ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކުގެ ތެރެއިން މަތީ ތައުލީމާއި ތަމްރީނު ފުރިހަމަކުރަމުންދާ ފަރާތްތަކަށް ކިޔަވަމުންދާ ޕްރޮގްރާމް ފުރިހަމަކުރުމަށްޓަކައި ސްކޮލަރސިޕް ދީފިއެވެ.
މިއަދު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގައިގައި ބޭއްވި ބައްދަލުވުމުގައި މި ދަރިވަރުންގެ ބެލެނިވެރިންނާއި ސްކޮލަރޝިޕް ލިބުނުކަމުގެ ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރ ޑރ. އިބްރާހިމް ހަސަންއެވެ. މި ދަރިވަރުންގެ ތެރޭގައި މެލޭޝިއާގެ މޮނާޝްގައި ބެޗްލަރސް އޮފް އާޓްސް (އޮނާސް) ފުރިހަމަކުރަމުންދާ ދަރިވަރަކާއި މެލޭޝިއާގެ ވެސްޓްމިންސްޓާ އިންޓަނޭޝަނަލް ކޮލެޖްގައި މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރަމުންދާ ދަރިވަރަކު ހިމެނެއެވެ.
މި ސްކޮލަރޝިޕްގެ ދަށުން ކިޔެވުމަށް ހޭދަވާ އެއްވެސް ފައިސާއެއް އަނބުރާ ދައްކާކަށް ނުޖެހޭނޭކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ސްކޮލާޝިޕްގައި އިތުރަށް ދެއްކުމަށް ހަމަޖެހިފައިވާ ކޯސް ފީއެއްވާނަމަ އެ ފައިސާއާއި ކޯސް ނިމެންދެން މެލޭޝިއާގައި ދިރިއުޅުމުގެ ހަރަދާއި އަނބުރާ ގައުމަށް އައުމަށް ބޭނުންވާނެ ޓިކެޓް އަދި އެލަވަންސް ދިނުމަށްވަނީ ހަމަޖެހިފައެވެ.
މިދިޔަ ސެޕްޓެމްބަރ މަހުގެ 20ވަނަ ދުވަހު މާލޭގައި ހިނގި އަލިފާނުގެ ޙާދިސާގައި ގެއްލުންވި އިމާރާތްތަކާއި ހިފާގެންގުޅޭ ތަކެތީގެ އަގު 36.1 މިލިއަން ރުފިޔާ އަރައެވެ. މި ޙާދިސާގައި ޙާލުގައި ޖެހުނު 31 ޢާއިލާއެއްގެ 141 މީހަކަށް އެންޑީއެމްއޭއިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މީގެތެރެއިން 7 ޢާއިލާއެއްގެ 31 މީހުންނަކީ ގެއްލުން ލިބުނު ގެތަކުގެ ވެރިންނެވެ. އަދި ކުއްޔަށް އުޅޭ 24 ޢާއިލައަށް ވަނީ 3 މަސްދުވަހަށް ވާވަރަށް ކުރިން އެމީހުން ކުލިދައްކަމުންއައި ރޭޓަށް ރުފިޔާދީފައެވެ. ކުއްޔަށް އުޅެމުން އައި އާއިލާތަކުގެ ކުއްޔަށް ޖުމުލަ 1.5 މިލިއަން ރުފިޔާ ހޭދަވެއެވެ. އާންމުކޮށް ހުޅުވާލި އެހީތެރިވުމުގެ ފަންޑަށް 2.5 މިލިއަން ރުފިޔާވަނީ ލިބިފައެވެ.