ޚަބަރު

މާރުކޭޓް ކޮމްޕްލެކްސް އަޅާ ބިން 1 މަސްތެރޭ ހުސްކުރަނީ


  • ކޮންޓްރެކްޓް ކުރީ މަރޗް މަހު

  • މަސައްކަތް ނުފެށިވަނީ ބިން ހަވާލުނުކޮށްގެން

  • މާސްމާރުކޭޓް، ދަތުރުވެރިންގެ މާރުކޭޓް އަދި ލޯކަލް މާރުކޭޓް ހިންގާނީ އެ އިމާރާތުގައި

މާރުކޭޓް ކޮމްޕްލެކްސް އަޅާ ބިމުގެ ގޮޅިތަކުގައި ތިބި މީހުންނަށް ވަގުތީގޮތުން ތަނެއް ހަމަޖައްސައި، އައު މާރުކޭޓު އެޅުމަށް 1 މަސްތެރޭގައި ބިން ހުސްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މާރުކޭޓް ކޮމްޕްލެކްސްގެ މަސައްކަތަކީ މިވަގުތު މާލޭގައި ކުރިއަށްގެންދަން ނިންމާފައިވާ އެންމެ ބޮޑު އެއް މަސައްކަތެވެ.

މާލޭގައި ހިންގަމުންދާ މައި ހުރިހާ މާރުކޭޓްތައް އެއް އިމާރާތަކަށް ގެނައުމަށް، މާލެ މާރުކޭޓް ކޮމްޕްލެކްސް ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކުރީ، މިއަހަރުގެ މަރޗް މަހު ޓްރަސްޓެންގ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. އިމާރާތް އަޅަނީ މިހާރު ލޯކަލް މާރުކޭޓު ހުރި ބިމުގައެވެ.

މަސައްކަތް ހަވާލުކޮށް 5 މަސް ވެގެންދިޔައިރު، ޢަމަލީ މަސައްކަތް ނުފެށިވަނީ އެކަމަށް ބޭނުންވާ ބިން މާލެ ސިޓީ ކައުންސިލުން ހަވާލުނުކޮށްގެންކަމަށް ސަރުކާރުގެ ކަމާގުޅޭ ވުޒާރާތަކުން ހާމަކުރެއެވެ.

މި މަސައްކަތް ފެށުމަށް ހުރި ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ މަޢުލޫމާތު ޙިއްސާކުރައްވަމުން މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުއްޠަލިބް ވިދާޅުވީ ވަގުތީ މާރުކޭޓެއް ހަދައި، އެއް މަސް ތެރޭގައި ބިން ހުސްކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. ވަގުތީ މާރުކޭޓް ހެދުމަށް ކުރީގެ އެސްޓީއޯ ހުރި ތަނާއި ތައިސޭކޮށި ބަލަމުންދާކަމަށް ވިދާޅުވިއެވެ.

މާލޭގެ ބާޒާރުމަތީ ސަރަޙައްދުގައި އިމާރާތްކުރާ މާރުކޭޓް ކޮމްޕްލެކްސް ތަރައްޤީކުރަނީ 6 ފަންގިފިލާއަށެވެ. މިއީ 126.4 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ.

އިމާރާތް އަޅަނީ 15،525 އަކަފޫޓުގެ ޖާގައިގައެވެ. ހުރިހާ ފަންގިފިލާތައް ހިމެނޭހެން އިމާރާތުގެ ޖާގަ 95،000 އަކަފޫޓަށްވުރެ ބޮޑެވެ. އައު އިމާރާތާއެކު މަސްމާރުކޭޓް، ދަތުރުވެރިންގެ މާރުކޭޓް އަދި ލޯކަލް މާރުކޭޓް ދެން ހިންގާނީ އެ އިމާރާތުގައެވެ. މުޅި ޖުމުލަ 455 ގޮޅި މި މާރުކޭޓު ކޮމްޕްލެކްސްގައި ޤާއިމުކޮށް ދޫކުރާނެއެވެ.

އިމާރާތުގެ އެންމެ ތިރި، (ބޭސްމަންޓް) ތަރައްޤީކުރަނީ 400 ސައިކަލަށް ޕާކު ކުރެވޭ ޖާގައާއެކުއެވެ. އެންމެ މަތީ ފަންގިފިލާ ތަރައްޤީކުރަނީ ކެފޭ/ރެސްޓޯރަންޓްގެ ކޮންސެޕްޓަށް ފުޑް ކޯޓެއްގެގޮތުގައެވެ.
ސަރުކާރުގެ ޢަމާޒަކީ މި މަސައްކަތް 1 އަހަރާ 8 މަސް ތެރޭގައި ނިންމުމެވެ.

މާލޭގެ ބާޒާރުމަތި ތަރުތީބުކޮށް، އެ ސަރަޙައްދަކީ ބޭނުންކުރަން ދާ ފަރާތްތަކަށް އަދި ޚިދުމަތް ދޭ މީހުންނަށްވެސް ފަސޭހަ ސަރަޙައްދަކަށް ހެދުމަކީ ސަރުކާރުގެ ޢަމާޒެވެ. މީގެދަށުން އެ ސަރަޙައްދުގެ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކޮށް އަދި ބަނދަރަށްވެސް ވަނީ ބޮޑެތި ބަދަލުތައް ގެނެސްފައެވެ.