫއަށް ކާނިވާ ސަރަހައްދުގައި ދެއްވި ދަރުސްގައި ޝައިޚް އިލްޔާސްވަނީ ކީރިތި ޤުރުޢާނުގައި އައިސްފައިވާ ކަންކަމަކީ ފްލޯކު ވާހަކަތައްކަމަށް ބުނެ ވާހަކަދައްކާ މީހުންނަކީ ރަސޫލު ޒަމާނުގައި މައްކާގެ މުޝްރިކުން ބުނަމުންދިޔަ ފަދަ ވާހަކަތަކެއް ދައްކާ ބައެއްކަމަށް ވިދާޅުވެ، މާތްﷲ ގެ ވަޙީ ބަސްފުޅުތަކާއި ކީރިތި ރަސޫލާ މުޙައްމަދު صلى الله عليه وسلم ގެ އިރުޝާދުތަކުގެ އަލީގައި ތަފްސީލީ ގޮތެއްގައި ރައްދުދެއްވާފައެވެ.

ކީރިތި ޤުރުއާނަކީ ކިތަންމެ ގިނަ ޒަމާންތަކެއްވީނަމަވެސް ބަދަލެއްނުވާނެ، ދެވަނައެއްނުވާ ފުރިހަމަ ހިދާޔަތެއްކަން ހާމަކުރައްވައި ކީރިތި ޤުރުޢާނުގައި އިންސާނީ ޙައްގުތަކާއި، އިންސާނިއްޔަތައް ފައިދާހުރި އެތައްކަމެއް އައިސްފައިވާކަން މިސާލުދައްކަވަމުން ޝެއިޚް އިލްޔާސް ތަފްސީލުކޮށްދެއްވިއެވެ.

މީގެ އިތުރުން އިލްޔާސްވަނީ ކީރިތި ރަސޫލާ މުޙައްމަދު صلى الله عليه وسلم ދެކެ މުސްލިމުން ލޯބިކުރަންވީ ސަބަބުތަކާއި، ޚާއްސަކޮށް ﷲގެ ހަޟުރަތުގައި އެކަލޭގެފާނުގެ ދަރަޖައިގެ މަތިވެރިކަމަށް އަލިއަޅުއްވާލައްވާފައެވެ. އަދި އެކަލޭގެފާނަކީ ޤިޔާމަތް ދުހުން މުސްލިމު އުއްމަތައްޓަކައި ޝަފާޢަތްތެރިވާނެ މާތް ސާހިބާކަން ހަނދާކޮށްދެއްވައި އުންމަތަށް އެކަލޭގެފާނު ވެވަޑައިގެންނެވި ލޯބަކީ މުސްލިމުން އެކަލޭގެފާނު ދެކެ ލޯބިވުން ދަލީލުކޮށްދޭ، އަދި އީމާންކަން ފުރިހަމަވާނެ އެއްންމެ މުހިއްމު އެއްކަމެއްކަމަށް ހަނދުމަކޮށްދެއްވާފައިވެއެވެ.

"އަޅުގަނޑުގެ ވަސިއްޔަތަކީ، ނަސޭހަތަކީ ދުނިޔެމަތީގައި އަޅުގަޑުމެން އެއިންސާނަކަށްޓަކައި ޤުރުބާންވާންޖެހޭ، އެއިސްނާނަކަށްޓަކައި އަޅުގަނޑުމެން ލޯބިވާންޖެހޭ، އެއިސްނާކަށްޓަކައި އަޅުގަނޑުމެން ހުރިހާކަމެއް ދޫކޮށްލަންޖެހޭ ޝަޚްސިއްޔަތަކީ، ހަމައެކަނި އެންމެ ޝަޚްސިއްޔަތެއް، އެއީ މިއުއްމަތުގެ މާތްނަބިއްޔާ ލޮބުވެތި މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم. ދެން އެއްވުރެ ބޮޑަށް އެކަކަށްވެސް އަޅުގަނޑުމެން ލޯބިކުރުމަކީ އަޅުގަނޑުމެންގެ އީމާންކަން ފުރިހަމަ ނުވާނެކަމެއް. ދިވެހި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސްކުރަން މިކަންކަމާމެދު ވިސްނާ ވަޑައިގަންނަވާށެ. ﷲގެ ކޯފާ އަތުވެއްޖެނަމަ ސަލާމަތްނުވާނޭ" ޝައިޚް އިލްޔާސް ވިދާޅުވިއެވެ.

ޝައިޚް އިލްޔާސް ވިދާޅުވީ މާތްވެގެންވާ އިސްލާމް ދީނާއި، ކީރިތި ރަސޫލާ މުޙައްމަދު صلى الله عليه وسلم އަށް ފުރައްސާރަކޮށް ބަދުބަސް ބުނާނަމަ، މުސްލިމުންގެ ލޭކެކޭނެކަމަށާއި، އެކަމާ ނުރުހުން ފާޅުކޮށް ޝުޢޫރުފާޅުކުރުމުން މައްސަލައެއް ނެތްކަމަށެވެ. ނަމަވެސް މީހުންގެ ފުރާނައާއި މުދަލަށް ގެއްލުންދިނުމަކީ މުސްލިމުން ކޮށްގެންވާނެކަމެއް ނޫންކަމަށް ޝައިޚް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މުސްލިމުންނޭ ބުނެ އިސްލާމްދީނަށް ފާޑުކިޔައި ރަސޫލުﷲ صلى الله عليه وسلم ގެ ޒާތުފުޅަށް ބަސްބުނެ، ކީރިތި ޤުރުއާނަކީ ހުވަފެންފުޅެކޭ ބުނީމަ އަޅުގަނޑުމެންނަށް އުނދަގޫވޭ. އެއީ މުސްލިމުންނަށް އުނދަގޫވާކަމެއް. އެއީ ކޮށްގެންވާނެކަމެއް ނޫން އެފަދަ ކަންކަމަށް އަޅުގަނޑުމެން ނުރުހުން ފާޅުކުރުން މައްސަލައެއް ނެތް. އެހެންނަމަވެސް، މުދަލަށާ، މީހުންގެ ފުރާނައަށާ، މިއިން ކަމެއް އަޅުގަނޑު ޤަބޫލެއްނުކުރަން މުސްލިމަކު ކުރާނެކަމަށް. މުސްލިމުންނަކީ ވަރަށް އަޚުލާގު މަތިވެރިބައެއް. ﷲ ގެ އޯގާވަންތަކަން އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ" ޝައިޚް އިލްޔާސް ވިދާޅުވިއެވެ.

ދަރުސް ނިންމަވާލައްވަމުން ޝައިޚް އިލްޔާސްވަނީ ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހާއި ސަލާމަތީ ބާރުތަކުގެ ބޭފުޅުން ކުރައްވައިގެން ތިއްބެވި ހުވާގައިވާގޮތަށް މިލޮބުވެރި ޤައުމުގެ އިސްލާމީ ވަޙުދަތާއި އިސްލާމީ ސިޔާދަތު ރައްކާތެރިކޮށްދެއްވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ރާއްޖޭގެ އިސްލާމީ ވަޙްދަތައް ލޮޅުން އަރުވާ ފަރާތްތަކާމެދު ފިޔަވަޅުއެއްޅުއްވުމަށްވެސް އިލްޔާސްވަނީ ސަލާމަތީ ބާރުތަކަށް ގޮވާލައްވާފައެވެ.