ކުޅިވަރު

ފަރިތަކުރުންތައް ކުރިއަށްގެންދާނެ ފުރުޞަތު ނުލިބި ދެދުވަސް ކުރިން އައުމުގެ މާބޮޑު ފައިދާއެއް ނުކުރި - ފައިސަލް


ފަރިތަކުރުންތައް ކުރިއަށްގެންދާނެ ތަނެއް ނުލިބި ދެދުވަސް ދިއުމުން ކުރީބައިގައި ބަންގްލަދޭޝްއަށް އައުމުގެ މާބޮޑު ފައިދާއެއް ނުކުރިކަމަށް ކޯޗް މުޙައްމަދު ފައިސަލް ބުނެފިއެވެ.

ބަންގްލަދޭޝްގައި މާދަމާ ފަށާ އޭވީސީ ސެންޓްރަލްޒޯން ސީނިއާ އަންހެން ވޮލީބޯޅަ ޓީމް މުބާރާތުގައި ވާދަކުރުމަށް ބަންގްލަދޭޝްއަށް ދިޔައީ މިމަހުގެ ހަވަނަ ދުވަހުއެވެ. އަދި ޓީމަށް ބަންގްލަދޭޝަށް ދެވުނުތާ ދެދުވަސްވީއިރުވެސް ފަރިތަކުރާނެ ތަނެއް ހަމަޖެހިފައެއް ނުވެއެވެ.

ޕީއެސްއެމް ސްޕޯޓްސްއާއި ވާހަކަ ދައްކަމުން ކޯޗް މުޙައްމަދު ފަހުމީ ބުނީ، އެހެންޓީމުތަކަށްވުރެ އަވަހަށް ރާއްޖެޓީމުން ބަންގްލަދޭޝްއަށް އައީ، މާހައުލަށް ފަރިތަވެލައި ފަރިތަކުރުންތަކެއް ކުރިއަށްގެންދިއުމުގެ ބޭނުމުގައި ކަަމަށާ، ނަމަވެސް އޭގެ މާބޮޑު ފައިދާއެއް ނުކުރިކަމަށެވެ. އަދި ފަރިތަކުރުމެއް ނެތި ދެދުވަސް ހޭދަކުރަން ޖެހުމުން ކުޅުންތެރިނަށް އޭގެ އަސަރު ކުރިކަމަށްވެސް ކޯޗު ވަނީ ބުނެފައެވެ.

ކޯޗް ފަހުމީ ބުނީ މުބާރާތުގެ ކުރިން ފަރިތަކޮށްލަން ލިބޭނީ އެންމެ ފަހަރަކު ކަމަށާއި އެފުރުޞަތުގެ ބޭނުން އެންމެ ރަނގަޅަށް ހިފައި ފުރަތަމަ މެޗަށް ވެވެންއޮތް އެންމެ ރަނގަޅަކަށް ތައްޔާރުވާނެކަމަށެވެ.

"އަޅުގަނޑުމެން މިކޮޅަށް އެހެން ޓީމުތަކަށްވުރެ ކުރިން އައީ އަސްލު ފަރިތަކުރުންތަކެއް ކުރިއަށްގެންގޮސް ތައްޔާރީތައްވާން. އެކަމު އޭގެ މާބޮޑު ފައިދާއެއް ނުކުރި. އެއީ ފަރިތަކުރުންތައް ކުރިއަށްގެންދާނެ ތަނެއް ނުލިބި އެފުރުޞަތު ނުލިބި ދެދުވަސް މިދިޔައީ، އެކަމުގެ އަސަރު ވަރަށް ބޮޑަށް ކުރި، އެކަމު ޓީމުގެ ފޯކަސް ބަހައްޓާނީ މުބާރާތައް" ކޯޗް މުޙައްމަދު ފައިސަލް ބުންޏެވެ.

ޓީމް ހަވަނަ ދުވަހު ބަންގްލަދޭޝްއަށް އައުމަށްފަހު ފަރިތަކުރުންތަށް ކުރިއަށްގެންދަން ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް އެކަން ކާމިޔާބުނުވީ ފަރިތަކުރުންތައް ކުރިއަށްގެންދާނެ ތަނެއް ހަމަނުޖެހުމުންނެވެ. މުބާރާތުގެ ޓެކްނިކަލް ޓީމުން ބުނެފައިވަނީ މުބާރާތުގައި ވާދަކުރާ ކޮންމެ ޓީމަކަށްވެސް މުބާރާތުގެ ކުރިން ފަރިތަކުރުމުގެ ފުރުޞަތު ލިބޭނެކަމަށާއި، ނަމަވެސް އެފުރުޞަތު ލިބޭނީ އަށްވަނަދުވަހު ކަމަށެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެ މާދަމާ ނިކުންނާނީ ކިރުގިސްތާނާއި ދެކޮޅަށެވެ.