އޭވީސީ ސެންޓްރަލް ޒޯން ސީނިއާ އަންހެން މުބާރާތުގެ އޯޕަނިންގ މެޗުގެ ސެކަންޑް ރެފްރީއަކަށް ދިވެހި ރެފްރީ ޢަބްދުލްމަޖީދު މޫސާ ހަޖައްސައިފިއެވެ.
މިގޮތަށް ހަމަޖެއްސީ ރޭ ޓީމުތަކުގެ މެނޭޖަރުންނާއި ކޯޗުންނާއި މުބާރާތުގެ އޮފިޝަލުންނާއެކު ބޭއްވި ޓެކްނިކަލް މީޓިންގައެވެ. މުބާރާތުގެ އޯޕަނިންގ މެޗުގައި މުބާރާތް ބާއްވާ ޤައުމު ކަމަށްވާ ބަންގްލަދޭޝްއާއި އަފްޣާނިސްތާން ވާދަކުރާ މެޗުގެ ސެކަންޑް ރެފްރީކަން ކުރުމުގެ ފުރުސަތު ޢަބްދުލްމަޖީދު މޫސާއަށް ލިބުނުއިރު މިއީ އޭނާ ރެފްރީކަންކުރާ ފުރަތަމަ އިންޓަނޭޝަނަލް މުބާރާތެވެ.
މިހާރު ރާއްޖޭގައި ބާއްވާ ކޮންމެ ވޮލީބޯޅަ މުބާރާތެއްގައިވެސް ފެންނަމުންދާ ރެފްރީ މަޖީދު އޭވިސީގެ އިންޓަނޭޝަނަލް ކެނޑިޑޭޓް ކޯސް ފުރިހަމަކުރީ މިދިޔަ އަހަރު ތައިލޭންޑްގައެވެ. އޭގެކުރިން 2016ވަނަ އަހަރު އޭނާ ވަނީ ތައިލޭންޑްގައި ރިފްރެޝާ ކޯހެއް ފުރިހަމަކޮށްފައެވެ.
މިފަހަރުގެ މުބާރާތުގެ އޯޕަނިންގ މެޗުގައި މުބާރާތް ބާއްވާ ޤައުމު ކަމަށްވާ ބަންގްލަދޭޝާއި އަފްޣާނިސްތާން ވާދަކުރާއިރު ރާއްޖެ ވާދަކުރާ ފުރަތަމަ މެޗުގައި ނިކުންނަން ޖެހޭނީ ކިރިގިސްތާނާ ދެކޮޅަށެވެ.