ޚަބަރު

އެމްއެންޑީއެފް ޑްރިލް ޑިސްޕްލޭ އާއި ބޭންޑުގެ ޙަރަކާތް މާލޭގައި ބާއްވައިފި


31 ވަނަ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި، އެމްއެންޑީއެފް ޑްރިލް ޑިސްޕްލޭ އާއި ބޭންޑުގެ ޙަރަކާތް މާލޭގައި ބާއްވައިފިއެވެ. މާލޭގައި މި ހަރަކާތް ބާއްވާފައިވަނީ ޖުމްހޫރީ މައިދާނުގައެވެ. މިހަރަކާތް ބައްލަވާލެއްވުމަށް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވަނީ ވަޑައިގެންފައެވެ.

މިއަދު ހަވީރު 16:30 ގައި ޖުމްހޫރީ މައިދާނުގައި ބޭއްވި އެމްއެންޑީއެފް މިއުޒިކަލް ޑްރިލް ޑިސްޕްލޭ އާއި ބޭންޑުގެ ހަރަކާތްތައް ބަލާލުމަށް ގިނަ އަދަދެއްގެ އާއްމުންނާއި ކުޑަކުދިން ވަނީ އެ ސަރަޙައްދަށް ޖަމާވެފައެވެ. މި ހަރަކާތުގައި އެމްއެންޑީއެފްގެ ބޭންޑުގައި ވަނީ ޤައުމީ ތަފާތު ލަވަތައް ކުޅެފައެވެ. އަދި އެ ޙަރަކާތުގައި ކުޑަކުދިންވެސް ބައިވެރިކޮށްފައިވެއެވެ.

މި ޙަރަކާތްތައް ކުރިއަށްދިޔައިރު، އާންމުންނަށް ޑްރިލް ސްކޮޑާއި ބޭންޑް އެންޑް މިއުޒިކް ވިންގްގެ ސިފައިންނާއެކު ފޮޓޯ ނެގުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

31ވަނަ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި މި މިއުޒިކަލް ޑްރިލް ޑިސްޕްލޭ އަކީ އަސްކަރީ ސިފަވަންތަކަމާއި ސަފުތަކުގެ ބަދަހިކަމާއި އެއްބައެއްގެ ގޮތުގައި މަސައްކަތްކުރުމުގެ މަތިވެރި ރޫޙު ވަރަށް ފުރިހަމައަށް ދައްކުވައިދޭ ހެވިކަމެކެވެ. އަދި މި ޑްރިލް ޑިސްޕްލޭގައި ސިފައިން ވަނީ މެހެތަރުގެ އެއްވެސް ކޮމާންޑެއް ނެތި ވަކި ސީކުއެންސަކަށް އެއްބައެއްގެ ގޮތުގައި ހެވިކަމުގެ އެކިއެކި ހަރަކާތްތައް ވެސް ދައްކާލާފައެވެ. ނަސްރުގެ ދުވަހުގެ މުނާޞަބަތުގައި އިއްޔެ ހުޅުމާލޭގައިވެސް ވަނީ މި ޙަރަކާތް ކުރިއަށް ގެންގޮސްފައެވެ.

3 ނޮވެމްބަރުގައި ފާހަގަކުރާ ނަޞްރުގެ ދުވަހަކީ، 1988 ވަނަ އަހަރު ސްރީލަންކާގެ ބާޣީ ޖަމާއަތެއްކަމަށްވާ "ޕްލޯޓް"ގެ މައްޗަށް ދިވެހިން ހޯދި ކާމިޔާބީ ފާހަގަކުރުމަށް، ފާހަގަކުރާ ދުވަހެކެވެ. 3 ނޮވެމްބަރު ގެ 18 ގަޑިއިރަށް ދެމިގެންދިޔަ މި ހަމަލާތަކުގައި، ކުށެއްނެތް 11 ދިވެހިންނާއި، ދިވެހި ސިފައިންގެ ހިތްވަރުގަދަ 8 ބޭކަލުން ވަނީ ޝަހީދުވެފައެވެ.