ސީލައިފުން ފްލެޓް ގަތް މީހުންގެ ތެރެއިން ކޯޓަށް މައްސަލަ ހުށަނާޅައި ތިބި ފަރާތްތަކަށް ބަދަލު ހޯދުމަށް ހުށައެޅުމުގެ ފަހު ފުރުސަތު އެޗްޑީސީން ދީފިއެވެ.
އެޗްޑީސީން ބުނީ ސިވިލް ކޯޓުގެ ޤަޟިއްޔާގައި ހިމެނިފައިނުވާ ފަރާތްތަކުގެ ތެރެއިން ސީލައިފަށް ފައިސާ ދައްކާ، އެފައިސާ އަނބުރާ ނުލިބޭ ފަރާތްތަކަށް އެކަމަށް އެދުމަށް މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ.
މިގޮތުން ބަދަލު ހޯދުމަށް ސީލައިފުން ފުލެޓު ގަތުމަށް ވެފައިވާ އެއްބަސްވުމާއި ފުލެޓު ގަތުމަށްޓަކައި ފައިސާދެއްކި ރަސީދު ހުށައަންޖެހެއެވެ. އެ ކޯޕަރޭޝަނުން ވިދާޅުވީ މި މުއްދަތުގެ ތެރޭގައި ލިޔެކިޔުންތައް ހުށަނާޅާ ފަރާތްތަކަށް އިތުރު ފުރުޞަތު ނުދޭނެކަމަށެވެ.
ސީލައިފް ގްލޯބަލްއަށް ފްލެޓް ގަތުމަށް ފައިސާދެއްކި 189 މީހަކު ބަދަލު ހޯދުމަށް ހުށައަޅާފައިވާކަމަށް އެޗްޑީސީން ބުނެއެވެ. މި މީހުންނަކީ މީގެކުރިން ބަދަލު ހޯދުމަށް ހުށައެޅި މީހުންގެ ތެރޭގައި ނުހިމެނޭ ބައެއްކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
ސީލައިފުން ފްލެޓް ގަތުމަށް ފައިސާ ދެއްކި މީހުންގެ ތެރެއިން 203 މީހަކު ވަނީ ބަދަލު ހޯދުމަށް ސިވިލްކޯޓަށް އެ މައްސަލަ ހުށައަޅާފައެވެ. އެޗްޑީސީން ބުނީ މިހާތަނަށް ބަދަލު ހޯދުމަށް ހުށައަޅާފައިވާ މީހުންގެ ލިޔެކުންތައް އިވެލުއޭޓްކުރުމާއި އެހެނިހެން އިދާރީ މަސައްކަތްތައް ކުރަމުންދާކަމަށެވެ. އަދި އެ ފަރާތްތަކަށް ބަދަލު ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ވަރަށް އަވަހަށް ފަށާނެކަމަށް އެޗްޑީސީން ބުނެއެވެ.
ސީލައިފުން ހުޅުމާލޭގައި 3000 އެޕާޓްމެންޓު އެޅުމަށް ބޮޑު މަޝްރޫއެއް އިއުލާނު ކުރީ މީގެ ތިން އަހަރު ކުރިންނެވެ. އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ އެޕާޓްމެންޓްތައް ގަތުމަށް ބައެއް މީހުންވަނީ ފަންސާސް ހާހަށްވުރެ ގިނަ ފައިސާ ދައްކާފައެވެ.
ކުރީގެ ރައީސް ޔާމިންގެ ވެރިކަމުގައި 3000 ފްލެޓް އެޅުމަށް ސީ ލައިފްއާއި ހަވާލުކޮށްފައިވަނީ އެވަރުގެ މަޝްރޫއެއް ހިންގުމުގެ ޤާބިލްކަން އެ ކުންފުނީގައި ނެތްކަން އެނގިތިބެކަން އެޗްޑީސީން އެކުލަވާލާފައިވާ ރިޕޯޓުން އެނގެއެވެ.
މަކަރާ ޙީލަތުގެ މައްސަލާގައި ފުލުހުން އަންނަނީ ސީލައިފުގެ ވެރިޔާ އަހުމަދު މޫސާ މުހައްމަދު ހޯދުމުންނެވެ. އަދި އޭނާ ހޯދުމަށް އިންޓަޕޯލުން ރެޑް ނޯޓިސްވެސް ވަނީ ނެރެފައެވެ.