ޓީޗަރުންގެ މުސާރައިގެ އޮނިގަނޑު ތައްޔާރުކޮށް ޕޭ ކޮމިޝަނަށް ފޮނުވާފައިވާކަމަށާއި އަންނަ އަހަރު ޓީޗަރުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތި ޢަލީ ވިދާޅުވެއްޖެއެވެ.
ޓީޗަރުންގެ މުސާރަތަކަށް ބަދަލު ގެންނާނެ އިރެއް ސާފުކުރުމުގެ ގޮތުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ މިއަދުވަނީ ރައްޔިތުން މަޖިލީހަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.
މަޖިލީހުގެ މެމްބަރުން ކުރިމަތި ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ ޓީޗަރުން ކުރާ މަސައްކަތްތަކާ ގާތަށް ވެސް މުސާރަ ނުދެވޭ ކަމަށާއި އެ މައްސަލަ ހައްލު ކުރަން ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން ޕޭ ކޮމިޝަނަށް ހުށައަޅާފައިވާ އޮނިގަނޑުގައި އެޑިއުކޭޝަން މިނިސްޓްރީ އާއި ގުޅުން ހުރި ހުރިހާ އެންމެންގެ މުސާރަ އަށް ބަދަލު ގެނައުމަށް ހުށައަޅާފައިވާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި އެ ކޮމިޝަންގެ މަސައްކަތްތައް ނިމުމުން މުސާރައަށް ގެންނަ ބަދަލުތައް އާއްމުވެގެންދާނެކަމަށްވެސް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.
މުދައްރިސުންގެ ހުރި ކަންބޮޑުވުންތައް ހައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ޓީޗަރުންގެ ފެންވަރު މަތިކުރުމުގެ ގޮތުން އެ މީހުންނަށް އަމާޒުކޮށްގެން ތަމްރީން ޕްރޮގްރާމްތަކެއް ހިންގަން ބޭނުންވާކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ ޓީޗަރުންނަކީ ވަރަށް ކޮލިޓީ އަދި ތަމުރީންވެފައި ތިބި މުވައްޒަފުންނަށް ހަދަން ބޭނުންވާ ކަމަށެވެ.
މިދާއިރާއަށް އާ ކުދިން ވެއްދުމާއި މިހާރު ތިބި މުއައްޒަފުން ވަޒީފާ ދެމި ތިބޭނެ ގޮތަކަށް މާހައުލު ބަދަލު ކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި މުދައްރިސުންގެ ގަދަރު ދަރިވަރުންގެ ކުރިމަތީ މަތި ކުރުމަށް ވެސް ޕްރޮގްރާމްތަކެއް ހިންގަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިގޮތުން މިއަހަރު އޭލެވެލް ނިންމާ ދަރިވަރުންގެ ސްކޫލަތަކަށް ގެންގޮސް މުދައްރިސުންނާއި އެކު މަސައްކަތްކުރުމުގެ ފުރުޞަތު ދިނުމަށް ނިންމާފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
އަންނަ އަހަރަށް ލަފާކޮށް، ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި 37.5 ބިލިއަން ރުފިޔާގެ ބަޖެޓުގައި ތައުލީމީ ދާއިރާ އަށް ހާއްސަކޮށް ހިމަނާފައި ވަނީ 8.6 ބިލިއަން ރުފިޔާއެވެ.